ސަޢޫދީ ޢަރަބިއްޔާގެ ޢުލާ ސަހަރުގައި ރޭ ބޭއްވި ގަލްފްގެ 41 ވަނަ ސަމިޓް ބައްދަލުވުން ނިމި "ޢުލާ ބަޔާން" ޝާއިޢުކޮށްފިއެވެ. މި ސަމިޓްގައި ސަޢޫދީ ޢަރަބިއްޔާއާއި ކުވައިތާއި ޤަޠަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ޢުމާނު ތަމްސީލު ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރެވެ. އިމާރާތް ތަމްސީލު ކުރެއްވީ އެ ދައުލަތުގެ ދުބައިގެ ވަލީޢަހްދެވެ. ބަޙްރައިނު ތަމްސީލު ކުރެއްވީ އެ ދައުލަތުގެ ވަލީޢަހްދެވެ. މިޞްރު ވެސް މި ސަމިޓްގައި ބައިވެރިވިއެވެ. މިޞްރުން ބައިވެރިވެ ވަޑައިގަތީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.

މި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ކުވައިތުގެ އަމީރު ޝައިޚު ނައްވާފު އަޙްމަދުލް ޖާބިރުއް ޞަބާޙު މި ސަމިޓްގެ ތާރީޚީ ނިންމުމަށް ތާރީފު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ޢުލާގެ ބަޔާނާ ހަމައަށް ގަލްފުގެ ޤައުމުތައް ގެންނެވުމަށް ޓަކައި ކުވައިތުގެ ކުރީގެ އަމީރު ޝައިޚު ޖާބިރުލް އަޙްމަދުއް ޞަބާޙު ކުރެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަ ކުރެއްވިއެވެ. މި ސަމިޓަށް، ސުލްޠާން ޤާބޫސާއި އައްޝައިޚު ޞަބާޙުގެ ސަމިޓްގެ ނަމުން ނަންދެއްވި ކަމަށް ޓަކައި ކުވައިތުގެ އަމީރު ސަޢޫދީ ރަސްގެފާނަށާއި އެ ޤައުމުގެ ޒަޢާމަތަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. މި ސަމިޓަށް އެ ނަން ދެއްވުމަށް ސަލްމާން ރަސްގެފާނު ހުށައެޅުއްވީތީއެވެ. ކުވައިތު ނޫސް އޭޖެންސީ ބުނާގޮތުގައި މި ސަމިޓަށް އެ ދެ ބޭފުޅުންގެ ނަންފުޅު ދެވުނީ އެ ދެ މަރްޙޫމުން ޢަރަބި އުއްމަތަށާއި އިސްލާމީ އުއްމަތަށާއި ބައިނަލްއަޤްވާމީ މަސްއަލަތައް ޙައްލު ކުރެއްވުމަށާއި އިންސާނިއްޔަތަށް ޓަކައި ކުރައްވާފައި ޚިދްމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ކުވައިތުގެ އަމީރުގެ ވާހަކަފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ މުޝީރު ޖެރަލްޑް ކުޝްނަރ ގަލްފުގެ ޞުލްޙައަށް ޓަކައި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކްރުއަދާކުރެއްވިއެވެ. އެބޭފުޅުން ގަލްފަށް ޞުލްޙަމަސަލަސްކަން ގެނެސް ދެއްވުމަށް އަދާކުރެއްވި ދައުރަކީ ވަރަށް ތާރީޚީ ދައުރެއް ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ބިން ސަލްމާން އީރާނުގެ ނޔުކްލިއަރ ޕްރޮގްރާމާ ކުރިމަތިލުމަށް ގޮވައިލެއްވި
މި ސަމިޓްގައި ސަޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ވާހަކަފުޅު ދައްކަވަމުން ކުވައިތަށާއި އެމެރިކާއަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދެ ޤައުމުން ގަލްފު ޞުލްޙަވެރިކުރުވުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މުޙައްމަދު ބިން ސަލްމާނުގެ ވާހަކަފުޅުގައި އީރާނުގެ ނިޔުކްލިއަރ މަޝްރޫޢާ ކުރިމަތިލުމަށް ޓަކައި އަތާއަތް ގުޅައިލަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިކަމަށް ގަލްފު އެކަތިގަނޑަކަށް ވުމަށް އޭނާ ގޮވައިލެއްވިއެވެ. ސަރަހައްދީ އަމްނާއި ބައިނަލްއަޤްވާމީ އަމްނަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އީރާނާއި އީރާނުގެ އޭޖެންޓުން ގަލްފުގެ އަމްނާއި އަމަންކަން ނަގައިލުމަށް ޓަކައި ނުރައްކާތެރި ހަތިޔާރުތައް ތަރައްޤީ ކުރަމުންދާ ކަމަށް ވެސް ތުހްމަތު ކުރެއްވިއެވެ.



advertisment