Support Us

ޓްރަމްޕަކީ އެމެރިކާއާއި ދުނިޔެއަށް ހުރި ނުރައްކަލެއް؟!!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އެމެރިކާއަށް ވެސް މުޞީބާތަކަށް ވެފައެވެ. ދުނިޔެއަށް ހުރި ނުރައްކަލަކަށް ވެފައެވެ. އޭނާ އިސްވެ ހުރެގެން ވަނީ އެމެރިކާގައި އެތައް ހަމަނުޖެހުމެއް ހިންގައިފައެވެ. ކޯޓްތަކަށާއި ސަލާމަތީ ބާރުތަކަށް އެތައް މުޞީބާތެއް ޖައްސައިފައެވެ. އޭނާގެ އިސްނެގުމަށް އެ މީހުންގެ "ބާރު ދައްކައިލާން" ގޮވައި، މީހުން އެއްކޮށް، މަޖިލީސްކުރާ ގެއަށް (ކެޕިޓޮލް ހިލް) މީހުންތައްވަދެ އެތައް ގެއްލުންތަކެއް ދީފިއެވެ. މި ހަމަނުޖެހުމުގައި ރައްޔިތުންތެރެއިން އެކަކާއި ފުލުހަކު ވަނީ މި ދުނިޔެއާ ވަކިވެފައެވެ. އަދި ވެސް އޭނާގެ ކިބައިން އަމާންކަމެއް ނުފެނެއެވެ. ދައްކާ ވާހަކަ ދިމައެއް ނުވެއެވެ. އޭނާއާ މެދު އެއްވެސް އިތުބާރެއް ނެތެވެ.

ދާދި ފަހުން ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖޯބައިޑްން ރައީސް ކަމުގެ ހުވާކުރާ ރަސްމިއްޔާތުގައި ވެސް އޭނާ ބައިވެރިނުވާނެ ކަމަށެވެ. މިއީ އެމެރިކާގެ ޒަމާންވީ ސަގާފަތާ ޚިލާފު ކަމެކެވެ. ބައެއް ފަހަރު މިހާރު އެންމެން ވެސް ސުލްޙައަށް ލޯބިކުރާން ގޮވައިލުމާއެކު މަޖިލީސް މެންބަރުންނަށާއި ދައުލަތުގެ އެކި ބާރުތަކަށް ބަހުގެ ޙަމަލާތައްދެއެވެ. އެހެންކަމުން އޭނާ ކޮށްފައި ނުކުރާނެ ކަމެއް ހަމަ އެކަކަށް ވެސް ނޭނގެއެވެ. މުޅި ދުނިޔެއަށް ނުރައްކާ ވެދާނެ ނިޔުކްލިއަރު ހަތިޔާރާ ވެސް އޭނާ ކުޅެފާނެކަމުގެ ބިރު ވެސް ނެތެއްނޫނެވެ.

މިފަދަ އެތައް ސަބަބުތަކަކާ ހުރެ، ޓްރަމްޕްގެ ޕާޓީގެ މެންބަރުން ވެސް މިހާރު ތިބީ އޭނާގެ ޢަމަލުތަކާމެދު ލަދުވެތިވެ ނުރުހުންތެރިވެފައެވެ. ހަގީގަތުގައި އޭނާގެ ނޭދެވޭ ޢަމަލުތަކުގެ ގެއްލުން ކުރިމަގުގެ އިންތިޚާބުތަކުގައި މުޅި ޕާޓީއަށް ފޯރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ސެނެޓްގައި އެލަސްކާ ތަމްސީލުކުރާ މެންބަރެއް ކަމުގައިވާ ލީސާ މާރކޮވްސްކީއަކީ ޓްރަމްޕާ ދެކޮޅަށް އަޑުއުފައި އޭނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމަށް ގޮވައިލި އެ ޕާޓީގެ ފުރަތަމަ މެންބަރެވެ. އޭނާ ބުނެފައިވެއެވެ. "އަހަރެން ބޭނުންވަނީ އޭނާ (ޓްރަމްޕް) އިސްތިއުފާދޭށެވެ. އަހަރެން ބޭނުންވަނީ އޭނާ ބޭރުކުރާށެވެ. މިހާރު ވާވަރަށް އޭނާ (މުޅި ނިޒާމު) ހަލާކުކޮށްފިއެވެ. (ގެއްލުންދީފިއެވެ.)" ލީސާގެ މި ބަޔާން ޢާންމުވި ދުވަހު މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ، މެންބަރުންނަށް ފޮނުވި ސިޓީއެއްގައި ހާމަކޮށްފައިވާ ގޮތުގައި، "ހަމަނުޖެހޭ" ރައީސް ޓްރަމްޕަށް ނިޔުލިއަރ ހަތިޔާރުގެ ކޮންޓްރޯލާ ކައިރިވިޔަ ނުދިނުމަށްޓަކައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް މާރކް އޭ މިލޭއާ ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ ސިޓީގައި، ޓްރަމްޕް އިސްތިޢުފާ ނުދީފި ނަމަ މަޤާމުން ޢަޒުލުކުރާން ވެސް އޭނާ ވަނީ ބާރުއަޅައިފައެވެ. މި ސިޓީ ފޮނުވައިފައިވަނީ ޖޯބައިޑްން ޖަނަވަރީ 20ގައި ރައީސްކަމުގެ ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިނުވާނެކަން ބަޔާންކޮށް ޓްރަމްޕް ކުރި ޓްވީޓާ ގުޅިގެންނެވެ. ޓްރަމްޕްގެ މި ނިންމުމަށް ޖޯބައިޑްން ރިޕޯޓަރުންނާ މުޚާޠަބުކޮށް ދިނީ ވަރަށް ފަހި ޖަވާބެކެވެ. "ޓްރަމްޕްގެ އެ ނިންމުމާ އަހަރެން އެއްބަސްވަމެވެ. ރަސްމިއްޔާތުގައި ނާއިބު ރައީސް ބައިވެރިވުމުން ފުދެއެވެ." އޭނާ ބަޔާންކުރިއެވެ.

މި ކަންކަމުން އެނގި ހާމަވަނީ މިއަދު ޓްރަމްޕް ވެފައިވަނީ އެމެރިކާއަށް ހުރި މުޞީބާތަކަށް ކަމެވެ. އަދި މުޅި ދުނިޔެއަށް ވެސް އޭނާގެ ނުރައްކާ ފޯރައިދާނެ ކަމުގެ ބިރު ސެނެޓްގެ މެންބަރުންނާއި ސެނެޓްގެ ރައީސްގެ ހިތުގައި ވެސް އޮތް ކަމެވެ. ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތުގައި ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަދި ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގެ ތެރޭގައްޔާއި އޭގެ ފަހުން، އޭނާގެ ބަސްމަގާއި ޢަމަލުތައް ހުރި ގޮތުން މުޅި ދުނިޔެއަށް ހާމަވެފައިވަނީ ޓްރަމްޕަކީ އެމެރިކާގެ، އަދި އެއްވެސް ޤައުމެއްގައި ރައީސަކަށް ހުރުން އެކަށީގެންވާ މީހެއް ނޫންކަމެވެ. ތަފާތު ނުފޫޒާއި ފައިސާގެ ބާރުން އެކި މަޤާމުތަކަށް، ކަމަށް އެކަށީގެން ނުވާ ނާޤާބިލު މީހުން އިންތިޚާބުކުރާ ނަމަ، އެ ޤައުމަކަށް ކުރިމަތިވާނީ ގެއްލުމާއި ހަލާކުކަން ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާ ވަނީ ތަޖުރިބާކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *