Support Us

ކޮލަމް: ލޯކަ

ތާރީޚްގެ ކުރީގެ ޒަމާނުގައި މީހުން ދިރިއުޅުނީ ކިހިނެއްކަން އެނގޭތަ؟

ދުނިޔޭގައި ހިނގާފައިވާ ކަންތައްތަކާއި ހިނގަމުން އަންނަ ކަންތައްތައް އޮޅުން ފިލަނީ ހިސްޓްރީ ނުވަތަ ތާރީޚުގެ ފަތްފުށްތަކުންނެވެ. އެންމެ ޤަދީމީ ދުވަސްވަރު ދުނިޔޭގައި އުޅުނު މީހުންނަކީ ލިޔެކިޔައި އުޅުނު ބައެއް ނޫނެވެ. މިހެންކަމުން އެދުވަސްވަރަކީ ޕްރީހިސްޓްރީ ނުވަތަ ތާރީޚްގެ ކުރީގެ ދުވަސްވަރެވެ.

ޕްރީހިސްޓްރިކް ޒަމާނަކީ "ސްޓޯން އޭޖް" ނުވަތަ ގަލުގެ ޒަމާނެވެ. އެޒަމާނުގައި އިންސާނުން ދިރިއުޅެމުން އައީ ކަނޑައެޅިގެން ވަކި ޚާއްޞަ ތަނެއްގައި ވަޒަންވެރިނުވެ، ބައިބަޔަށް ނުވަތަ ގްރޫޕް ގްރޫޕަށް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ތެރޭގައެވެ. މިގޮތަށް ދަތުރުކުރުމުގެ ތެރޭގައި ކައިބޮއި އުޅުނީ ޝިކާރަކޮށްގެންނާއި ގަސްގަހުން ލިބޭތަކެއްޗާއި އެހެނިހެން ޤުދްރަތީ ވަޞީލަތްތަކުން ލިބޭ ތަކެތިންނެވެ. ދިރިއުޅެމުން އައީ ހޮހޮޅަތަކުގައެވެ. ފޭރާމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޖަނަވާރުގެ ހަމެވެ. މިގޮތަށް އެތައް ހާސް އަހަރަކު އެމީހުން ދިރިއުޅުނެވެ.

ސްޓޯން އޭޖް ނުވަތަ ގަލުގެ ޒަމާން މައިގަނޑު 3 ބަޔަށް ބެހެއެވެ. އެއީ:-

1. ޕެލިއޯލިތިކް (Paleolithic) ގަލުގެ މުސްކުޅި ޒަމާން: (2 މިލިއަން ބީ.ސީ އިން 8000 ބީ.ސީ އަށް)
2. މެސޮލިތިކް (Mesolithic)ގަލުގެ މެދުތެރޭ ޒަމާން: (8000 ބީ.ސީ އިން 6000 ބީ.ސީ އަށް)
3. ނިއޮލިތިކް(Neolithic) ގަލުގެ ފަހު ޒަމާން: (6000 ބީ.ސީ އިން 3000 ބީ.ސީ އަށް)

ޕެލިއޯލިތިކް (Paleolithic) ގަލުގެ މުސްކުޅި ޒަމާން

މިއީ މީލާދުގެ ކުރީގެ ދެ މިލިއަން އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 8000 ވަނަ އަހަރާ ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. އެދުވަސްވަރު މީހުން ދިރިއުޅުނީ ގަސްގަހުން ލިބޭ މޭވާ ފަދަ ތަކެތި އެއްކޮށްގެންނާއި ޝިކާރަކޮށްގެންނެވެ. މިފަދަ އިގްތިޞާދަކީ (Hunter-Gatherer Economy) "ޝިކާރަކުރުމާއި ކާބޯތަކެތި އެއްކުރުމުގެ އިޤްތިޞާދެވެ." ތަފާތު ބޭނުންތަކަށް ގަލުން ހަދާފައިވާ އާލަތްތައް ބޭނުންކުރިއެވެ. އަލިފާން ރޯކޮށް އަލިފާން ބޭނުންކުރަން ދަސްކޮށްފައިވެއެވެ.

މެސޮލިތިކް (Mesolithic) ގަލުގެ މެދުތެރޭ ޒަމާން

މިއީ މީލާދުގެ ކުރީގެ 8000 ވަނަ އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 6000 ވަނަ އަހަރާއި ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. މިދުވަސްވަރު ލަކުޑިބުރިބުރި ކޮނެގެން ކެނޯ (ބޮއްކުރާ ފަދަތަކެތި) ހަދާ އުޅުނެވެ. މަސްހިފުމަށް ބުޅިއާއި ދާ ހެދުމާއި އެއްކޮޅު ތޫނުކޮށްފައިވާ ދަނޑި ހަދާ އޭގެ ބޭނުންކުރުމާއި އަދި ދުނި ދަނޑި ގެންގުޅުނެވެ. މީގެ އިތުރުން ކުއްތާ އޮޅުކޮށްގެން ގެންގުޅެން ފަށައިފައިވެއެވެ.

ސްޓޯންއޭޖް ނުވަތަ ގަލުގެ ޒަމާނުގައި އުޅުނު މީހުން ގެންގުޅުނު އާލަތްތަކާއި ހަތިޔާރު ފަދަ އެންމެހާ ތަކެތި އެންމެ ފުރަތަމަ އުފައްދާފައި ވަނީ ގައު ބޭނުންކޮށްގެންނެވެ. އެމީހުން ބޭނުންކުރަމުންދިޔައީ އަތުން ހިފޭވަރުގެ ގައު ގަލެވެ. މީގެ އެތައްސަތޭކަ އަހަރުފަހުން އެމީހުންގެ ތަފާތު ބޭނުންތަކަށް ބޭނުންކުރި ގައުގަލަށް މަޑުމަޑުން ސިފަ ގެންނަން ފެށިއެވެ.

 

ނިއޮލިތިކް (Neolithic) ގަލުގެ ފަހުގެ ޒަމާން

މިއީ މީލާދުގެ ކުރީގެ 6000 ވަނަ އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 3000 ވަނަ އަހަރާ ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. މިދުވަސްވަރު ޖަނަވާރު ގެންގުޅެންފެށުމާ އެކު، ދަނޑުބިމުގައި ފަސްގަނޑު ޖެހުމަށް ޖަނަވާރުގެ ބޭނުންކުރަމުދިޔަ އެވެ. ވަކި ސަރަޙައްދެއްގައި ދިރިއުޅުން ޤާއިމްކޮށް ދަނޑު ގޮވާންކުރަމުން ދިޔައެވެ. ދަނޑު ބިންތަކަށް ބޭނުންވާ ފެން، ކޯރާ ގުޅުވައިގެން ކާނު ކޮނެ، ކޯރުގެ ފެންގަނޑު ދަނޑުތަކާ ހަމައަށް ގެންދިޔައެވެ. ތަކެތި ވިއުމާއި ތަފާތު މައުދަންތަކުން ތަކެތި އުފެއްދިއެވެ. ލިޔަނީ ނިޝާންތައް ބޭނުންކޮށްގެންނެވެ.

ހޮހަޅަތަކުގައި ދިރިއުޅުނު މީހުން، ކޮށްއުޅުނު ކަންތައްތަކާއި، މާޙައުލުން ފެންނަން ހުރި ތަކެއްޗާއި، އަދި ދިމާވެފައިވާ ހާދިސާތައް ތަސްވީރުން ބަޔާންކޮށް، ހޮހޮޅަތަކުގެ ބިތްތަކުގައި ކުރަހައި އުޅުނެވެ. މިފަދަ ގިނަކުރެހުމުން ފެންނަނީ ޖަނަވާރާއި ޝިކާރަކުރުމުގެ މަންޒަރުތަކެވެ. މީގެ 3000 އަހަރު ކުރީގެ ކުރެހުންތައްވެސް ފެނިފައިވެއެވެ.

ސްޓޯންއޭޖްގެ އަހުލުވެރިން ހުރިހާ ކަމެއްވެސް އީޖާދުކޮށް ދަސްކުރީއެވެ. މިގޮތުން އަލިފާން އުފައްދާ އެ އަލިފާނުގެ ބޭނުންކުރަން ދަސްކުރިއެވެ. އަލިފާނަކީ ކޮން އެއްޗެއްކަން އެބައިމީހުންނަށް އެނގިގެންދާނީ ޤުދްރަތީ އެކިއެކި ކަންކަމާ ގުޅިގެންނެވެ. މިގޮތުން އަލިފާން ފަރުބަދަ ގޮވުން، ހޮނުއެޅުން ފަދަ ކަންކަމާ ގުޅިގެން އުފެދޭ އަލިފާނުން އަލިފާނަކީ ކޮން އެއްޗެއްކަން އެނގިގެން ދާނެއެވެ. އެބައިމީހުންގެ ބޭނުންތަކަށް އަލިފާން އުފެއްދީ ދެ ހިލަގަނޑު ކާއްތައިގެން، އަލިފާން ރޯކޮށްގެންނެވެ. މިފަދައިން އަލިފާން އުފައްދާ ދިރިއުޅުމުގެ ތަފާތު ބޭނުންތަކަށް އަލިފާން ބޭނުންކުރަން ފެށުނެވެ.

އަލިފާން އުފެއްދުމާ ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ފިނިގަދަ ދުވަސްވަރު ފިނިން ރައްކާތެރިވުމަށް އަލިފާން ރޯކުރެއެވެ. ރޭގަނޑުގައި ނުރައްކާތެރި ޖަނަވާރުންގެ ކިބައިން ސަލާމަތްވުމަށްވެސް އަލިފާން ރޯކުރެއެވެ. އަދި އެބައިމީހުންގެ ކެއިންބުއިމުގައި ބޭނުންކުރާ ބައެއް ތަކެތި ރޯފިލުވުމަށްވެސް އަލިފާން ބޭނުންކުރުމުން ދިޔައެވެ.

ދުނިޔޭގެ ވެއްޓަށް އައި ތަފާތު ބަދަލުތަކާ ގުޅިގެން ގަލުގެ ޒަމާނުގެ އަހުލުވެރިންގެ ދިރިއުޅުމަށްވެސް އެތަކެއް ބަދަލުތައް އައިސްފައިވާނޭ ކަމަށް ބެލެވެއެވެ. މިފަދަ އެތައް ބަދަލަކާއެކު ދިރިއުޅުމުގެ ކަންތައްތަކަށްވެސް މަޑުމަޑުން ބަދަލުތައް އައިސްފައިވެއެވެ. މިގޮތުން ދަނޑުހެއްދުމާއި ޖަނަވާރު އޮޅުކޮށްގެން ގެންގުޅެން ފަށާ އެއް ތަނެއްގައި ދިރިއުޅެން ފެށިއެވެ. އަދި ދިރިއުޅެމުންއައި ފަރުބަދަތަކުގެ ހޮހޮޅަ ދޫކޮށް ގެދޮރުއަޅައި، ގޮވާންކޮށް، ގޮވާން ރައްކާކުރަންވެސް ފެށިއެވެ. އެއް ތަނެއްގައި ދިރިއުޅެން ފެށުމުން އާބާދީ ބޮޑުވެ ވިލެޖްތައް އުފެދުނެވެ. ދަނޑުގޮވާން ކުރާނެ ގޮތްތައް ހޯދައި ދަސްކޮށް، އެކި ވައްތަރުގެ މޭވާ އަޅާ ގަސްގަހާއި ބާވަތްބާވަތުގެ ގޮވާން ހައްދާ އެތަކެތީގެ ބޭނުން ކުރަންފެށިއެވެ. އަދި ހައްދާ ގޮވާން ފަދަ ތަކެތި ފަހަށް ރައްކާކޮށްފައި ވެއެވެ. އަދި އެއް ތަނެއްގައި ދާއިމީ ގޮތަކަށް ދިރިއުޅޭނެ ގޭގެ އެޅުމާއި، މިފަދަ ގެތައް، އެއްގެ އަނެއްގެއާ ކައިރިކައިރީގައި އަޅާފައިވެއެވެ. މިގޮތުގައި ދިރިއުޅޭތާ ދުވަސްތަކަކަށްފަހު އެ ސަރަޙައްދުތަކުގެ އާބާދީ އިތުރުވެ ރަށްރަށް އުފެދި ރަށެއްގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވަމުން ދިޔައެވެ. މި ރަށްރަށުގެ އަހުލުވެރިންގެ ތެރެއިން ހުނަރުވެރި މަސައްކަތްތެރިން އުފެދި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފަސޭހައިން ކުރާނޭ ގޮތަށް ހޯދަމުން ދިޔައެވެ.

ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުމާ ގުޅިގެން އެއްރަށުގެ އަހުލުވެރިން އަނެއްރަށުގެ އަހުލުވެރިންނާ އެކު ވިޔަފާރިކުރަން ފެށިއެވެ. މިފަދަ ގުޅުންތަކުން ވަށައިގެންވާ ސަރަޙައްދުތަކުގައި އިތުރު ރަށްރަށް (ޝަހަރު) އުފެދުނެވެ. ޢާއްމު ގޮތެއްގައި ދިރިއުޅެން ފަށާފައި ވަނީ ކޯރުތަކުގެ ވާދީތަކާއި ކޯރުތަކުގެ އައްސޭރިއާ މާދުރުނޫން ހިސާބުތަކުގައެވެ. މިގޮތުން އެންމެ ފުރަތަމަ އިންސާނުން ދިރިއުޅެން ފަށައިފައިވާ ކަމަށް ބެލެވެނީ ޢިރާގުގެ ޔުފްރޭޓްސް ކޯރާއި ޓައިގްރިސް ކޯރުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި، މިޞްރުގެ ނީލަކޯރު ވާދީގައި، އިންޑިއާގެ އިންޑަސް ކޯރު ވާދީގައި، އަދި ޗައިނާގެ ހުވެންގހޯ ކޯރުގެ ވާދީގައެވެ.

ބިމުގައިވާ އިންސާނީ އަސަރުތައް ހޯދާ ދިރާސާކޮށް، މާޒީވެ ގޮސްފައިވާ އިންސާނުންގެ ދިރިއުޅުމާ ބެހޭ ހޯދުތަކުގެ ޢިލްމަކީ އާކިއޮލޮޖީ  އެވެ. އާކިއޮލޮޖީގެ ޢިލްމުވެރިން ކަމަށްވާ، އާކިއޮލޮޖިސްޓުން ބިމުގެ އަޑީގައި ވަޅުލެވިފައި ހުންނަ ތަކެއްޗާއި، އަދި މިނޫންވެސް ގޮތްގޮތުން ފެންނަ އާސާރީ ތަކެތި ދިރާސާކޮށް، މަޢުލޫމާތު އެއްކުރަމުން ދެއެވެ.

މައުލޫމާތު ނެގީ:
1 ދތކމ. (1994). އިޖްތިމާޢީ ޢިލްމު 1. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
2 ހިސްޓްރީ އެންޑް ލައިފް، ދަ ވާލްޑް އެންޑް އިޓްސް ޕީޕަލް 1987

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
122

2 Responses

  1. އެންމެ ފުރަތަަމަ ޚަލްގުކުރެ އްވި އިންސާނުން އާދަމްގެފާނާ އި ހަ އްވާގެފާނު ބިމަށް ފޮނު އްވަ އި އިންސާނާ ދަރިފަސްކޮޅު އިތުރު ކުރެ އްވުމުގެ ގޮތުން ހާބީލާ އި ގާބިލު އުފަންވެ އެ ދެބޭފުޅުންގެ ތެރެ އިން އެ އްބޭފުޅަކު ދަނޑުވެރިކަން ކުރެ އްވި އިރު އަނެ އްބޭފުޅާ ގެރިބަކަރި ގެންގުޅު އްވިކަން ކީރިތި
    ޤުރު އާނުން ސާބިތުވެ އެވެ. އެހެންވީމާ އާކި އޮލޮޖީ އެބަދިމާވޭ ހެ އްޔެވެ؟

    1. މިލިޔުމުގައި ހުރި އިވޮލިއުޝަން ތިއަރީގެ ބައިތައް އުނިކޮށްލައި އިސްލާމީ ފިކުރާ ގުޅުވާލުން ރަނގަޅު. ﷲ އާދަމުގެފާނު ބިމަށް ފޮނުއްވިއިރު، އަލިފާނަކީ ކޮން އެއްޗެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *