Support Us

ގަލްފްގެ ޤައުމުތަކުގެ އެއްބާރުލުމަށް ސަލްމާން ރަސްގެފާނު ދަހިވެތިވެ ވަޑައިގަންނަވާ

ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުގެ ދައުލަތްތަކުގެ އެއްބައިވަންތަކަމަށާއި އެ ޤައުމުތައް އެކަތިގަނޑަކަށް ވުމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ވަރަށް ބޮޑަށް ދަހިވެތިވެ ވަޑައިގަންނަވާ ކަމަށާއި އެ ރަސްގެފާނު މި ކަމަށް ޓަކައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ސަޢޫދީ ޚާރިޖީ ވަޒީރު ފައިޞަލު ބިން ފަރަޙާން ހާމަކުރައްވައިފިއެވެ. އޭނާ މި ފަދަ ބަޔާނެއް މި ދެއްވީ ގަލްފުގެ ތިން އަހަރުވީ ދަތި މަސްއަލަ ވަރަށް އަވަހަށް ޙައްލުވެގެން ހިނގައިދާނެ ކަމަށާއި އެކަމަށް ޓަކައި ކުވައިތުން އިސްނަގައިގެން މިހާރު މަޝްވަރާތަކާއި ވާހަކަ ދެއްކުންތައް ބޭއްވެމުންދާ ކަމަށް ޚަބަރު ޚަބަރުފަތުރާ ވަސީލަތްތަކުން ބުނި ވަގުތެއްގައެވެ.

ސަޢޫދީން ހިންގާ އަލްޢަރަބިއްޔާ ޓީވީ ޗެނެލުން ސަޢޫދީ ޚާރިޖީ ވަޒީރުގެ މި ބަޔާން ދުރަށް ދައްކަމުން ބުނިގޮތުގައި "ޤަޠަރާއެކު އުފެދިފައިވާ ދެބަސްވުންތައް ޙައްލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ." އޭނާ ވިދާޅުވިއެވެ. "ސަޢޫދީން އުއްމީދު ކުރަނީ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިބިފައިވާ ޙައްލެއް ވަރަށް އަވަހަށް އަންނާނެ އެވެ."

މި ދިޔަ ހުކުރު ދުވަހު ބިން ފަރަޙާން ވިދާޅުވި ގޮތުގައި ޤަޠަރާ އެކުގައި އުފެދިފައިވާ "ހިތި ދެބަސްވުންތަކަށް" ވަރަށް އަވަހަށް ޙައްލެއް އަންނާނެ ކަމަށް ރިޔާޟު ލަފާކުރެއެވެ.

ކުވައިތުން އިއްޔެ ހާމަކުރި ގޮތުގައި ދެބަސްވުން ޙައްލު ކުރުމަށް ޓަކައި ކުވައިތުން ފަށާފައިވާ މަސައްކަތް ކުރިއަށް އެބަދެއެވެ. މި މަސައްކަތް ފެށުނީ ވޮޝިންގްޓަންގެ އެއްބާރުލުމާއެކުގައެވެ. މި ކަން ހިނގައިގަތީ ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި އޭނާގެ ސިޔާސީ މުޝީރު ޖެރަލްޑް ކުޝްނަރ މިދިޔަ ހަފުތާގައި ސަޢޫދީ ޢަރަބިއްޔާއަށާއި ޤަޠަރަށް ކުރެއްވި ކުއްލި ދަތުރުފުޅާ ވިދިގެންނެވެ. މި ކަމުގައި އެމެރިކާގެ މަޤްޞަދަކީ އީރާނާ ދެކޮޅަށް ގަލްފް އެއްގަލަކަށް އެރުވުމެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި މިޞްރާއި ބަޙްރައިނުން ޤަޠަރާ ގުޅުން ކަނޑައި ވިޔަފާރީގެ މައިދާނުގައި ބޮއިކަޓްކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އެއްގަމު މަގުން ޤަޠަރު ޙިޞާރު ކުރީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ މެދުތެރޭގައެވެ.

ކުޝްނަރ މިދިޔަ ހަފުތާގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމަށްފަހު ދައުޙާއަށް ވަޑައިގެން ޤަޠަރުގެ އަމީރާ ބައްދަލު ކުރައްވައި މި މަސްއަލަ ޙައްލު ކުރެއްވުމާ ބެހޭގޮތުން ވާހަކަ ދެއްކެވުންތަކާއި މަޝްވަރާތައް ބޭއްވެވިއެވެ. މިކަމާ ވިދިގެން އަމީރު ފައިޞަލް، ކުވައިތުގެ މަސައްކަތުގެ ސަބަބުންނާއި ރައީސް ޓްރަމްޕްގެ ވަރުގަދަ ތާއީދުގެ ސަބަބުން ގަލްފްގެ އަރާރުން ޙައްލުކުރުމުގެ މަސައްކަތުގައި ކުރިއަށް ފިޔަވަޅުތަކެއް އެޅިއްޖެކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކުރިއަށް މި އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހުރިހާ ޤައުމުތަކެއްގެ މެދުގައި ހުރި ދެބަސްވުންތަކަށް ވަރަށް އަވަހަށް ޙައްލެއް އަތުވެދާނެކަމަށް އުއްމީދު ކުރެވެއެވެ."

ވޮޝިންގްޓަންގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއިޓާރސް ބުނިގޮތުގައި "ވޮޝިންގްޓަނުން ދަނީ ދެ ފަރާތުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަދެއްކުންތައް ވަރަށް ގާތުން ބަލަމުންނެވެ." ނަން ހާމަނުކުރުމަށް އެދިވަޑައިގެންނެވި އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ދެ ފަރާތުން މިހާރު ވަނީ އުޞޫލީ ގޮތުން އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ." އޭނާ ހާމަކުރެއްވި ގޮތުގައި "ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާގެތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރުވާނެ ކަމަށް ލަފާކުރެވެއެވެ."

ކުވައިތުގެ އަމީރު ޝައިޚު ނައްވާފުލް އަޙްމަދުލް ޖާބިރުއް ޞަބާޙު މި ކަމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާމެދު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ކުވައިތު ނޫސް އެޖެންސީ ހާމަކުރިއެވެ. މި ނޫސް އޭޖެންސީ ބުނިގޮތުގައި މި އެއްބަސްވުން ވެގެންދާނީ، ގަލްފްގެ ޤައުމުތަކުގެ ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ރިވެލިކޮށްދޭ އެއްބަސްވުމަކަށެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ ވިދާޅުވާ ގޮތުގައި ކުވައިތުގެ ބަޔާނަކީ ގަލްފްގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި އައިސްފައިވެއެވެ. "އަހަރުމެން ކުވައިތުގެ މަސައްކަތަށް ޝުކްރު އަދާކުރަމެވެ. މި މަސްއަލަ ފެށުނު ދުވަހުން ފެށިގެން ކުވައިތު އަންނަނީ މި މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ." އޭނާގެ ޓްވީޓް ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާގެ ދައުރު ވެސް އަހުރެމެން އަގު ކުރަމެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން އިސްކަންދެނީ އަދި ދޭނީ ގަލްފްގެ ރައްޔިތުންގެ އަމްނަށާއި މަޞްލަޙަތަށެވެ."

ހުކުރު ދުވަހު ބަޙްރައިނުގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވިއެވެ. "ގަލްފްގެ ދެބަސްވުންތައް ޙައްލު ކުރެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑެވެ." ގަލްފްގެ މަސްއަލައިގައި ހިމެނޭ ޤައުމުތަކަކީ އެމެރިކާގެ ވަރަށް އެކުވެރި ވަރަށް ގާތް ޤައުމުތަކެކެވެ. އެ ސަރަޙައްދުގައި އޮންނަ އެމެރިކާގެ ޢަސްކަރީ އެންމެ ބޮޑު ބޭސް އޮންނަނީ ޤަޠަރުގައެވެ. އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައިމަރްކަޒު ހުންނަނީ ބަޙްރައިނުގައެވެ. ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތުގައި އެމެރިކާގެ ސިފައިންގެ ފައުޖުތަކެއް އެބަ އޮތެވެ. ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އެމެރިކާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ޤަޠަރުގެ މަތިންދާބޯޓުތަކަށް ވައިގެ ސަރަޙައްދުތައް ހުޅުވައިލަ ދިނުމަށެވެ. ސަޢޫދީ ޢަރަބިއްޔާއާއި މިޞްރާއި ބަޙްރައިނާ އިމާރާތުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމުގެ ސަބަބުން ޤަޠަރު އެއަރވޭގެ ބޯޓުތަކަށް އުދުހެން ޖެހެނީ އީރާނުގެ ވައިގެ ސަރަޙައްދުތެރެއިންނެވެ. މި ކަމަށް ޓަކައި އީރާނަށް އަހަރަކު 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. އެމެރިކާއިން ބޭނުންވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތައް ވަރުގަދަކޮށް އީރާނު އިނދަޖެއްސުމަށެވެ.

