ހެވެއް އެދިގެން އުޅޭނަމައީ، މަށަށް ކަންކަން ނުފޮރުވައްޗޭ
ދެވެން މަދަދެއް ނެތީވިއްޔާ އެކަން ހިތުގައި ނުބާއްވައްޗޭ
ރަނގަޅުކަމަކަށް ރަނގަޅުކަމެކޭ ނުބައިކަމަކަށް ނުބައިކަމެކޭ
ރަނގަޅު ނިޔަތެއް އޮތީވިއްޔާ ބުނަންފަސްޖެހި ނުހުންނައްޗޭ
ކުރާކަމަކުން،ބުނާބަހަކުން ލިބޭ ދެރައެއް ފަހުމު ވަންޏާ
ދުރާލާ އެކަމަކުން ދުރުވާން އިޝާރާތެއް މަށަށް ދެއްޗޭ
ވަށާ ނުޖެހޭގޮތަށް ކުރެވޭކަމެއް ދުރުގައި ބަލަން ހުރެފައި
ނަށާފައި ލަވަކިޔާ ހަދަމުން މަށަށް ތަޢުރީފު ނުކުރައްޗޭ
ދެކޭ މީހުން ދެކޭ ގޮތަކާ، އެބައިމީން އެދޭ ގޮތަކާ
ރެކޭގޮތް ކަންކަމުން ދުރުކޮށް އެކަން ރަނގަޅަށް ކިޔައިދެއްޗޭ
އުޅޭ އުޅުމާ އުޅޭ ގޮތަކާ،ކުޅޭ ކުޅުމާ ކުޅޭ ގޮތަކާ
ގުޅޭގޮތް ދެކަމުގައި ނެތްނަމަ،މޮޅޭ ނަމަނަމަ ނުބުނެލައްޗޭ
ބަހާ ޢަމަލާ ދިމާވާހެން،ފަހާ މީހުން ނުދާނޭހެން
ކަހާ ކަނޑުލެއްގެ ހިތިފިލުވަން ހަދާގޮތް ސާފުކޮށް ދެއްޗޭ
އެދޭ އެދުމެއް އޮތަސް ހިތުގައި،ލިބޭ ފައިދާއަކަށް ނުބަލާ
ބެދޭ މަޅިއެއް ކަމަށްވަންޏާ،އެނގޭނެ ގޮތެއް ބުނެލަ ދެއްޗޭ
އަސާސަށް ތަބަޢަވާ މީހުން،"އަސާ" ހޯދަން އެދޭ މީހުން
ފަސާދަކުރަން އުޅޭމީހުން،ސަމާލުކަމަށް ގެނެސްދެއްޗޭ
ހިތާ ރޫޙާ ދުލާ ގަލަމުން ނިކަން ސާބިތު ކަމާއެކުގައި
ކިތާބުން ސާފުހެކި ދައްކާ ޙަޤީޤަތް ހާމަކޮށް ދެއްޗޭ
