ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ކޮންބައެއް ކަމާއި ފުރަތަމަ ވަޒަންވެރިވީ ބަޔަކު ރާއްޖެއަށް އައީ ކޮން ޒަމާނެއްގައިތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދެންނެވޭނީ އެކަން އޮތީ އަދި ނޭގުމުގެ ތެރޭގައި ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ޤަދީމީ ތާރީޚުގެ ބޮޑުބައެއް ނޭނގުމުގެ ތެރޭގައިވާތީއެވެ. ރާއްޖޭގައި ފެންނަންހުރީ ބިމުން ކޮނެގެން ނެގިފައިވާ ބައެއް ތަކެއްޗާއި ހަތަރު ލޯމާފާނެވެ. މީގެ އިތުރުން ހަލާކުވެ ވީރާނާވެފައިވާ ދާގަބާ، ހަވިއްތަ، އުސްފަސްގަނޑު ފަދަ ތަންތަނެވެ. މިފަދަ އާސާރީ ތަންތަނާއި ތަކެތިން ލިބިފައިވާ ހެކިތަކަށް ބުރަވެ ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ 2500 އަހަރު ވެދާނެ ކަމަށް ބައެއް މުއައްރިޚުން ހާމަކުރައްވާފައި ވެއެވެ.
ރާއްޖޭގައި ބަޔަކު ފުރަތަމަ ވަޒަންވެރިވި ކަމަށް ބެލެވޭ ދުވަސްވަރާއި ފުރަތަމަ ވަޒަންވެރިންނާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޤަދީމީ ތަރީޚާބެހޭ މަޢުލޫމާތު ލިބެނީ ބޭރުގެ ބައެއް މުއައްރިޚުން ރާއްޖެއާ ބެހޭގޮތުން ލިޔުއްވި ކުރު ބަޔާންތަކުންނާއި ފެންނަހުރި އާސާރީ ބައެއް ތަކެތީންނެވެ. މީގެ އިތުރުން ޖޯގްރަފީއާބެހޭ ހޯދުންތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރީގައިވާ ސްރީލަންކާއާއި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށްވެސް ބަލާލަން ޖެހެއެވެ.

ސްރީލަންކާ (ސިލޯން) ގެ ތާރީޚީ ލިޔުމެއް ކަމުގައިވާ "މަހަވަންސަ"ގައި ވަނީ މީލާދުގެ 500 އަހަރު ކުރިން އިންޑިއާގެ އަމީރެއް ކަމުގައިވާ ޕްރިންސް ވިޖެޔާ އޮޅުދޫކަރަޔަށް (ސްރީލަންކާއަށް) ވަޑައިގެންނެވިއިރު ޕްރިންސްގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައިސްފައިވާ ކަމަށެވެ. ދިވެހި ތާރީޚަށް އައު އަލިކަމެއްގެ (1990: ޞ 36) ގައި އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފާއި، ޕިރާޑުގެ ސަފަރުނާމާއަށް ޙަވާލާދީ ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖެއަށް ފުރަތަމަ އައީ، ޢީސާގެފާނުންގެ ކުރީން 5ވަނަ ނުވަތަ 6ވަނަ ޤަރުނުގެ ތެރޭގައި ސިލޯނަށް އާރިއަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ." މިއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެފޮތުގެ (1990: ޞ 37) ގައި ވަނީ "ފުރަތަމަ ރާއްޖެއަށް މީހުން އައީ ސިލޯނުން ކަމަށް ވާނަމަ އެތާނގެ މަޝްހޫރު "މަހަވަންސަ"ގައި ނުވަތަ އެހެންވެސް، ސިލޯނުގެ ތާރީޚު ފޮތެއްގައި، ކިތަންމެ ކުޑަކޮށް ނަމަވެސް މިކަމާމެދު އެއްޗެއް ލިޔެފައި އޮތީހެވެ."
މީލާދީން 1153މ. (548ހ.) ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އަސާރީ ތަރިކަ ރާއްޖެއިން ފެނިފައިވެއެވެ. އެއީ އ، ތޮޑޫ "ދާގަބާ"، ފ. ނިލަންދޫ "ފޯމަތި"، ކ.ކާށިދޫ "ކުރުހިންނަ ތަރާގަނޑު"، ތ. ކިބިނދޫ "ވޭރު"، ލ. ގަން މުކުރިމަގު "ހަތްތެރި"، ޏ. ފުވައްމުލައް "ހަވިއްތަ" އަދި ސ. ހިތަދޫ "ކޯއްޓޭ"އެވެ. މިތަން ތަނުން ބުޑިޒަމާ ގުޅުންހުރި ބުދުތަކާއި ބިނާތަނާއި ތަކެތި ފެނިފައިވެއެވެ. މިފަދަ ތަކެތިންނާއި ތަންތަނުން ޤަދީމީ ދިވެހިންގެ ދީނާމެދު ގިނަގުނަ މަޢުލޫމާތު ލިބެއެވެ.
ޖޯގްރަފީ ގޮތުން ބަލާއިރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރި އުޅަނދުތައް ރާއްޖޭގެ ރަށްރަށުގައި ބަނދަރުކުރުމުން އުޅަނދުފަހަރަށް ބޭނުންވާ ފެނާއި ދަރާއި ރޯނު ލިބުމަކީ ރާއްޖޭގައި މަޑުކުރުމުގެ ބޭނުމެވެ. މިގޮތުން ބޮއްޔާއި ކަހަނބުފަތާއި މާވަހަރު ފަދަ ވިޔަފާރި މުދާ ރައްޖެއިން އެދުވަސްވަރު ލިބޭ ކަމަށް ވެއެވެ. އަދި އިހުޒަމާނުގައި ރާއްޖޭގެ އެތެރެއާއި ވަށައިގެންވާ ކަނޑުތަކުން ދަތުރުކުރި ބައެއް އުޅަނދުފަހަރު ފެތި ނުވަތަ ރާއްޖޭގެ ފަރުތަކަށް އުރި އެއިން ދަތުރުކުރި ބަޔަކު ރާއްޖޭގައި މަޑުކުރަންޖެހުން ނުވަތަ ވަޒަންވެރިވުން ފަދަ ކަންކަންވެސް ވެފައި ހުރެދާނެއެވެ. ފަހުގެ ތާރީޚެއްގައި ހިނގާފައިވާ މިފަދަ ހާދިސާއެއް ކަމަށް ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑަށް 1601މ. ގައި ރާއްޖެ އާދެވުނު ގޮތަށް ބަލާއިރު، އިސްވެދިޔަ ވާހަކަޔަށް ބާރު ލިބެއެވެ.
އިހުޒަމާނުގައި ރާއްޖޭގެ އަހުލުވެރިންނާއި ބޭރާ ގުޅިފައިވާ މިންވަރު އެނގެނީ ރާއްޖެއިން ފެނިފައިވާ ބޭރު ޤައުމުތަކުގެ ތަކެތީގެ ތެރޭގައި ހިމެނޭ މުށީގެ ކަންވާރުތަކާއި ފައިސާ ފޮތި ފަދަ ތަކެތިންނެވެ. ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރިންނަކީ ކޮން ތަނަކުން އައި ކޮން ބައެއްކަން އަދި އެނގެން ނެތް ނަމަވެސް ރާއްޖޭގައި ވަޒަންވެރިވީ ބަޔަކީ "ދީވީން" ނުވަތަ ދިވެހީންނެވެ. "ދީވީން"ނަކީ މިނިވަންކަމާއެކު އަމިއްލަ ވެރިކަމެއް ޤާއިމްކޮށްގެން ތިބި ބައެއްކަން ސާބިތުވަނީ ޕިރާޑާ ޙަވަލާދީ ދިވެހި ތާރީޚަށް އައު އަލިކަމެއް (1990: ޞ 23 ގައި ވާ އެމިއެނަސް މާސެލިނަސްގެ ބަޔާނުންނެވެ. “362މ. ވަނައަހަރު އެމްޕެރަރ ޖޫލިއަންގެ އަރިހަށް "ދީވީން"ނާއި "ސެރެންދީވީ"ންގެ ފަރާތުން ސަފީރުން ދިޔައެވެ."
ޗައިނާގެ ޓޭން ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ ލިޔުމެއްގައި މީލާދުގެ 658 ވަނަ އަހަރާއި 662 ވަނަ އަހަރު ޗައިނާގެ ރަސްގެފާނުގެ އަރިހަށް ދިވެހިންގެ ބަޔަކު ވެދުން ހިފައިގެން ދިޔަ ވާހަކަ ލިޔެފައި ވެއެވެ. މިވާހަކައިންވެސް ދިވެހިންނަކީ މިނިވަން ބައެއް ކަމާއި ތަންދޮރުފިލާފައިވާ ބައެއް ކަމާއި ދިވެހިންގެ އަމިއްލަ ހައިސިއްޔަތުން ރަސްމީ ދަތުރުތައް ކޮށްފައިވާކަން އެނގެއެވެ.
ދިވެހި ތާރީޚަށް އައު އަލިކަމެއްގައި އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގެ 16 ވަނަ ޞަފްޙާއާ ހަވަލާދީ ބަޔާންކޮށްފައިވަނީ "ދީވީން"ނާއި "ސެރެންދީވީ"ން މުޅީން ވަކިކޮށް އެނގޭން ތިބި ކަމަށެވެ. "ދީވީ"ންނަކީ ދިވެހީން ކަމަށެވެ. "ސެރެންދީވީ"ންނަކީ ސިލޯނު މީހުން ކަމަށެވެ.” (1990: ޞ 23).
މީލާދީން 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ނޯވޭގެ ތޯ ހައިދާލް ލަފާ ކުރައްވާފައިވަނީ ޤަދީމީ އިންޑިއާގައި އޮތް އިންޑަސް ވެލީ ސިވިލައިޒޭޝަން އުވިގެން ދިޔައިރު ދިވެހިރާއްޖެއަށް އެހިސާބުން މީހުން އައިސްފައިވެދާނެ ކަމަށެވެ.
ޕްރޮފެސަރ ސްޓޭންލީ ގާޑިނަރ 1899މ. ގައި ރާއްޖެއަށް އައިސް ކުރި ދިރާސާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުގެ މީހުންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ މިންތައްކާއި އަދި މީނޫވެސް މައުލޫމާތު ހޯދައިގެން ދިރާސާކޮށްފައި ވެއެވެ. މި ދިރާސާއިން ދިވެހިންގެ ތެރޭގައި ބަންގާޅާއި، އިންޑިއާ، އިންޑޮނޭޝިއާ، އެފްރިކާ، މެދުއިރުމަތީގެ އަހުލުވެރިންގެ ސިފަތައް ހުރި މީހުން ތިބި ކަމަށް ވެއެވެ.
މިރާއްޖޭގައި އަހަރުތަކެއް ހޭދަކުރަންޖެހުނު ފަރަންސޭސީ ދަތުރުވެރިޔާ ފްރާންސުވާ ޕިރާޑް ޑީ. ލާވަލް ލިޔުއްވި އޭނާގެ ދަތުރުނާމާގައި ވަނީ "…ދިވެހިންގެ ތެރޭގައި ބުނެވެމުން އަންނަ ގޮތުން އެބައިމީހުންގެ ރާއްޖޭގައި މީހުން އާބާދުވީ މީގެ ހަތަރު ޤަރުނު ކުރީންނެވެ. އަދި އެންމެ ފުރަތަމަ އެތާނގައި (ރާއްޖޭގައި) އާބާދުވެ ވަޒަންވެރިވީ ބަޔަކީ، ސިލޯނު (ސްރީލަންކާ) ޖަޒީރާގެ "ސިންގަލިސް" ކަމުގައިވެއެވެ. އެތަނަކީ، މި ރާއްޖެއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ރަށެކެވެ. އަދި އެތާނގެ މީހުންނަކީ ބުދަށް އަޅުކަންކުރާ ބައެއްވެސްމެއެވެ." (ޕިރާޑް ވޮލިޔުމް 1 ޞަފަޙާ 266)
They told that the Maldives began to be inhabited only four hundred years ago, and that the first who came and peopled them were the Cingalles’ of the island of Ceylon, which was not far distant, and were idolaters……. (Pyrad, Vol: 1, page 266)
ދިވެހިރާއްޖެއިން ފެނިފައިވާ އާޘާރުތަކުން ލިބޭ ހެކިތަކާއި ރާއްޖޭގެ ކުރިން އޮތް ދީނާއި އެތެރެކޮށްފައިވާ ތަކެއްޗާއި ދިވެހިންގެ އާދާކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާއި ބަސްމޮށުން ތެރިކަން ފަދަ ކަންކަމަށް ބަލާއިރު ދިވެހިންގެ ސިފަތާކާ އެންމެ ގާތް ގުޅުމެއް އޮތް ކަމަށް ބެލެވެނީ ދެކުނު އިންޑިއާ އާއި ސްރީލަންކާގެ އަހުލުވެރިންނާއެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮންބައެއްކަން ބުނެދޭން އެނގޭނީ ފުރިހަމަ ސައިންޓިފިކް ދިރާސާއެއް ހެދިންގެންނެވެ.
ބަލައިލި މުހިއްމު ލިޔުންތައް
1. ދބތޚޤމ. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު.
2. ނަސީމާ މުޙައްމަދު، (2004)، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން. ފަތްތޫރަ 306 ، ސެޕްޓެމްބަރ 2004 ޞ13-
3. މިސްޓަރ ލާރޒް ވިލްގޯން (ސްޓޮކްހޯމް، ސްވިޑްން) ގެ ކަލެކްޝަން (މޯލްޑިވްސް އޮޑް ހިސްޓަރީ)
4. މެލޯނީ، ކްލެރަންސް، (1980) ޕީޕަލް އޮފް މޯލްޑިވް އައިލެންޑްސް، އޮރިއެންޓް ލޯންގްމޭން، މުމްބާއީ
5. ދތޚޤމ. (2002). ދިވެހީންގެ ތަރިކަ1،2،3،4 މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް.
Heyerdahl, Thor. (1986). The Maldive Mystery. London: George Allen & Unwin.
Bell, H.C.P. (1940). The Maldive Islands Monograph on the History, Archaeology & Epigraphy, Ceylon Government Press. Colombo.
Pyrad, Francois. (1890). The Voyage of Francois Pyrad of Laval: To East Indies, The Maldives, The Molucois and Brazil. Burt Franklin. New York Vol: 1 & II



advertisment