Support Us

ބޮޑުފޮޅުދޫ މަސްކަނޑާތަނުގެ ކުރެހުމެއް: މަސައްކަތް ފަށާނީ އަންނަ ޖެނުއަރީގައި

ބޮޑުފޮޅުދޫގެ މަސްކަނޑާ ތަން: ދިވެހިވަންތަ ސިފަތަކާއެކު ޒަމާނީ ފެންވަރަށް ބިނާކުރަނީ

މަސްކަނޑާ ތަނެއް، ދިވެހިވަންތަ ސިފަތަކާއެކު ފަރުމާކޮށް، ޒަމާނީ ފެންވަރުގައި ބިނާކުރުމުގެ މަސައްކަތް އއ. ބޮޑުފޮޅުދޫގައި ފަށައިފިއެވެ.

ދޯންޏެެއްގެ ގޮތަށް ފަރުމާކޮށްފައިވާ މި މަސްކަނޑާ ތަނަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން، އެ ރަށު އާރް.ޖީ.ބީ ސްޕޯޓްސް އިން ކާމިޔާބުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

ބޮޑުފޮޅުދޫ މަސްކަނޑާތަނުގެ ކުރެހުމެއް: މަސައްކަތް ފަށާނީ އަންނަ ޖެނުއަރީގައި

އާރް.ޖީ.ބީ ސްޕޯޓްސްގެ ސެކްރެޓަރީ މުސްތޮފާ އަހުމަދު މިއަދު ވިދާޅުވީ ދޮޅު ލައްކަ ރުފިޔާގެ މި ޕްރޮޖެކްޓަށް ބީ.އެމް.އެލްގެ ފަރާތުން 50،000ރ. ހަމަޖެހިފައިވާކަން އިއްޔެ އަންގާފައިވާ ކަމަށެވެ.

"ބީ.އެމް.އެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން އާރް.ޖީ.ބީ ސްޕޯޓްސްގެ ފަރާތުން މި ޕްރޮޖެކްޓް މި ފަހަރު ހުށަހެޅުމުން ކާމިޔާބުވީ. ކާމިޔާބުވިކަން އެންގީ އިއްޔެ. މި ޕްރޮޖެކްޓަށް ބީ.އެމް.އެލް އިން ދޭނެ 50،000ރ. ބާކީ އެއް ލައްކަ ރުފިޔާ ހަމަޖައްސަން ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް،" މުސްތޮފާ ވިދާޅުވިއެވެ. "ބާކީބައި ހަމަޖެއްސުމުގައި މި ރަށު ކައުންސިލާއި އޮޑިވެރިންނާއި ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ."

އޭނާ ވިދާޅުވީ ޕްރޮޖެކްޓަށް ބޭނުންވާ އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ފައިސާގެ ކަންކަން މުޅިން ހަމަޖެހުމުން އަންނަ އަހަރުގެ ޖެނުއަރީގައި މަސައްކަތް ފަށާނެ ކަމަށެވެ.

"މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. މާ ބޮޑު މަސައްކަތްތަކެއް ނޫން އެއީކީ. އަޅުގަނޑުމެން ޖަމިއްޔާގެ ފަރާތުން މަސައްކަތް ކުރާނީ. ބޭރު ބަޔަކާ ހަވާލުކޮށްފިއްޔާ ބޮޑު ހަރަދެއް ހިނގާނެ. މި ރަށުގެ އޮޑިވެރިންނާއި ޒުވާނުންގެ އެހީތެރިކަން ލިބޭނެ މި ތަން ހެދުމުގައި ވެސް."

މުސްތޮފާ ވިދާޅުވީ ބީ.އެމް.އެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އައުޓްޑޯ ޖިމްއެއް ހެދުމަށް ވެސް ކުރީ ފަހަރަކު ހުށަހެޅި ނަމަވެސް، އެ ފަހަރު އެ ޕްރޮޖެކްޓް ކާމިޔާބުނުވި ކަމަށެވެ.

"އެހެންވެ މި ފަހަރު އަޅުގަނޑުމެން ނިންމީ މަސްކަނޑާ ތަނެއް ހަދަން. ސަބަބަކީ މަސްކަނޑާ ތަނެއް ނެތުމުން އެންމެން ވެސް މަސްކަނޑަން މި ޖެހެނީ ދޯނީގައި ނޫނީ ގާޑިޔަލުގައި ނޫނީ ވާޓަރުމަތީގައި ތިބެގެން. މި ކަހަލަ ތަނެއް ހެދުމުން ކޮންމެ މީހަކު ވެސް އައިސް މަސް ކަނޑާލައިފައި ދާންވީ،" މުސްތޮފާ ވިދާޅުވިއެވެ.

ފަސް ޓޫރިސްޓު ގެސްޓް ހައުސް ހުރި ބޮޑުފޮޅުދޫ އަތިރިމަތީގައި މަސްކަނޑާތަން ހަދަނީ އެންމެ ޒަމާނީ ފެންވަރަށް ކަމުގައި މުސްތޮފާ ވިދާޅުވިއެވެ.

ބޮޑުފޮޅުދޫ މަސްކަނޑާތަނުގެ ކުރެހުމެއް: މަސައްކަތް ފަށާނީ އަންނަ ޖެނުއަރީގައި

"އެންމެ ޒަމާނީ ފެންވަރަށް މިތަން މި ހަދަނީ. އެއްފަހަރާ އަށް މީހުންނަށް މަސް ކެނޑޭނެ. ފަރާތަކު ހަތަރު މީހުންނަށް ތިބެވޭނެ. ފެން އިސްކުރާއި ވަޅި އާއި ކަޓިން ބޯޑާއި ޑަސްބިން ވެސް އެތަނުގައި ހުންނާނެ،" މުސްތޮފާ ވިދާޅުވިއެވެ. "މިތަން ހެދުމަށް ކައުންސިލްގެ ފަރާތުން ވަނީ އަޅުގަނޑުމެން ޖަމިއްޔާ އަށް ބިން ވެސް ދީފައި. މި ކަމުގައި ކައުންސިލްގެ ރައީސް ޝުޖާއު އާދަމްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވޭ."

އާބާދީގައި އަށް ސަތޭކަ މީހުން އުޅޭ ބޮޑުފޮޅުދޫގައި ދޯނިފަހަރާއި ޑިންގީއާއެކު، މަހަށްދާ ނުވަ ގަނޑެތި އޮވެއެވެ. ރަށުގެ މައިގަނޑު އާމްދަނީ ބިނާވެފައި އޮންނަނީ ޓޫރިޒަމަށާއި މަސްވެރިކަމަށެވެ.

މި ފަހަރުގެ ޕްރޮޖެކްޓް ކާމިޔާބުވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ނ. ހޮޅުދޫ "މައި ޗޮއިސް ފުޓްބޯލް ކްލަބު" (އެމް.ސީ.އެފް)ގެ ފަރާތުންކަން މުސްތޮފާ ފާހަގަކުރެއްވިއެވެ. އެ ރަށުގައި ވެސް ހަމަ ދާދި އެއްކަހަލަ ފަރުމާއަކަށް ހެދި މަސްކަނޑާ ތަނެއްގެ ޕްރޮޖެކްޓެއް ބީ.އެމް.އެލްއަށް ހުށަހަޅައިގެން ވަނީ ކާމިޔާބުކޮށްފައެވެ.

"ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ހޮޅުދޫ އެމް.ސީ.އެފްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. ހާއްސަކޮށް މުހައްމަދު ސިރާޖާއި މޫސާ ސިމާއު އާއި ހުސެއިން ހަމީޒުގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު،" މުސްތޮފާ ވިދާޅުވިއެވެ. "މި ދެ ރަށުގައި ވެސް މަސްކަނޑާތަން ކުރެހީ ހަމަ އެކަކު. މުހައްމަދު ސިރާޖު. ސިރާޖުގެ ޚިޔާލަށް ކުރަހާފަ މިއީ."

ހޮޅުދޫ އަދި ބޮޑުފޮޅުދޫ މަސްކަނޑާތަން ކުރެހި ޒުވާން އާކިޓެކްޓް މުހައްމަދު ސިރާޖު މިއަދު ބުނީ އެ ދެ ރަށުގެ މަސްކަނޑާތަން ކުރަހަން ބޭނުންވީ މަސްކަނޑާ އާދައިގެ އައްޓެއްގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް ކަމަށެވެ. އެހެންވެ މަސްވެރިކަމާ ގުޅުންހުރި ބައެއް ހިމަނައިގެން ފަރުމާކުރީ ކަމުގައި ސިރާޖު ބުންޏެވެ.

"މަސްކަނޑާ އަށިތަކަށް ވެސް މޮޑަން ސްޓައިލެއް ގެންނަން އަޅުގަނޑު ބޭނުންވީ. ހޮޅުދޫއަށް ކުރަހައިދިނީ މަހެއްގެ ކޮންސެޕްޓަށް. ބޮޑުފޮޅުދޫއަށް މި ކުރެހީ ތިރި ދޯންޏެއް ގޮތަށް، ހިޔާގަނޑު މަހެއްގެ ކޮންސެޕްޓަށް. މަސްވެރިކަމުގެ މާހައުލުން އެއްޗެއް ނަގައިގެން ކޮންސެޕްޓެއް ކްރިއޭޓްކުރީ،" ސިރާޖު، 43، ބުންޏެވެ.

"ސިއާތު"ގެ ނަމުގައި 1996 އިން ފެށިގެން ކުންފުންޏެއް ހަދައިގެން، ސިރާޖް ގެންދަނީ އެކި ކަހަލަ ބިނާތައް ކުރަހަމުންނެވެ. މިގޮތުން ވަރަށް ގިނަ ރިސޯޓާއި މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ގެތައް ވެސް އޭނާ ވަނީ ކުރަހައިދީފައެވެ.

ބޮޑުފޮޅުދޫ އާރް.ޖީ.ބީ ސްޕޯޓްސް ކްލަބަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައި 2009 ވަނަ އަހަރުން ފެށިގެން އިސް ދައުރެއް އަދާކުރަމުން އަންނަ ވަރަށް ހަރަކާތެރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފަރާތުން "ހޭވައްލާ މަހާސަމާ"ގެ ނަމުގައި ސްޕޯޓްސް ފެސްޓިވަލެއް ބޭއްވުމުގެ އިންތިޒާމް ވެސް މިހާރު ދަނީ ކުރިއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *