މި ހުސްވި ނޮވެންބަރުމަހު އެމެރިކާގެ ރިޔާސީ އިންތިޚާބާ ހެދި މުޅި ދުނިޔެ އަވަދިނެތިވެގެން ދިޔައެވެ. މި އިންތިޚާބު ބައިޑްން ކާމިޔާބު ކުރެއްވުމާ ވިދިގެން މިއަދު ދުނިޔެ އަވަދިނެތިވެފައި ވަނީ އޭނާގެ އޮޑީގެ ފަޅުވެރީންނާ ހެދިއެވެ. ބައިޑްން އޭނާގެ އޮޑިއަށް އަރުއްވާނީ ކޮންކޮން ބޭފުޅުންތަކެއް ބާވައެވެ؟ ވޭތުވެދިޔަ ހަތަރު އަހަރު އެމެރިކާ ދެކެފައިވާ ސިޔާސީ އިޤްތިޞާދީ ޚަރާބުގެ ދުވެލި މަތަކޮށް މިސްރާބު ބަދަލުކުރުމުގެ ހުރިހާ ޒިންމާއެއްގެ ވެރީންނަކީ އެބޭފުޅުން ކަމުގައި ވާނެތީއެވެ. އެމެރިކާގެ އިޖްތިމާޢީ ފޭރާމުގައި ހެދިފައިވާ ބައުގަނޑުތަކުގައި ފޮތި އަޅައި ރަނގަޅު ކުރުމުގެ މަސްއޫލިއްޔަތު އޮންނާނީ އެބޭފުޅުންގެ އިސްތަށިފުޅުގައި ކަމަށް ވާނެތީއެވެ. އެމެރިކާގެ އެކުވެރި ޤައުމުތަކާއި އެމެރިކާއާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް ޙައްލު ކުރައްވަން މަސައްކަތް ކުރައްވާނީ ހަމަ މި ބޭފުޅުންނެވެ.
ރައީސް ބައިޑްން އޭނާއާއެކު މަސައްކަތް ކުރައްވަން ހޮއްވަވާފައިވާ ޓީމަށް ބަލާއިރު ފެންނަފެނުމުގައި އެއީ ރައީސް އޮބާމާގެ ވެރިކަމުގައި މުހިއްމު ފައިލްތަކެއް ގެންގުޅުއްވާފައިވާ ވަރަށް ތަޖްރިބާކާރު ބޭފުޅުންތަކެކެވެ. މިހެންވެ ބައިޑްން އޭނާގެ ސިޔާސަތު ރައީސް އޮބާމާގެ ސިޔާސަތުގެ ކޮޕީއަކަށް (ކްލޯނަކަށް) ނުވާނެ ކަމަށް ވިދާޅުވުމަށް އަވަސްވެވަޑައިގަތެވެ.
އެމެރިކާގެ ނާޚިބުންނަށް ބަލާއިރު އެމީހުން ކަންބޮޑު ވަނީ ދާޚީލީ އަމާންކަމާއި، ޚަޒާނާއާއި، ވިޔަފާރިއާއި، މުވާޞަލާތާއި، ހަކަތައާމެދުއެވެ. މިއާ ޚިލާފަށް ބޭރު ދުނިޔެ ކަޅި އަޅަނީ ޚާރިޖިއްޔާ ވުޒާރާއަށާއި، ވިޔަފާރިއާ ބެހޭ ވުޒާރާއަށާއި، އެމެރިކާގެ ޤައުމީ އަމްނާބެހޭ މުޝްތަޝާރަށާއި، އދ އަށް ޢައްޔަން ކުރައްވާނެ ސަފީރަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މީގެ ކުރިން ދެކެފައި ނުވާ ފަދަ މިންވަރަކަށް މީސްތަކުން ވަނީ ބައިބައިވެ ދެ ތަނޑިއަށް ބުރައިގެންގޮސްފައެވެ. އޭނާގެ ހަތަރު އަހަރުގެ ވެރިކަމުގައި އެމެރިކާގެ "ބާރުތައް ވަކިކުރުމުގެ އުޞޫލުތަކަށާއި"، "ފަނޑިޔާރުގޭގެ މިނިވަންކަމަށާއި"، "މުއައްސަސާތަކުގެ އަހައްމިއްޔަތަށާއި މިނިވަންކަމަށާއި"، "ގާތްކަމަށްވުރެ ޤާބިލުކަމަށް އިސްކަންދިނުމުގެ" އަސާސުތަކަށް ވަނީ ބުރޫއަރައިފައެވެ.
ރައީސް ބައިޑްންގެ ޓީމަށް މެންބަރުން ހޮއްވަވާފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައި ދެކެފައިވާ ބައިބައިވުން ހުއްޓުވުމަށް އޭނާ މަސައްކަތް ކުރައްވާނެކަމުގެ މެސެޖް އެތެރެއަށާއި ބޭރަށް ދެއްވުމަށެވެ. އެމެރިކާގައި ދިރިއުޅޭ އަޣްލަބިއްޔަތު ނެތް ނަސްލުތަކުގެ (ކަޅު މީހުންނާއި، ޔަހޫދީންނާއި، ލެޓީނޯއިންގެ) މަސްއަލަތަކަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ޓީމުގައި އަންހެނުންނަށް އެކަށީގެންވާ ޢަދަދެއް ދެއްވާފައި ވެއެވެ. އޭނާގެ ނާއިބަކީ ކަމަލާ ހެރިސްކަމުގައި ވާތީ މިކަން ފެންނާނެ ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. ޔޫރަޕް މީހުން ހިތްހަމަޖެއްސުވުމަށް ޓަކައި ތިމާވެށްޓާ ބެހޭ މަންދޫބަކަށް ޖޯން ކެރީ ޢައްޔަން ކުރައްވާނެއެވެ. ތިމާވެށްޓާ ބެހޭ އެއްބަސްވުމުގައި ޕެރިހުގައި 2015ގައި އެމެރިކާ ފަރާތުން ސޮއި ކުރެއްވީ ކެރީއެވެ.

ވަރަށް ގިނަ މަޞްދަރުތައް ބުނާގޮތުގައި ބައިޑްން އޭނާގެ ސަރުކާރުގައި ދިފާޢީ ވަޒީރު ކަމަށް އިސްކުރައްވާނީ ރިޓަޔަރޑް ޖެނެރަލް ލުވިޑް އޮސްޓަނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކުރީގެ ވެރިޔާ އެ މަޤާމަށް އިސްކުރައްވަން ބައިޑްން ހުށައަޅުއްވާފައިވާތީ މެދުއިރުމަތީގައްޔާއި އަފްޣާނިސްތާނުގައި އެމެރިކާއިން ކުރިން ގެންގުޅުނު ސިޔާސަތަށް ވޮޝިންގްޓަން އަނބުރާ ހިނގައިދާނެ ކަމަށް މުޙައްލިލުން ލަފާކުރައްވައެވެ. އަދި އެއީ ރައީސް ޓްރަމްޕް ގެންގުޅެއްވި "ނާޖާއިޒު ފައިދާނެގުމުގެ ސިޔާސަތަށް" ބަދަލު އަންނާނެ ކަމުގެ ވަރުގަދަ އިޝާރަތެކެވެ.
ރައީސް ބައިޑްން އޭނާގެ ޚާރިޖީ ވަޒީރުކަމަށް އެންޓަނީ ބްލިންކެން އިސްކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އެއް ގައުގަނޑުން ޖަހާ ދެ ދޫނި މަރައިލުން ކަމަށް ބުނެވެއެވެ. ބްލިންކެން އަކީ ޔަހޫދީއެކެވެ. ބައިޑްނާ ބަލިންކެން އެކުގައި ވަރަށް ގިނަ ދުވަހު ވަނީ މަސައްކަތް ކުރައްވައިފައެވެ. އޮބާމާގެ ރައީސްކަމުގައި ބްލިންކެން ވަނީ ޚާރިޖީ ވަޒީރުގެ ނާއިބު ކަމުގެ މަޤަމު ފުރުއްވައިފައެވެ. މިއީ އިސްރާއީލު ހިތްހަމަޖެއްސެވުމަށް ޓަކައި ބައިޑްން އަޅުއްވާ ފިޔަވަޅެއް ކަމަށް ފެނެއެވެ. ބްލިންކެން އަކީ ނާޒީންގެ އުނދުނުން ސަލާމަތްވެގެން އެމެރިކާއަށް އައި ޔަހޫދީއެއްގެ ދަރިއެކެވެ. އެހެންކަމުން އޭނާ އިސްރާއީލަށް ދެރަވާނެ ކަމެއް ނުކުރައްވާނެއެވެ. ބްލިންކެން އަކީ ފަރަންސޭސި ބަސް ވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ސިޔާސީ ތަޖްރިބާކާރެކެވެ.
އދ އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ވާނީ ލިންޑާ ތޯމަސް ގްރީންފީލްޑެވެ. އޭނާއަކީ އަޞްލު އެފްރިކާ ނަސްލުގެ ބޭފުޅެކެވެ. ރައީސް އޮބާމާގެ ވެރިކަމުގައި ލިންޑާ ވަނީ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ކަމުގެ މަޤާމު ފުރުއްވައިފައެވެ. ލިންޑާ އދށް ޢައްޔަންކުރެއްވުމުން ބައިޑްން ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ޓްރަމްޕްގެ ވެރިކަމުގައި އެފްރިކާ އިހްމާލު ކުރައްވާފައި އޮތްއޮތުމަށް ނިމުމެއް އަންނާނެ ކަމެވެ.
ބައީޑްންގެ ރައީސްކަމުގައި ދާޚިލީ އަމްނާ ބެހޭ ވަޒީރުކަމަށް އިސްކުރެއްވުމަށް ލިސްޓު ކުރައްވާފައި ވަނީ އެލިޚޭންޑޯ މަޔޯރު ކާސްއެވެ. އޭނާއަކީ ދެކުނު އެމެރިކާގެ ނަސްލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް ބައިޑްން އޭނާ އެ މަޤާމަށް އިޚްތިޔާރު ކުރެއްވީ ލެޓިން އެމެރިކާގެ ޤައުމުތަކަށް ހިތްހަމަޖެހުމެއް ދެއްވޭތޯއެވެ. އެމެރިކާގައި އުޅޭ ލެޓީނޯއިން ވަނީ ރައީސް ޓްރަމްޕް އެމީހުންނާމެދު ގެންގުޅުއްވި ޢުންޞުރީ ސިޔާސަތުދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނާއަކީ ވެސް ބައިޑްނާއެކު އޮބާމާގެ ރިޔާސަތުގައި މަސައްކަތް ކުރެއްވި ތަޖްރިބާކާރު ބޭފުޅެކެވެ. އޭނާ މުހާޖިރުންގެ ދަރީންނަށް އެމެރިކާގެ ޤައުމީ ސިފަ ދިނުމާ ބެހޭ ޕްރޮގްރާމު ހިންގެވިއިރު މުހާޖިރުންނަށް ލިބޭ ނަހަލާލު ދަރީންނަށް އެމެރިކާގެ ޤައުމީ ސިފަ ލިބޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. މިއީ ދެކުނު އެމެރިކާގެ އުޞޫލަކުން ވަޑައިގެންނެވި ބޭފުޅަކަށް މި މަޤާމު ލިބިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ބައިޑްންގެ ސަރުކާރުގައި ޤައުމީ އަމްނާ ބެހޭ މުސްތަޝާރު ކަމަށް ޢައްޔަން ކުރަން ހަމަޖެހިފައި ވަނީ ޖެކް ސުލިވަން އެވެ. އޭނާ 2013ން 2014ށް މި މަޤާމު ފުރުއްވާފައި ވެއެވެ. ހެލަރީ ކްލިންޓަން އެމެރިކާގެ ޚަރިޖީ ވުޒާރާ ހިންގެވި ދުވަސްވަރު ސުލިވަން ، ހެލެރީގެ ނާއިބު ކަމުގައި ހުންނެވިއެވެ. ހެލެރީގެ ރިޔާސީ އިންތިޚާބުގައި ސުލިވަން ވަރަށް މުހިއްމު ދައުރެއް އަދާ ކުރެއްވިއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިކަމަށް އިސްކުރައްވަން ބައިޑްން ވިސްނަވާފައި ވަނީ އަންހެން ބޭފުޅެކެވެ. އެއީ އެވްރިލް ހޭނެޒްއެވެ. އޭނާއަކީ ޤާނޫނީ ވަކީލެކެވެ.މީގެ ކުރިން އޭނާ ވަނީ ޤައުމީ އަމްނާ ބެހޭ މުސްތަޝާރުކަން ވެސް ކުރައްވައިފައެވެ. 2015ގައި އޭނާ ޚާރިޖީ ވަޒީރުގެ ނާއިބުކަން ވެސް ކުރެއްވިއެވެ. އޭނާ މި މަޤާމަށް އިސްކުރެއްވިއްޖެނަމަ އޭނާ ވަނީ މި މަޤާމަށް އިސްކުރެވޭ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ބައިޑްންގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާނެ އަނެއް އަންހެން ބޭފުޅަކީ އެމެރިކާގެ ޚަޒާނާގެ ވަޒީރުކަމަށް އިސްކުރައްވަން ލިސްޓް ކުރައްވާފައިވާ ޖެނެޓް ލުއިސް ޔެލެން އެވެ. އޭނާއަކީ އިޤްތިޞާދީ މާހިރެކެވެ. އޭނާ ވަނީ އޮބާމާގެ ރިޔާސީ ދައުރުގައި އެމެރިކާގެ މަރްކަޒީ ބޭންކުގެ ރައީސްކަން ވެސް ކުރައްވައިފައެވެ. ޑިމޮކްރޭޓުން ދެކެވަޑައިގަންނަވާ ގޮތުގައި ކަސާދުވެފައިވާ އެމެރިކާގެ އިޤްތިޞާދު ކޮޅަށް ނެގުމަށް ޓަކައި ކޮންގްރެސްއާއެކު މަޝްވަރާކުރުމާއި ބަހުސްކުރުމުގެ ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ބޭނުންވާނެއެވެ. މި ސިފަތައް ޖެނެޓް ލުއިސް ޔެލެންގެ ކިބައިގައި އެބަހުށްޓެވެ.
ރައީސް ބައިޑްން އެމެރިކާގެ ތިޖާރީ މަންދޫބުގެ މަޤާމަށް ވެސް އިޚްތިޔާރު ކުރައްވާފައި ވަނީ އަންހެން ބޭފުޅެކެވެ. އެއީ ކެތުރީން ޓާއި އެވެ. އޭނާ ވަނީ 2007ން 2014ށް، ބައިނަލްއަޤްވާމީ ވިޔަފާރިއާބެހޭ ޖަމްޢިއްޔާގައި އެމެރިކާގެ މަންދޫބުގެ މަޤާމު އަދާކުރައްވައިފައެވެ. އޭނާއަކީ ޗައިނާ ބަސް ދެނެވަޑައިގަންނަވާ ބޭޅެއްކަމުން ޗައިނާއާއެކު ވިޔަފާރީގެ މަސްއަލަތަކުގައި ބަހުސް ކުރައްވަން އޭނާއަށް ފަސޭހަފުޅު ވާނެއެވެ. ލަޑުދަނޑިއަށް ބަލާއިރު އޭނާގެ ސިޔާސަތު ރައީސް ޓްރަމްޕްގެ ސިޔާސަތާ ތަފާތެއް ނުވާނެއެވެ. ތަފާތު ވާނީ ވަސީލަތްތަކުގައެވެ.
މި ހުރިހާ ނަންފުޅުތަކަކުން އެނގެނީ އެމެރިކާ އަނބުރާ ވަރުގަދަ ބާރެއްގެގޮތުގައި އޭޝިޔާއަށާއި މެދުއިރުމައްޗަށާއި އެފްރިކާއަށާއި ލެޓިން އެމެރިކާއަށް ވަންނަން ބޭނުންވާ ކަމެވެ. އެންމެ ބޮޑު ބާރުގެ ގޮތުގައި އެމެރިކާ ދުނިޔޭގައި އޮންނަން މަސައްކަތް ކުރާނެ ކަމެވެ.
އޮބާމާގެ ސަރުކާރުގައި ހަތަރު ޖުމްހޫރީން ބައިވެރި ކުރައްވާފައިވާ ގޮތަށް ބައިޑްންގެ ސަރުކާރުގައި ވެސް ބައެއް ޖުމްހޫރީން ބައިވެރި ކުރައްވަން ވަނީ ގަސްތު ކުރައްވައިފައެވެ. އޭނާ ތިޖާރީ ވަޒީރު ކަމަށް ޢައްޔަން ކުރައްވަން ގަސްތު ކުރައްވާފައި ވަނީ ޖުމްހޫރީ ބޭފުޅެއް ކަމުގައިވާ މިގް ވައިޓްމަން އެވެ. އޭނާއަކީ ވަރަށް ތަޖްރިބާކާރު ވިޔަފާރިވެރިއެކެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި މިއީ ރައީސް ބައިޑްން ޖުމްހޫރީންގެ ރުހުމާއި ތާއީދު ހޯއްދެވުމަށް ޓަކައި އެޅުއްވި ފިޔަވަޅެކެވެ. މި ކަމުގެ ސަބަބުން ކޮންގްރެސްގައި ބައިޑްންގެ ސަރުކާރާމެދު އިދިކީލިކަން ކުޑަވެގެން ދާނެއެވެ.



advertisment