Support Us

އެމެރިކާގައި ނާތަހުޒީބު ޢަމަލުތަކެއް- އެންމެ ފަހުން ޓްރަމްޕް "ގޮތް ދޫކޮށްފި!"

އެމެރިކާގެ ޤާނޫނީ އާދަކާދައިގައި ވާ ފަދައިން ރަމްޒީ ގޮތުން ވޯޓުގެ ނަތީޖާ އިޢުލާންކުރުން ރޭގަނޑު (ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ) 8 ޖަހާއިރު (މާލޭ ގަޑިން ޖަނަވަރީ 7 ވަނަ ދުވަހު ހެނދުނު 6 ޖަހާއިރު) ބާއްވާ ގޮތަށް އޮތީ ރާވައިފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިލެކްޓޯރަލް ވޯޓުގުނުމުގެ ރަމްޒީ މި އިޙުތިފާލާ ދިމާކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގައި އެކަކު މިހާރު ވަނީ މަރުވެފައެވެ. މާ ކުރީއްސުރެ ހީކުރެވިފައިވާ ގޮތަށް، ރަމްޒީ މި އިޙުތިފާލާ ދިމާކޮށް ޓްރަމްޕްގެ އިސްނެގުމުގެމަތީން އެމެރިކާގެ ޤާނޫނު ހަދާ މަޖުލީސްކުރާގެ، ކެޕިޓޮލް ހިލް، ސަރަހައްދުގައި ހިންގި ހަމަނުޖެހުމުގައި މަރުވި އަންހެނަކީ މި ހަމަނުޖެހުން ކޮންޓްރޯލްކުރުމުގެ ތެރޭގައި ބަޑީގެ ވަޒަނެއް އަރައިގެން މަރުވި މީހެއް ކަމަށް ޚަބަރު ލިބެއެވެ. މި ހަމަނުޖެހުމާ ގުޅިގެން ވޮޝިންގޓަން ޑީސީގައި ވަނީ ހެނދުނު 6:00 އާ ހަމައަށް (އެއީ މާލޭގަޑިން ހަވީރު 4:00 އާ ހަމައަށް) ކާރފިޔު ހިނގައިފައެވެ.

ކޮންގްރެސް ބާއްވާ އިމާރާތަށް ޓްރަމްޕްގެ ސަޕޯޓަރުން ގަވާއިދާ ޚިލާފަށް ވަދެގަނެ، އެތަން ހިސާރުކުރިއެވެ. އަދި ވޮޝިންގޓަންގެ އެކި ހިސާބުގައި ބޮން ގޮއްވުމުގެ ޙަރަކާތްތަކެއް ހިންގާން ވެސް އޮތީ ރާވައިފައެވެ. ނަމަވެސް ފުލުހުންވަނީ އެތަން ސާފުކޮށްފައެވެ. އަދި ގޮވާތަކެތި ކަމަށް ފާހަގަކުރެވޭ ތަކެތި ވެސް އެކި ދިމަދިމާއިން ހޯދައި، ވަނީ ރައްކާތެރިކަމާއެކު ނުގޮވާ ގޮތް ހަދައިފައެވެ. ވަކި ފަރާތަކަށް ނުޖެހޭ، އިންސާފަށް ލޯބިކުރާ، މީހުން ވެސް ގަބޫލުކުރާ ގޮތުގައި މިއީ ޓެރަރިޒަމްގެ ޢަމަލެކެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ހިނގި ތާރީޚީ ލަދުވެތި ޢާމަލެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ސިފަކުރެއެވެ. ދިމުޤްރާޠީ ނިޒާމެއްގައި އަމާންކަމާއި އޮމާންކަމާއެކު ބާރުތައް، އެއް ވެރިއެއްގެ ފަރާތުން އަނެއް ވެރިއަކަށް ނަޤުލުވާޏްޖެހޭނެ ކަމަށް ދުނިޔޭގެ ގިނަ ލީޑަރުން ވެސް ބަޔާންކުރަމުން އެބަ ގެންދެއެވެ.

އެންމެ ފަހުން ޓްރަމްޕް މިހާރުވަނީ އޭނާގެ ސަޕޯޓަރުންނަށް "ގެޔަށް ދާން" ގޮވައިލައިފައެވެ. ނަމަވެސް ހަމަނުޖެހުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހުގައެވެ. އަދި ޓްރަމްޕް ޢާއްމުކުރި އެއް މިނިޓްގެ ވީޑީއޯއެއްގައި އިންތިޚާބާ ބެހޭ ގޮތުން އެތައް ދޮގުތަކެއް ހެދުމަށް ފަހުގައެވެ. ޓްރަމްޕްގެ ފަރާތުން އޭނާގެ އަމުރަށް ވޮޝިންގޓަންގައި ހަމަނުޖެހުން ހިންގާ މީހުންނަށް "ގެޔަށް ދާން" އޭނާ އެންގި އެންގުމާ ވިދިގެން "ތިޔަބައިމީހުން ދެކެ އަހަރެމެން ވަރަށް ލޯބިވެޔޭ، ތިޔައީ ވަރަށް ޚާއްޞަ ބަޔެކޭ" ވެސް ބުނެފައިވެއެވެ. އަދި ހަމްދަރުދީގެ ރާގެއްގައި ވަނީ އެ މީހުންގެ ޖަޒުބާތުތަކާ ވެސް ކުޅެލާފަދަ ރާގެއްގައި ވާހަކަދައްކައިފައެވެ. "އަހަންނަށް ތިޔަބައިމީހުންގެ ވޭން އިޙުސާސްކުރެވެއެވެ. ތިޔަބައި މީހުންނަށް ތިޔަ ތިބީ ވަރަށް ވޭން ލިބިފައިކަން ވެސް އެނގެއެވެ. އަހަރެމެން އިންތިޚާބެއް ބާއްވައިފީމެވެ. ނަމަވެސް އެ އިންތިޚާބު ވަނީ އަހަރެމެންގެ އަތުން ބަޔަކު ވަގަށް ނަގައިފައެވެ. ނަމަވެސް މިހާރު ތިޔަބައިމީހުން ގޭގެއަށް ދާންވީއެވެ. އަމާންކަމަށް އަހަރެމެން ލޯބިކުރާންޖެހެއެވެ." ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ބުނެފައިވެއެވެ.

ޓްރަމްޕްގެ މި އެންގުމަކީ ހިތުގެ އަޑީގެ އެންގުމެއް ކަމަށް ނުވެވެސް ދާނެއެވެ. އެހެނީ އޭނާގެ އަމުރަށް އެތައް ގަޑިއިރެއް ވަންދެން ހަމަނުޖެހުމެއް ހިންގުމަށް ފަހުން "ގެޔަށް ދާން" އޭނާ ގޮވައިލި ގޮވައިލުމަށް ވާ އަވަސް އިޖާބައެއް ނުލިބެއެވެ. އެ ހިސާބުން މީހުން މަދެއް ނުވެއެވެ. ނަމަވެސް ރަޔަޓް ފުލުހުންނާއި ސަލާމަތީ އެހެން ބާރުތަކުން ބާރުގެ ބޭނުންކޮށްގެން މީހުންތައް ވަނީ ދުރަށް ޖައްސައިފައެވެ. އަދި އަލުން އެތަނަށް މީހުން ވަދެގަތަ ނުދިނުމަށްޓަކައި ވަނީ އެ މީހުންނަށް ހުރަސްއަޅައިފައެވެ. އަށެއް ޖަހާއިރު ފަށާން ހަމަޖެހިފައިވާ ރަމްޒީ ރަސްމިއްޔާތަށް ނާއިބު ރައީސާއި ސެނެޓަރުން ސަލާމަތުން މަޖިލީސްކުރާ ގެޔަށް ގެނދިޔުމުގެ މަސައްކަތްވެސް އެބަކުރެވެއެވެ.

އަނެއްކޮޅުން މި ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓަރގެ ފަރާތުން ޓްރަމްޕްގެ އެ ކައުންޓްތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރުދިނުމަށްތަކައްޔާއި މީހުން ޖަޒުބާތުގައި ޖެއްސުމަށްޓަކައި ޓްރަމްޕް ކުރާ ޓްވީޓެއް ދެނެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން އީރާނުންވަނީ ޓްރަމްޕް ހައްޔަރުކުރުމު އަމުރެއް ނެރެދިނުމަށް އީރާނުންވަނީ އިންޓަރޕޯލަށް އަންގައިފައެވެ.

ސެނެޓްގައި ނާއިބު ރައީސް ޕެންސް އަދާކުރާންޖެހޭ ރަމްޒީ ވާޖިބު އަދާނުކުރުމަށާއި އިންތިޚާބުގެ ނަތީޖާ ރަސްމީ ގޮތުން ގަބޫލު ނުކުރުމަށް ޓަރަމްޕް އަމުރުކުރި ނަމަވެސް އެއީ ޤާނޫނީ ގޮތުން ނަޢިބްރައީސަކަށް އޮންނަ ޙައްޤެއް ނޫންކަމަށް ޓްރަމްޕަށް ނާއިބްރައީސް ޕެންސް ވަނީ އަންގައިފައެވެ. އެ ރަސްމިއްޔާތު ބޭއްވިޔަ ނުދިނުމަށްޓަކައި ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުން ލައްވައި އެ ސަރަހައްދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. މި ހަމަނުޖެހުމުގައި އެތައް އޮފިސަރުންނަށް ހާނީއްކަވެ ޒަޚަމްވެފައިވާއިރު އަންހެނަކުވަނީ މަރުވެސްވެފައެވެ. އަދި ވެސް އެ ސަރަހައްދުފެންނަނީ މާ އަމާންކޮށެއް ނޫނެވެ. ނަމަވެސް ވަރަށް އަވަހަށް ސެނޭޓްގެ ޖަލްސާ ފެށޭނެ ކަމަށް ބެލެއެވެ. ސަލާމަތްތަކާ ބެހޭ ކޮމިޓީގެ ވެރިޔާ ވެސް ޓްރަމްޕްގެ ޣައިރުދީމުޤްރާޠީ ޢަމަލުތަކާ ހުރީ ވަރަށް ހަމަނުޖެހިފައި ކަން އޭނާ ސިއެންއެން އަށް ދިން ބަސްދީގަތުމުން ދޭހަވެއެވެ.

ކޮންމެއަކަސް ވަމުންދާ ގޮތް ބަލާން އަޅުގަނޑުމެން އެބަތިބީމެވެ. މި ޚަބަރު ނޫހުގައި ޝާއިޢުކުރާ އިރު، ރިޔާސީ އިންތިޚާބުގެ ނަތީޖާ ނާއިބުރައީސް ރަސްމީކޮށް ބަލައިގަތުމުގެ ޖަލްސާ ކުރިއަށް ދަނީއެވެ. ސެނެޓްގެ މި ޖަލްސާގައި، އިންތިޚާބުގައި ކާމިޔާބު ލިބުނު މީހެއް ކަނޑައަޅައި ނަތީޖާ އިޢުލާންކުރުމަކީ ރަމްޒީގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *