Support Us

ޓްރަމްޕްގެ ސާބިތު ނުހިފޭ ތުހުމަތުތަކަށް ނިމުމެއް ނެތް

އާ އަހަރެއްގެ ތެރެއަށް އެމެރިކާގެ ސުޕްރީމް ކޯޓް ވަދެގެން އަންނައިރު 2020 ގައި އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ޑްރާމާއަކަށް އަދިވެސް ނިމުމެއް ނާދެއެވެ. ވިސްކޮންސިންގައި ޖޯ ބައިޑްންއަށް ލިބުނު ކާމިޔާމީ ބާޠިލުކޮށްދޭން އެދި މި ދިޔަ ހަފުތާގައި ޓްރަމްޕްގެ ކެމްޕޭނު ޓީމުގެ ފަރާތުން ވަނީ ދެ ވަނަ ފަހަރަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ރައީސް ޓްރަމްޕާއި އޭނާގެ އެކުވެރީންގެ ފަރާތުން ކޯޓަށް ހުށަހަޅައިފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް، ޕެންސިލްވޭނިއާއާއި ޖޯޖިއާއާއި މިޝިގަނާއި ވިސްކޮންސިނާއި އެރިޒޯނާގައި ޖޯބައިޑްނަށް ލިބުނު ކާމިޔާބީ ބާޠިލުވުމަކީ އަދިވެސް އެ މީހުންގެ އުންމީދެވެ.

އިންތިޚާބުގެ ނަތީޖާ ބަދަލު ކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ފަނޑިޔާރުންގެ ފަރާތުން ނުފެނުނަސް، 2020 ގެ އިންތިޚާބީ ކެމްޕޭނާ ގުޅިގެން ހުށަހެޅިފައިވާ ބައެއް މައްސަލަތަކަށް ގޮތެއް ނުނިމި އަދި ވެސް އެބަހުއްޓެވެ. މި ކަމަށް ނިޔާއެއް އިއްވުން އަދި ވެސް އެތައް މަހަކަށް ދެމިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަނެއްކޮޅުން ބަލާއިރު ޕެންސިލްވޭނިއާއާއި ޖޯޖިއާއާއި މިޝިގަނާއި ވިސްކޮންސިންގައި ޖޯބައިޑްނަށް ލިބުނު ކާމިޔާބީ ބާޠިލުކުރާން ޓެކްސާސްއިން ހުށަހެޅި ޤާނޫނީ މައްސަލަތައް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. ބަލައި ނުގަނެ ރައްދުކޮށްފައެވެ. އެ މީހުން ހުށަހެޅި ހުށަހެޅުންތަކަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނެތްކަމަށް ބަޔާންކުރަމުންނެވެ. ހަމަ މި ފަދައިން ޑިސެންބަރ 14 ގައި އިލެކްޓޯރަލް ކޮލެޖުން ވަނީ 306 ވޯޓް 232 ވޯޓުން، އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯބައިޑްން ކާމިޔާބުކުރެއްވި ކަމަށް ކަނޑައަޅައިފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންތިޚާބު ކާމިޔާބުކުރާން ބޭނުންވަނީ 270 ވޯޓެވެ.

އެހެން ނަމަވެސް ޓްރަމްޕް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. ތަފާތު ޑްރާމާތައް އޭނާގެ ފަރާތުން އަދި ވެސް ފެންނާނެއެވެ. މިހާރު ވެސް އެ ފަދަ ސާބިތު ނުހިފޭ އެތައް ތުހުތަތުތަކެއް އޭނާގެ ކެމްޕޭން ޓީމުން ގެންދަނީ ކުރަމުންނެވެ. ވޯޓު އޮޅުވައިލުމާއި އިންތިޚާބު ހިންގައި ބެލެހެއްޓުމުގެ ދޯދިޔާ ވާހަކަތައް އޭނާގެ ޓީމުގެ ފަރާތުން އަދި ވެސް ގެންދަނީ ފަތުރަމުންނެވެ. ކޯޓަށް ހުށަހަޅާ މައްސަލަތައް ވެސް ތަކުރާރުކޮށް ހުށަހެޅުމުގައި އޭނާގެ މަސައްކަތަށް ހުއްޓުމެއް ނުގެނެއެވެ. ވައިޓްހައުސްގެ ތެރެއަށް ވަދެވަޑައިގެން ރިޔާސީ މަސައްކަތާ ޖޯބައިޑްން ޙަވާލުވާންޖެހޭ މުއްދަތު އަންނަނީ ކުޑަތަންވަމުންނެވެ. ނަމަވެސް އަދިވެސް ޓްރަމްޕްގެ ފަރާތުން އޭނާގެ ނާމިޔާބު މަސައްކަތަށް ހުއްޓުން ގެންނަ ކަމުގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ. ދައްކާ ވާހަކައިގެ ރާގު ބަދަލެއް ނުކުރެއެވެ. ވާ ގޮތެއް ބަލާން ތިބެމާހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *