އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށް ރަނގަޅުކުރުމާ ބެހޭގޮތުން އިމާރާތާއި މަޣްރިބާއި ސޫދާނުން އިސްރާއީލާއެކު އެއްބަސްވުންތައް ހެދީ އެމެރިކާގެ ރައީސް ޓްރަމްޕު އެއިން ކޮންމެ ޤައުމަކާއެކު ހެއްދެވި "ޑީލަކާ" އެކުގައެވެ. ޓްރަމްޕްގެ ވެރިކަން ނިމި ބައިޑްން ވެރިކަމަށް ވަޑައިގަތުމަށްފަހު މި "ޑީލްތައް" އުވާލައްވައިފިނަމަ މި ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ރަނގަޅު ކުރުމުގައި ކުރިއަށްދާނެ ހެއްޔެވެ؟ މިއީ މިއަދު ކުރެވޭ ސުވާލެކެވެ.
ޓްރަމްޕްގެ ޑީލްތަކަކީ މައިންތަކެއް
- މަޣްރިބަށް ބަލާއިރު ޓްރަމްޕްގެ ޑީލަކީ ހުޅަނގު ޞަހަރާ މަޣްރިބުގެ ބައެއް ކަމަށް ވޮޝިންގްޓަނުން ޤަބޫލުކުރުމެވެ. މިއީ ބައިނަލް އަޤްވާމީ ހުރިހާ އެއްބަސްވުންތަކަކާއި ޤަރާރުތަކަކާ ޚިލާފު ޢަމަލެކެވެ.މި އެއްބަސްވުންތަކާއި ޤަރާރުތައް ބުނާގޮތުގައި ހުޅަނގު ޞަޙަރާއަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ވޯޓަކުން މަސްއަލަ ނިންމަން ޖެހިފައިވާ ސަރަޙައްދެކެވެ.
- އެކުވެރި އަރަބި އިމާރާތަށް ބަލާއިރު ޓްރަމްޕްގެ ޑީލަކީ އެމެރިކާގެ އެފް- 35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އިމާރާތަށް ވިއްކުމެވެ. އެމެރިކާގެ ކޮންގްރެސްގެ ސެނެޓުން މި ކަމަށް އެއްބަސްވެފައި ވަނީ ވަރަށް ހަނި އަޣްލަބިއްޔަތަކުންނެވެ. އެހެންކަމުން މި ޤަރާރާ ދެކޮޅަށް ރައީސް ބައިޑްން ވީޓޯ ކުރައްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
- ސޫދާނަށް ބަލާއިރު ރައީސް ޓްރަމްޕް ޚުރްޠޫމާއެކު ހައްދަވާފައިވާ ޑީލަކީ ސޫދާނާ ދެކޮޅަށް އުފުލާފައިވާ ނުވަތަ އުފުލަފާނެ ބަދަލުދިނުމުގެ ދަޢުވާތަކުން ސޫދާނު ޙިމާޔަތް ކޮށްދިނުމެވެ. މިއީ ވައިޓްހައުސްގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ. ދެހާސް އެއް ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 11 ވަނަ ދުވަހު އެމެރިކާގައި ދެވުނު ޙަމަލާތަކުގައި މަރުވި މީހުންގެ ޢާއިލާތަކުން އެމީހުންގެ މަރުގެ ދިޔަ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އެމެރިކާގެ ކޮންގްރެސްގެ ބާރުގެ ދަށުގައިވާ ޤާނޫނީ މަސްއަލައެކެވެ. މީގެއިތުރަށް މި މަސްއަލައިގައި ސޫދާނުގެ އިންތިޤާލީ ޢަސްކަރީ ވެރީންނާއި މަދަނީ ވެރީންނާ ދެމެދުގައި ވެސް ވަނީ ދެބަސްވުންތައް އުފެދިފައެވެ. ވޮޝިންގްޓަންގައި ހުންނަ ސޫދާނު ސަފާރާ ބުނާގޮތުގައި ސޫދާނުގެ މައްޗަށް އުފުލުމަށް ނިންމާފައިވާ ނިރުބަވެރިކަމުގެ ދަޢުވާތަކުން ސޫދާނަށް ޙިމާޔަތް ނުލިބޭނަމަ ސޫދާނުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށް ރަނގަޅެއް ނުކުރާނެއެވެ. ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި ޓްރަމްޕް ސަރުކާރުން މި ޑީލްތައް ރޫޅިގެންދިޔަ ނުދިނުމަށް ޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން ބަލާއިރު އެމެރިކާއިން ވަނީ ސޫދާނަށް އެ ޤައުމުގެ ދަރަނިތައް އަދާކުރުމަށް ޓަކައި އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް ދޭނެކަމަށް ވަޢުދުވެފައެވެ. މީގެއިތުރަށް ކޮންމެ އަހަރަކު އެމެރިކާއިން ސޫދާނަށް ތަރައްޤީއަށް ޓަކައި 1.5 ބިލިއަން ޑޮލަރުގެ އެހީ ދޭނެކަމަށް ވެސް ވަނީ ވަޢުދުވެފައެވެ. މިއަދުގެ ސުވާލަކީ ރައީސް ބައިޑްންގެ ސަރުކާރުން މި ވަޢުދުތައް ފުއްދާނެ ހެއްޔެވެ؟
- ފެންނަފެނުމުގައި ބަޙްރައިނަކީ އިސްތިސްނާއީ ޙާލަތެކެވެ. އެމެރިކާއިން ވަނީ ބަޙްރައިނާއެކުގައި ވެސް ކުޑަ ނަމަވެސް ޑީލެއް ހަދައިފައެވެ. ބަޙްރައިނުގެ "ސަރާޔަލް މުޚްތާރު" ނަމަކަށް ކިޔާ ސަރުކާރާ އިދިކޮޅު ޖަމާޢަތް އެމެރިކާއިން ވަނީ "ނިރުބަވެރި ޖަމާޢަތްތަކުގެ" ލިސްޓަށް ލައިދީފައެވެ. މި ޖަމާޢަތަކީ އީރާނުގެ ތާއީދު ލިބިގެން ބަޙްރައިން ސަރުކާރު ވައްޓައިލުމަށް މަސައްކަތް ކުރާ ޖަމާޢަތެކެވެ.
ދެމެހެއްޓެވެނި ކަމެއް ނެތް ހެއްލުންތަކެއް
އެމެރިކާގެ މަޝްހޫރު ދުވަހު ނޫހެއްކަމުގައިވާ "ދަ ނިވްޔޯރކް ޓައިމްސް" ބުނާގޮތުގައި ޓްރަމްޕްގެ ޑީލްތަކަކީ ވަރަށް "ފީ" އަދި ވަރަށް "މުރަނަ" ޑީލްތަކެކެވެ. ކޮންމެ އިރަކު ވެސް ބިންދައިގެން ހިނގައިދާނެއެވެ. ރައީސް ބައިޑްން މި ޑިލްތަކާ ދެކޮޅު ހައްދަވައިފާނެ ކަމުގެ އިޙްތިމާލު ވަރަށް ބޮޑެވެ.
ރައީސް ބައިޑްން ޚާރިޖީ ވަޒީރު ކަމަށް އިސްކުރެއްވުމަށް ހަމަޖެހިފައިވާ ބްލެންކެންގެ އަރިސް ބޭފުޅަކު ވިދާޅުވާގޮތުގައި ބައިނަލްއަޤްވާމީ ޢުރުފާ ޚިލާފު ޑީލްތަކާ އެއްގޮތަށް ރައީސް ބައިޑްން ޢަމަލެއް ނުކުރައްވާނެއެވެ. މިސާލަކަށް މަޣްރިބުގެ ސަރަޙައްދެއް ކަމަށް ހުޅަނގު ޞަޙަރާ ޤަބޫލު ކުރުމަކީ ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކަކާއި ނިންމުންތަކަކާ ޚިލާފު ކަމެކެވެ.ސެނެޓްގެ ދިފާޢީ ކޮމެޓީގެ ރައީސް އީންހޯފް ވިދާޅުވާ ގޮތުގައި ރައީސް ޓްރަމްޕްގެ މި ނިންމެވުމަކީ ވަރަށް ދެރަވާން ޖެހޭ ކަމެކެވެ. އދ އާއި ޔޫރަޕްގެ އިއްތިޙާދާއި އެފްރިކާގެ އިއްތިޙާދު ދެކޭގޮތުގައި ހުޅަނގު ޞަޙަރާއަކީ އަރާރުން އުފެދިފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގެ ކުރިމަގު ކަނޑައަޅަން ޖެހޭނީ އެ ސަރަޙައްދުގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުންނެވެ.
ދެވަނަ މިސާލަކީ އިމާރާތަށް އެފް – 35 މަރުކާގެ ހަނގުރާމަމަތީ މަތިންބޯޓު ވިއްކުމުގެ މަސްއަލައެވެ. މިއީ އެމެރިކާގެ ޒަމާންވީ ސިޔާސަތާ އަރާރުންވާ ކަމެކެވެ. މި ކަމުގެ ސަބަބުން އިސްރާއީލަށްވުރެ އަރަބިން އަތުގައި ހުންނަ ހަތިޔާރު މޮޅު ހަތިޔާރަށް ވެގެން ހިނގައިދާނެތީއެވެ. އެމެރިކާގެ ސިޔާސަތަކީ އިސްރާއީލުގެ ބާރު ޢަރަބިންގެ ބާރަށް ވުރެ އަބަދުވެސް ވަރުގަދަކަންމަތީ ދެމެހެއްޓުމެވެ. އެފް- 35 ގެ ބޯޓު ވިއްކަން ކޮންގްރެސްއިން ޤަބޫލުވީ ވަރަށް ހަނި އަޣްލަބިއްޔަތަކުންނެވެ. މި އަންނަ މަހު ޖޯރޖިޔާގައި ބޭއްވޭ ކޮންގްރެސް އިންތިޚާބުގައި ޑިމޮކްރެޓުންނަށް ކާމިޔާބު ލިބިއްޖެނަމަ ކޮންގްރެސްގައި ބާރުގަދަ ވާނީ ޑިމޮކްރެޓުންނެވެ. އެމެރިކާއިން އިމާރާތަށް ވިއްކަން ނިންމާފައިވާ ހަތިޔާރުގެ ވިޔަފާރިއަކީ 23 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއެކެވެ. ބައެއް މުޙައްލިލުން ވިދާޅުވާ ގޮތުގައި މި ހަތިޔާރުތައް އިމާރާތަށް ވިއްކިއަސް ހަތިޔާރުގެ މައިދާނުގައި އިސްރާއީލަށްވުރެ ޢަރަބި އެއްވެސް ޤައުމެއް ބާރުގަދައެއް ނުވާނެއެވެ.
ސޫދާނުގެ މައްސައަކީ ޚާއްޞަ މަސްއަލައެއް
ސޫދާނާ އިސްރާއީލުގެ ގުޅުންތައް ޠަބީޢީ ކުރުން ގުޅުވާފައި ވަނީ ވަރަށް ޙައްސާސު ކަމަކާއެވެ. އެއީ އެމެރިކާގެ އެއްވެސް ކޯޓެއްގައި ސޫދާނާ ދެކޮޅަށް ނިރުބަވެރިކަމުގެ އެއްވެސް ދަޢުވާއެއް ނުކުރާ މަތިންނެވެ. ކީނިޔާއާއި ޓެންޒާނިޔާގައި ހުރި އެމެރިކާ ގެ ސަފާރާތަކަށް 1998ގައި ދެވުނު ޙަމަލާތަކާ ވިދިގެން ނިރުބަވެރީންގެ ލިސްޓަށް ވަނީ ސޫދާނު ލައިފައެވެ. ރައީސް ޓްރަމްޕް މިހާރު ވަނީ މި ލިސްޓުން ސޫދާނުގެ ނަން ކަނޑައިލައްވައިފައެވެ.ސޫދާނު ބޭނުންވާ ޤާނޫނީ ޙިމާޔަތާއި ރައްކައުތެރިކަން ދެވޭނީ ކޮންގްރެސް އަށެވެ. މި ގޮތަށް ޢަމަލުކޮށްފިނަމަ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު 11 ވަނަ ދުވަހު އެމެރިކާއށް ދެވުނު ޙަމަލާތަކުގައި ޝިކާރަވެފައިވާ އެމެރިކާގެ ޢާއިލާތަކުގެ ޙައްޤުތައް ހޯދުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅިގެން ދާނެއެވެ.
ސޫދާނު ބުނާގޮތުގައި ސެޕްޓެންބަރު 11ގެ ޙާދިސާއާ އެ ޤައުމާ އެއްވެސް ގުޅުމެއް ނެތެވެ. އެ ކަމުގެ ދަލީލަކީ ސޫދާނުގައި އުޅެމުންދިޔަ އަލްޤާޢިދާގެ ޒަޢީމު ބިން ލާދިން އޭގެ ފަސް އަހަރު ކުރިން އެ ޤައުމު ދޫކޮށް ގޮސްފައިވާ ކަމެވެ. އެމެރިކާގެ ޢާއިލާތަކުން އެދޭ ބަދަލުގައި އެތައް ބިލއަން ޑޮލަރެއް ހިމެނެއެވެ.
ވަރަށް ބުރަ ކަމެއް
މި ޑީލްތައް އުވާލުމަކީ ވެސް މައްސަލައެކެވެ. އެމެރިކާއަކީ ސިޔާސީ މައިދާނުގައި އިތުބާރުކޮށް ބަރޯސާވެވެން ނެތް ޤައުމެއްކަމަށް ދުނިޔެ ދެކެފާނެތީއެވެ.
މީގެ އިތުރަށް އިސްރާއީލު ބުނާގޮތުގައި ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުން އެމެރިކާއަށް ވެސް ފައިދާ ކުރާނެތެވެ.މިހެންވެ އައު ރައީސް އިސްރާއީލު ނާއުއްމީދު ކުރައްވަން ނޫޅުއްވާނެ ކަމަށް ފެނެއެވެ.



advertisment