Support Us

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން... -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

މަސްވެރިންގެ ދުވަހާ ދިމާކޮށް ހަ ދޯންޏެއްގައި ނައިފަރުގެ 80 އަންހެނުން މަހަށް ފުރައިފި

ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ޅ. ނައިފަރުގެ 80 އަންހެނަކު، ހަ ދޯންޏެއްގައި މިއަދު މަހަށް ފުރައިފިއެވެ. މާދަމާ ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި މިއަދު ހަވީރު ހަތަރެއް ޖެހިއިރު ނައިފަރުން ފުރި ދޯނިފަހަރު މަސް ބައިގެން އެނބުރި ރަށަށް ލަފާނީ މާދަމާ ހަވީރު އެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން ނަމާދުކުރަނީ  -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

"ދޯނިފަހަރުގެ ފަޅުވެރިން ނުހިމަނާ ޖުމްލަ 80 އަންހެނުން މަހަށް ގޮސްވީ. އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނޭނެ. މަހަށް ގޮސް، މަސްވެރިން ކުރާ ހުރިހާ މަރުހަލާއެއްގެ ތަޖުރިބާ އެ މީހުން ކުރާނެ،" 2015 އިން ފެށިގެން ހަރަކާތްތެރިވާ ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވިއެވެ. "މިރޭ އެންމެ ފުރަތަމަ އެން ހިފާނީ. އެން ހިފައިގެން ފަތިހު ކަނޑަށް ނުކުންނާނީ."

ފަރުހާދު ވިދާޅުވީ ދޯނިފަހަރު ދުއްވުމާ ގުޅޭ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއްގައި އިސްކޮށް ހަރަކާތްތެރިވާނީ އަންހެނުން ކަމަށެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

"އެކަމަކު ވެސް ހުންގާނު ހިފާނެ ގޮތާއި އެކަހަލަ ކަންކަން ވެސް ދަސްކޮށްދިނުން އޮންނާނެ،" ފަރުހާދު ވިދާޅުވިއެވެ. "ދަތުރު ކޮއްތު ވެސް ހިފައިގެން ދިޔައީ. ކެއްކުމުގައި ވެސް އިސްކޮށް އުޅޭނީ އަންހެނުން."

ފަރުހާދު ވިދާޅުވީ އެން ހިފައިގެން މިރޭ ފަތިހު ދޯނިފަހަރު ނުކުންނާނީ "ފާދޫ ކަނދުފައްޗަށް" ކަމަށެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"ފެލިވަރު މަސް ފެކްޓަރީގެ ހާލަތު މިވަގުތު ހުރި ގޮތުން އެންމެ ގިނަ މަސް ބާނާ ބަޔަކު ހޮވަން، މަސް ކިރަން އުނދަގޫތަކެއް ހުރީމާ އަޅުގަނޑުމެން ހޮވަން ހަމަޖެއްސީ އެންމެ ބޮޑު ކަނޑުމަސް ބާނާ އެއްވަނަ، ދެވަނަ އަދި ތިން ވަނަ ދޯނި އެކަނި،" ފަރުހާދު ވިދާޅުވިއެވެ. "މިއީ ކަނޑުމަސް ދަތުރެއް. ފަރުމަހެއް ނޫން."

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

އަންހެން މަސްވެރިން މާދަމާ ހަވީރު މަހުން ލެފުމުން، އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވައި، އިނާމާއި ހަނދާނީ ލިއުން ދިނުމާއި އުފާ ފަޅުކުރުމަށް މާދަމާ ރޭ ހާއްސަ ހަފުލާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަސްދަތުރުގައި ހިމެނޭ ކޮންމެ ދޯންޏެއްގައި ވެސް ފަސްޓްއެއިޑް ސާމާނު ވެސް ހުންނާނެ ކަމަށާއި އަދި ކޮންމެ ދޯންޏެއްގައި ވެސް އޮބްޒާވަރަކާއި ފޮޓޯގްރާފަރެއް ވެސް ހުންނާނެ ކަމުގައި ފަރުހާދު ވިދާޅުވިއެވެ. "މި ދަތުރުގައި އެއްވެސް ކަހަލަ އިމަޖެންސީއެއް ދިމާވެއްޖެ ނަމަ މާފިލާފުށީގައި ތިބޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ އެހީތެރިކަން ވަގުތުން ލިބޭ ގޮތަށް އިންތިޒާމް ކުރެވިފައި ވަނީ. އެ ބޭފުޅުން ތިއްބެވީ ސްޓޭންޑްބައިގައި."

"އަޅުގަނޑުމެން މި ތިބީ ވައިބަރ ގްރޫޕުން އެންމެން ގުޅިފައި. ފޮޓޯތައް ވެސް ލިބުމުން ފޭސްބުކް ޕޭޖަށް ވަގުތުން އަޕްޑޭޓްވަމުންދާނެ."

ފަރުހާދު ވިދާޅުވީ އަންހެން މަސްވެރިން ދަތުރަށް އެރުމުގެ ކުރިިން، މަސްވެރިކަމާ ބެހޭ ގޮތުންނާއި ދަތުރާ ބެހޭ ގޮތުން މައުލޫމާތުދީ، ހޭލުންތެރިކޮށްފައިވާ ކަމަށެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

"ވަރަށް މޫސުން ވެސް ރަނގަޅުކޮށް މި އޮތީ. އެހެންވެ ހުރިހައި ކަމެއް ވެސް އަދި ދަނީ ވަރަށް ރަނގަޅަށް،" ފަރުހާދު ވިދާޅުވިއެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

މަސް ދަތުރުގައި ބައިވެރިވާ "ލިލީ-3″ ދޯނި، މިރޭ އަށެއް ޖެހިއިރު އޮތީ ޅ.މާފިލާފުށީ ބޭރުގައެވެ.

"މިހާރު އެން ދަމައި ނިންމައިފިން އަޅުގަނޑުމެން. ފުރަތަމަ ދަލުން ވެސް ވަރަށް ބައިވަރު ބޯދި ނެގިއްޖެ އިންޝާﷲ،" "ލިލީ-3″ ގައި ދަތުރުކުރާ 13 އަންހެން މަސްވެރިންގެ "ކެޔޮޅު" ނައިފަރު، ޗަރުމާގޭ ރަޒިއްޔާ އިބްރާހިމް ބުންޏެވެ. ހަތަރު ކުދިންގެ މަންމަ، އުމުރުން 52 އަހަރުގެ ރަޒިއްޔާ އަކީ ފެލިވަރު ފެކްޓަރީގައި ވަޒީފާ އަދާކުރާ މީހެކެވެ.

ރަޒިއްޔާ ނަގިލި އެއްލަން ތައްޔާރުވަނީ  -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

"އަޅުގަނޑު ޗުއްޓީ ނަގައިގެން މި ދަތުރަށް މި އައީ. ވަރަށް ފޯރިގަދަކޮށް ދަނީ ހުރިހައި ކަމެއް ވެސް. އެއްވެސް ކުއްޖެއް ހޮޑެއް ވެސް ނުލާ ހަމަ ވަރަށް ރަނގަޅު. މިހާރު ބަތްވެސް ކައިގެން މި ތިބީ. އަޅުގަނޑު ބަތްކެއްކީ ވެސް. އަޅުގަނޑު ނަގިލި ވެސް އެއްލިން. ދާވެސް ނެގިން. މިހާރު ރަތް މަހެއް ވެސް ބާނައިފިން އަޅުގަނޑު،" ކަނޑުމަތީގައި އުފަލުން ހުރެ ރަޒިއްޔާ ކިޔައިދިނެވެ.

ރަޒިއްޔާ ކައިގެން ދުފަން ތައްޔާރުވަނީ  -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

މި މަސްދަތުރަށް ނައިފަރު ކައުންސިލާއި މިފްކޯ އާއި އެމް.އެން.ޑީ.އެފާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ކަމުގައި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.

ނައިފަރު އަންހެނުންގެ މަސްދަތުރުގެ ތެރެއިން… -ފޮޓޯ: ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު

ފޮޓޯ ގެލެރީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
14
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *