Support Us

ޗައިނާއާ ދެކޮޅަށް އެމެރިކާ އަޅަމުންދާ ހުރަސްތައް ގިރާކުރެވޭނެބާ!

ޑިސެންބަރު 13ގައި ޗައިނާގެ ގުވާންޒޫ ސަހަރުގައި ބޭއްވި މަރަތަން ދުވުމުގައި ދުނިޔޭގެ ތަފާތު ޤައުމުތަކުން ބައިވެރިވިއެވެ. މިއީ ޗައިނާގެ ގިނަ ކާމިޔާބީތަކުގެ ކުޑަކުޑަ މިސާލެއް ކަމަށް ނޫސްވެރީން ސިފަކުރެއްވިއެވެ.

ދަ ވޯޝިންގްޓަން ޕޯސްޓްގެ ރިޕޯޓެއް ބުނާގޮތުގައި މި މުބާރާތަކީ ކޮރޯނާ ޖާއިހާގެ ސަބަބުން ހަލާކުވެފައިވާ ހުޅަނގާއި މި ޖާއިހާގެ ތެރޭގައިވެސް ކުރިއަރަމުންދިޔަ ޗައިނާގެ ތަފާތު ހާމަކޮށްދިން މުބާރާތެކެވެ. ހުޅަނގުގެ އޮބްޒަރވަރުންނަށް ދެ މާޙައުލުގެ ތަފާތު ފެނި ހައިރާންވިއެވެ. އެތައް ހާސް ދުވުންތެރީންނެއް ގާތްގާތުގައި ތިބެގެން އެ ސަހަރުގެ މަގުތައް މަތީގައި ދުވަމުންދިޔައިރު އެމީހުންނަށް ހިތްވަރުދީ ސާބަސްދިނުމަށް ޓަކައި ޗައިނާގެ އެތައް ލައްކަ ބަޔަކު މަގުމައްޗަށް ނުކުމެ އަތްތިލަބަޑި ތަޅައި އަތް ހޫރުވާ ހެދިއިރު އެމީހުންގެ ތެރެއިން ވަރަށް މަދު ބަޔަކު މެނުވީ މާސްކު އަޅައިފައެއް ނުވެއެވެ.

ޗައިނާގައި ކޮރޯނާގެ އެއްވެސް ޙާލަތެއް ނުފެންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. މިއާ ޚިލާފަށް އެމެރިކާގައި ކޮރޯނާގެ އަސީރުން ދަނީ އިތުރުވަމުންނެވެ. މަރުވާ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ޗައިނާގެ ބޮޑު އަރުތައެކެވެ. އެމެރިކާގެ ބޮޑު ވެއްޓުމެކެވެ.

ޗައިނާގެ ކާމިޔާބީތައް ހާމަކުރީ އެމެރިކާ ޗަރނޯބަލް

މި އަހަރުގެ ކުރީކޮޅުގައި ޗައިނާގެ ވޫހާންގައި ކޯވިޑް-19 ޖެހެމުންދިޔަ މީހުންގެ ޢަދަދު އިތުރުވަމުންދާތަން ފެނުމުން އެމެރިކާ އެކަމާ އުފާކުރިއެވެ. އެއީ ޗައިނާގެ ޗަރނޯބަލަށް ވެދާނެ ކަމަށް އެމެރިކާއިން ބުންޏެވެ. މިއީ އެންމެ ޕާޓީއެއްގެ ޚުދްމުޚްތާރު ވެރިކަމެއްގެ ސަބަބުން ޗައިނާއާ ކުރިމަތިވި ތާރީޚީ ކާރިސާއެއް ކަމަށް އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވިއެވެ. މިއީ ބޭޖިންގްގެ ވެރިކަމުގެ ކަޅު ލައްގަނޑެއް ކަމަށް ވެސް ވޮޝިންގްޓަނުން ސިފަކުރިއެވެ.

ނަމަވެސް އަހަރު ނިމެމުންދާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ޗަރނޯބަލްގެ ފުރޭތަ އެމެރިކާ މައްޗަށް އަރާފައިވާ ތަނެވެ. ޑިސެންބަރު 14 އާ ހަމައަށް އާދެވުނުއިރު ކޯވިޑުން ތިން ލައްކައެއްހާ މީހުން އެމެރިކާގައި ވަނީ މަރުވެފައެވެ. އެތައް ހާސް ބަޔަކު މި ބަލީގައި ފައްސިވަމުންދާތަން މިއަދު ވެސް ފެނެއެވެ. ތަނުގައި އޮތް ސިޔާސީ ޕާޓީތަކުގެ ސަބަބުން އެމެރިކާ ސިޔާސީ ގޮތުން ބައިބައިވެފައިވާ ތަން ވެސް ފެނެއެވެ. އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި މަކަރުހަދައި އޮޅުވައިލިކަމުގެ ތުހްމަތުތަކެވެ. މިއީ މޮގާބޭ (މިހާރު ވަނީ އަވަހާރަވެފައި) ގެ ޤައުމުގައި ހިނގި ކަމެއްނަމަ ހުޅަނގުގެ ފާޑުކިޔުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތައް އޮހެމުންދާނެތެވެ.

މި ބަލި ފެށުނީ ޗައިނާއިން ކަމަށް ބުނެވެއެވެ. އަދި މި ބައްޔާބެހޭ މަޢުލޫމާތު ޗައިނާއިން ވަންހަނާކޮށްފައިވާ ކަމަށް ވެސް ތުހްމަތު ކުރެއެވެ. އެހެނަސް ޗައިނާގެ ވާދަވެރީންނާ ދުޝްމަނުންނަށްވުރެ މާ ކުރުންތެރިކަމާއެކު ޗައިނާއިން މި ވަބާއާއެކު މުޢާމަލާތުކޮށްފައިވާ ކަމަށް ދުނިޔެ އެއްބަސްވެއެވެ. ވޫހާނުގައި މި ބަލި ފެތުރެން ފެށުމާއެކު ޗައިނާ ސަރުކާރުން މި ބަލި ކޮންޓްރޯލް ކުރެވޭތޯ ފިޔަވަޅުއަޅައި ބަލި ފެތުރުން ހުއްޓުވިއެވެ. އަދި އެ ޤައުމުގެ  އިޤްތިޞާދު ހުއްޓުނުނަނުދީ ކުރިއަށް ގެންދިޔައެވެ.

ޗައިނާ ކުރިއެރިޔަ ނުދިނުމަށް އެމެރިކާ މަސައްކަތް ކުރުން

ޗައިނާގެ ކާމިޔާބީގެ ރަޞީދުތައް އިތުރުވަމުން ދާން ފެށުމުން ޗައިނާގެ ދުވެލި މަޑުކުރެވޭތޯ އެމެރިކާއިން ފިޔަވަޅުތައް އަޅަން ފެށިއެވެ. ޗައިނާއިން އެތެރެ ކުރެވޭ މުދަލުން ނަގާ ކަސްޓަމު ޓެކްސް ބޮޑު ކުރިއެވެ. ޗައިނާގެ ޞީނާއީ ބައެއް މުއައްސަސާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. ޓެކްނޮލޮޖީގެ މައިދާނުގައި ޗައިނާގެ ކުރިއެރުވުން ހުއްޓުވުމަށް ޓަކައި ޗައިނާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ރައީސް ޓްރަމްޕް ހުޅަނގުގެ އެކުވެރި ޤައުމުތަކަށް ވެސް ގޮވައިލެއްވިއެވެ.

ރައީސް ޓްރަމްޕާއި އޭނާގެ އެކުވެރީން ފާޑުވިދާޅުވާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ބަވަނަކުރުމުގެ ސިޔާސަތުން އެންމެ ބޮޑަށް ފައިދާ ލިބުނީ ޗައިނާއަށެވެ. އެމެރިކާގެ އެންމެ ބޮޑު ދެ ޕާޓީން ވެސް ތުހްމަތު ކުރާގޮތުގައި ޗައިނާއަކީ އެމީހުންގެ ރަތް ލައިޖެހި ޢަދުއްވެކެވެ. މި ޚިޔާލު އެމެރިކާގެ ސިޔާސީ މަސްރަޙުން ފިލައިގެންދާނެ ކަމަކަށް ނުބެލެވެއެވެ. މި ކަމުގައި ޓްރަމްޕެއް ބައިޑްނެއް ތަފާތެއް ނުވާނެތެވެ. ޗައިނާގެ ޒަޢާމަތަށް މި މެސެޖް ވަނީ ލިބިފައި ކަމަށް ލަފާކުރެވެއެވެ.

ހުޅަނގަށް ރައްދު ދެއްވުމަށް ރައީސް ޝީގެ އިސްތިރާތީޖީ

މި ދުޝްމަނުކަމަށާއި ޢާދާވަތްތެރިކަމަށް ރައްދު ދެއްވުމަށް ޓަކައި ރައީސް ޝީ ޚާއްޞަ އިސްތިރާތީޖީއެއް ގެންގުޅުއްވާނެ ކަން ކަށަވަރެވެ. ޚާއްޞަކޮށް 2021ވަނަ އަހަރަކީ ޗައިނާގައި ވެރިކަން ކުރާ ކޮމްޔުނިސްޓް ޕާޓީއަށް އެއް ސައްތަ އަހަރު ފުރޭ ތާރީޚީ އަހަރެވެ. މީގެ އިތުރަށް ކުރިއަށް އޮތް ފަސް އަހަރަށް ޓަކައި ޗައިނާއިން ވަނީ އިޤްތިޞާދީ ޚާއްޞަ މަޝްރޫޢުތަކެއް ރާވައިފައެވެ. ކޮރޯނާ ވަބާގެ ތެރޭގައި އެހެނިހެން ޤައުމުތަކަށްވުރެ ބާރަށް ޗައިނާގެ އިޤްތިޞާދު ކުރިއަރާފައި ވިޔަސް އެއަށްވުރެ ފުން ނާރެހަކަށް ޗައިނާ ބޭނުންވާ ކަމަށް ޝީ ދެކެވަޑައިގަންނަވައެވެ. މި ދިޔަ ހަފުތާގައި ނިމިގެންދިޔަ ޗައިނާ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ޗައިނާގެ ރައީސް ޝީ ވަނީ އެތެރޭގެ ބާޒާރުތައް ފުޅައުކޮށް ވަރުގަދަ ކުރުމަށް ޗައިނާއިން އިސްކަންދޭނެ ކަމަށް ވިދާޅުވެފައެވެ. ކުރީ ދަހަރުތަކުގައި ޗައިނާ އިސްކަންދީފާ ވަނީ ބޭރުކުރެވޭ މުދާތަކަށް ބައިނަލްއަޤްވާމީ ބާޒާރުތައް ހޯދާދިނުމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުގެ ސުރުމުތިތައް ބުނާގޮތުގައި އެމެރިކާއަށް ވަނީ ޗައިނާއާ "ވަކިވުން" ގެ ސިޔާސަތަކަށް ބޭނުންވެފައެވެ. އެހެނަސް ދުނިޔޭގެ އިޤްތިޞާދުގެ ދަލުގެ ގެތުންތަކަށް ބަލާއިރު އެ ދަލުގެ މަޅިތަކުން ބޭރަށް ނުކުތުން ވަރަށް އުދަނގޫވާނެއެވެ.

"ބައިނަރީ ވިޔަފާރީގެ" އުޞޫލު

މި މޭ މަހު ބޭއްވުނު ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ ސިޔާސީ އޮފީހުގެ ބައްދަލުވުންތަކުގައި ބައިނަރީ ވިޔަފާރީގެ އުޞޫލާމެދު މަޝްވަރާކޮށްފައި ވެއެވެ. އަދި ޗައިނާގެ އެތެރޭގެ ބާޒާރު ވަރުގަދަ ކުރުމަށް އިސްކަން ދިނުމަށް އެއްބަސްވިއެވެ. ސިންގަޕޫރުގެ ލީ ކުއާން ޔޫ ޔުނިވަރސިޓީގެ ޢާއްމު ސިޔާސަތާ ބެހޭ ކޮލެޖުގެ ޕްރޮފެސަރެއް ވިދާޅުވާ ގޮތުގައި "ބައިނަރީ ވިޔަފާރި މުޞްޠަލަޙަކީ ހައްދުފަހަނަޅައިފާވާ ބަވަނަކުރުމުގެ ނިޒާމުގެ އައު މަފްހޫމެކެވެ. އެއީ ސީދާ ޗައިނާއަށް ޚާއްޞަ ސިޔާސަތެކެވެ."

އިޤްތިޞާދީ ތަޖްރިބާކާރެއް ކަމުގައިވާ އެޑަމް ޓޫޒް ވިދާޅުވާ ގޮތުގައި "މި ޚިޔާލު ބުނާގޮތުގައި ކުރިމަގުގައި ޗައިނާގެ އިޤްތިޞާދު ބިނާކުރެވޭނީ ހުޅަނގާ އެއްފަސްވާ ގޮތަކަށެއް ނޫނެވެ. އެހެނަސް މި ސިޔާސަތު އެކަށައެޅޭނީ މުސްތަޤިއްލު ދެ ނާރެހަކަށް ބަލައިގެންނެވެ. އެއީ ޤައުމީ ބަޔަކާއި ބައިނަލްއަޤްވާމީ ބައެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތަމްސީލުގެ ތެރޭގައި ދުނިޔެ ބައިބައިވެފައިވަނިކޮށް ޗައިނާއިން އިޤްތިޞާދީ އައު އިސްތިރާތީޖީއެއް އެކުލަވައިލިއެވެ. އެއީ އައު ފިނި ހަނގުރާމައަކަށް ބޭނުންވާ އިސްތިރާތީޖީއެކެވެ. މި ސިޔާސަތުގެ ނަތީޖާ ޗައިނާއަށާއި ބަވަނަކުރުމަށް ފޯރާނެއެވެ. މި ސިޔާސަތުގެ މަލަތައް އަދި ދުރަށް ފެންނަވަރެއް ނުވެއެވެ. މި ސިޔާސަތުގެ ސަބަބުން  ޗައިނާއަށް ހުޅަނގުގެ އެދުންތަކަށާއި މަޞްލަޙަތުތަކަށް އިޖާބަ ދޭންޖެހޭޖެހުން ކުޑަވެގެންދާނެއެވެ. އަނެއްކޮޅުން ބަލާއިރު ބައިނަލްއަޤްވާމީ މަސްއަލަތަކުގައި ޗައިނާއިން އިޖާބަދޭ މިންވަރު އިތުރު ވެގެންދާނެއެވެ. ޗައިނާ ބުނާގޮތުގައި ކުރިއަށް އޮތް 10 އަހަރުގެތެރޭގައި ޖައްވަށް ބޭރު ކުރާ ކާބަންއާއި އޭގެ މުރައްކަބުތައް 65 އިންސައްތައަށް މަދު ކުރެވޭނެއެވެ.

ބޭޖިންގުން އެތެރެއަށް ސަމާލުކަން ދިނުން

ހުޅަނގުން ކަންބޮޑު ވާތީ ޗައިނާއިން މިހާރު ދަނީ އެ ޤައުމުގެ އިސްތިރާތީޖީ ބަދަލު ކުރަމުންނެވެ. އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް ދުވަހު ނޫސް ބުނާގޮތުގައި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ ބައެއް މަޝްރޫޢުތަކަށް ހޭދަކުރުން ކުޑަކޮށްލައިފައެވެ. ޗައިނާއިން ރާވާ ތަންފީޒު ކުރަމުންދާ "ސިލްކް ރޯޑް" މަޝްރޫޢަކީ އޭޝިޔާއާއި ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކެއް ޝާމިލުވާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ ޗައިނާގެ ބޭންކުތަކުންނެވެ. ޗައިނާ އެމެރިކާ ގުޅުންތައް ހަރުދަނާކަމެއްނެތި ފުރޮޅެމުންދާތީއާއި ޗައިނާގެ ކުންފުނިތައް ބައިނަލް އަޤްވާމީ ބާޒާރަށް ނުކުތުމަށް ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާތީ ޗައިނާގެ އިޤްތިޞާދީ ރޭވުންތެރިން އެ ޤައުމުގެ އިޤްތިޞާދު ހެދިބޮޑުވަމުންދާ ގޮތަށް އަސާސީ ބަދަލުތަކެއް ގެނެއުމަށް ޓަކައި ވިސްނަންޖެހިފައިވާ ކަމަށް ދަނީ ވިދާޅުވަމުންނެވެ. ދައުލަތުގެ މި އެދުމާ އެއްގޮތަށް ދައުލަތުގެ މި ފަދަ މުއައްސަސާތަކުން އެތެރޭގެ ބާޒާރާ ދިމާއަށް މިސްރާބު ބަދަލުކޮށްލައިފިނަމަ ޚާރިޖީ ވުނަކުރުންތައް ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.

އެހެނަސް މުޙައްލިލުން ވިދާޅުވާ ގޮތުގައި ޗައިނާގެ އިސްވާރުން ޢިބާރަތް ކުރައްވާ ގޮތަށް ދުނިޔޭގައި ޗައިނާއަށް ވެރިކަމެއް ނުކުރެވޭނެއެވެ. ބޭޖިންގްގެ ބައިނަލް އަޤްވާމީ އަދި ސަރަޙައްދީ ދިރާސާތަކާ ބެހޭ މަޢުހަދުގެ ޑީން ހުވާނގް ޖިންގ ވިދާޅުވާ ގޮތުގައި އެއީ "ހަމަ އުއްމީދުތަކެކެވެ. ޗައިނާއަށް ވެސް ކުރިއަށް ދެވޭނީ ދުނިޔެ ބަލައިގަންނަ މިންވަރަކުންނެވެ."

ޗައިނާއިން މި ދިޔަ އަހަރު ގެންގުޅުނު ވިލުންތެރި ސިޔާސަތަށް ބަލާއިރު ޗައިނާއާ ދުނިޔެއާ ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން ޗައިނާގެ ސިޔާސަތު މިނިވަންވެގެންދާނެ ކަމަށް ހުޅަނގުން ގެންގުޅޭ ތަޞައްވުރަކީ ރަނގަޅު ވިސްނުމެއް ހެއްޔެވެ؟ ޗައިނާއާ ބެހޭ ދިރާސާތައް ކުރައްވާ ބާހިސަކު ވިދާޅުވާ ގޮތުގައި އިޤްތިޞާދީ ތާރީޚުގައި ލިބަރަލް ފިކްރުގެ މީހުން ވިސްނާ ގޮތާ ޚިލާފަށް ޗައިނާއިން މުޅިން އައު ތާރީޚެއް އުފައްދައިފާނެ ކަމަށް ނުބަލަންވީ ކީއްވެގެން ހެއްޔެވެ؟

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *