ބާޠިލުގެ މައްޗަށް ޙައްގުއައިސް ގަދަވާ ދުވަސް އަންނާނެޔޭ
ގާތިލު ޒަމާނަށް ދުނިޔެވެސް ވަގުތާ އެކީ ދަންކާނެޔޭ
ޒާލިމުގެ ބާރާ އާރަކީ ކުޑަ ހިނދު ކޮޅެއްގެ ހިޔަންޏެކޭ
މާލިކުގެ ގަދަފަދަ ވަންތަކަށް ހީނަރުވުމެއް ނޯންނާނެޔޭ
ޖާހިލުކަމާ ފާހިޝްކަމުން ދުނިޔޭންވެވޭ މަސްތަށްވުރެން
ޠާހިރުކަމުން ލިބިދޭ އުފާ އާޚިރަތުގައި ބޮޑު ވާނެޔޭ
މަކަރާއި އޮޅުވާލުންތަކުން ހޯދާ ނަފާގެ ވަސީލަތުން
ސަކަރާތަކަށްވުން ނޫންގޮތެއް ޢަމުދުންނުވެސް އޮންނާނެޔޭ
ހީލަތުގެ ދަރުބާރުން ލިބޭ ތަޚުތާއި ތާޖެއް މާދަމާ
ނީލަންކިޔަސް ބާޒާރުގައި އޭރަކު ދެނެއް ނުވިކޭނެޔޭ
ބަދަލާއި ޖަދަލުގެ ރޫޙުގައި އުފުލާ ބުރުޒު ކިއްލާ އުހަށް
ގަދަވައިގެ ޠޫފާނެއް ނަޔަސް ފުޑުފުޑުވެގެން ފައިބާނެޔޭ
