ބުއްދިވެރިއެއް ނަމަ ތިބާ ނުނިދާށެ ކުފުރުގެ ތަންމަތީ
ހުއްޖަތެއް ދެއްކޭނެ ދުވަހެއް ނޫން އޮތީކީ ކުރިމަތީ
އެ ދުވަހަށް ބިރުވެތި ނުވާ ނަމައީ ކިހާ މޮޔަހޭ ތިމާ
އެ ދުވަހަށް ތައްޔާރުވާކަށް ނޫންތަ ލެއްވީ ބިންމަތީ
ވިންދު ހަށިގަނޑުގައި ހުރިއްޔާ އެންމެފަހު ނޭވާކޮޅަށް
ދިންނެވުން އެދި ހެޔޮ ޢަމަލުކުރުމޭ ކުރަން އޮތް ހިންމަތީ
ވަގުތު ފާއިތުވުމުގެ ކުރިޔަށް އޭގެ ބޭނުން ހިފުމަކީ
މަގުޞަދެއްކަމުގައި ހަދާށޭ ލާބަހުރި މޮޅު ގޮތްމަތީ
ކާއިނާތުގެ ވެރި ފަރާތުން ލޯބި ހޯދަން ގަދައަޅައި
ދާއިމަށް ސާބިތުވެގެން ހުންނާށެ މަތިވެރި ދީންމަތީ
ހެއްލިގެން ދުނިޔޭގެ ޒީނަތްތެރިކަމާ ޝަރަފަށްޓަކައި
ގެއްލި ދާން ދޫކޮށް ނުލާށޭ ހާއުފާތައް ނިޢުމަތީ
ވާނުވާގައި ރޭދުވާ ފާއިތުވެގެން ދިއުމުގެ ކުރިން
ހާނުވާށޭ ނަފުސުވީ ތެދުވެރިވެ އީމާން ކަންމަތީ
ބުއްދި ދެއްވެވި ބޭނުމާ އަދި އޭގެ ފައިދާ ހޯދުމަށް
ބުއްދިކޮށް ވިސްނައިފި މީހަކު ބުއްދިވެރި،ދެ ހަޔާތްމަތީ