މުޅި ދުނިޔެ މަރްޙަބާ ކިޔާ

ގަލްފުގެ މަސްއަލަ ޙައްލު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް މުޅި ދުނިޔެ ވެސް އަންނަނީ މަރްޙަބާ ކިޔަމުންނެވެ. އދގެ ތަރްޖަމާން ސްޓެފަން ޑޮޖަރިކް ހާމަކުރެއްވި ގޮތުގައި މިއީ އދ ގެ ޢާއްމު ސެކްރަޓަރީ އެންޓޯނިއޯ ގުޓެރިޝް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވާ ކަމެކެވެ. އޭނާ މިކަމުގައި ހުރިހާ ޤައުމުތަކަކުން ވެސް އެއްބާރުލައި ހިތްވަރު ދިނުމަށް އެދިވޑައިގަންނަވައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޡަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. "މި ޞުލްޙައިގެ ސަބަބުން ސަރަޙައްދަށް ހަމަޖެހުމާއި، ސިޔާސީ ކުރިއެރުމާއި އިޤްތިޞާދީ ތަރައްޤީ އައުމަކީ ޠަހަރާނުގެ އުއްމީދެކެވެ."

ކުވައިތުގެ ޚާރިޖީ ވަޒީރު އައްޝައިޚު އަޙްމަދު ނާޞިރުއް ޞަބާޙު ހާމަކުރެއްވި ގޮތުގައި ގަލްފްގެ އަރާރުންތައް ނައްތައިލުމަށް ޓަކައި ކުރެވެމުންދާ މަސައްކަތަށް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފައެވެ. މިހާރު ބޭއްވެމުންދާ މަޝްވަރާތަކުގައި އަންނަނީ މޭވާ ނުކުންނަމުންނެވެ. މި މަޝްވަރާތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް ދާއިމީ އެއްބާރުލުމެއް ޤާއިމު ކުރަން އެދެއެވެ.

ކުވައިތުން ނެރުނު ބަޔާނަށް މަރްޙަބާ ކިޔަމުން ދާ ތަން ފެނެއެވެ. ހުކުރު ދުވަހު ތުރްކީންނާއި އުރްދުނުންނާއި ފަލަސްޠީނުން ގަލްފްގެ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް އަންނަމުންދާތީ އުފާފާޅުކޮށް ކުވައިތަށް ޝުކުރު އަދާކުރިއެވެ. އަދި ގަލްފްގެ މި މަސްއަލައިގައި ބައިވެރިވާ ޤައުމުތަކުގެ ޒަޢާމަތަށް ވެސް ޝުކްރު އަދާކޮށްފައި ވެއެވެ. ކުވައިތުގެ ޚާރިޖިއްޔާގެ ބަޔާނަށް މަރްޙަބާ ވިދާޅުވެ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ޢާއްމު ސެކްރަޓަރީ ވެސް ޓްވީޓެއް ކުރެއްވިއެވެ. ކާމިޔާބު ވާހަކަދެއްކުންތަކެއް ކުވައިތުން ކުރިއަށް ގެންދާތީ އެކަމާމެދު މި ޖަމްޢިއްޔާ ހިތްހަމަ ޖެހޭކަން އޭނާ ފާޅުކުރެއްވިއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއަކީ ގަލްފާއ އިސްލާމީ ޤައުމުތަކުގެ ހަމަޖެހުމަށާއި ކުރިއެރުމަށް އެދޭ ޖަމްޢިއްޔާއެއް ކަމަށް މި ބަޔާނުގައި އައިސްފައިވެއެވެ.

އިމާރާތާއި ބަޙްރައިނާއި މިޞްރު ތަމްސީލު ކުރަނީ ސަޢޫދިޔާއިން

ކުވައިތުގެ އަމީރު ޝައިޚު ނައްވާފު ހާމަކުރައްވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރާ ދެމެދުގައި ބޭއްވެމުންދާ މަޝްވަރާތަކުގައި މިޞްރާއި އިމާރާތާއި ބަޙްރައިން ތަމްސީލު ކުރަނީ ސަޢޫދީންނެވެ. އެހެންކަމުން ގަލްފްގެ އަރާރުމުގެ ހުރިހާ ފަރާތްތަކެއް މި މަޝްވަރާގައި ބައިވެރިވަމުންދާ ކަމަށް ކުވައިތުގެ އަމީރުގެ އޮފީހުން ބުންޏެވެ. ކުވައިތުގެ އަމީރު ސަޢޫދީ ރަސްގެފާނު ސަލްމާނަށާއި ޤަޠަރުގެ އަމީރު ޝައިޚު ތަމީމަށާއި އެމެރިކާގެ ރައީސް ޓްރަމްޕަށް އިއްޔެ ފޮނުއްވި ސިޓީފުޅުތަކުގައި ގަލްފްގެ ޞުލްޙައާ ބެހޭގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަކީ "ބާއްޖަވެރި އަރުތަ"އެއް ކަމަށް ސިފަ ކުރެއްވިއެވެ. މި އަރުތައިގެ ސަބަބުން ގަލްފްގެ ކިޔާނަށާއި ގުޅިފައިވާ ޢަރަބި ދުނިޔެއަށް އެއްބައިވަންތަކަމާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ހަރުދަނާކަން އަލުން ލިބގެންދާނެތެވެ. މި ސަރަޙައްދުގެ ރައްޔިތުން ބޭނުންވާ އަމްނާއި ރައްކައުތެރިކަމާއި ހަމަޖެހުމާއި ފާގަތިކަން ޙާޞިލު ކުރެވޭނެތެވެ.

އެންމެ ބޮޑު ހުރަހަކީ އިމާރާތު

ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ގަލްފްގެ މަސްއަލަ ޙައްލު ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ބޮޑަށް ހުރަސްއަޅާ ޤައުމަކީ އިމާރާތެވެ. އިމާރާތް އެންމެ ކަންބޮޑުވާ އެއް ކަމަކީ ތުރްކީއާ ޤަޠަރާ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުމެވެ. މި ގުޅުން އުފެދުނީ ގަލްފްގެ މި މަސއްލައާ ހެދިއެވެ. ޢަރަބި ދުނިޔޭގައި ތުރްކީގެ ބާރު ގަދަވަމުންދާ ދިޔުމަކީ އަބޫ ޡަބްއި ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އިމާރާތުން ސިފަކުރާ ގޮތުގައި ތުރްކީގެ ރައީސް އުރްދުޣާންގެ ސިޔާސަތަކީ "އައު އިސްތިޢުމާރު"ގެ ސިޔާސަތެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ ވިދާޅުވާ ގޮތުގައި މިހާރުގެ މަސްއަލައަށް ޝާމިލު ޙައްލެއް ގެނެވެން ޖެހޭނެއެވެ. އެއްބައިވަންތަ ގަލްފެއް ޤާއިމުކުރުމުގެ މަސްއަލައިގައި ޤަޠަރުން ވަކި ޤައުމަކާއެކު ވަކި ގޮތަކަށް މުޢާމަލާތެއް ނުކުރާނެއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި "ޤަޠަރު ތުރްކީއާ ފޭވެ ދުރަކަށް ނުލާނެއެވެ. ދެހާސް ސަތާރަ ވަނަ އަހަރު ގަލްފްގެ ދެބަސްވުންތައް ހިނގުމުން ޤަޠަރު ޙިމާޔަތް ކޮށްދިނުމަށް ޓަކައި ތުރްކީން ޤަޠަރަށް ސިފައިން ފޮނުވިއެވެ. ޤަޠަރަށް އެއްވެސް ކަހަލަ ޢުދްވާނީ ޙަމަލާއެއް ދޭން ނުކެރުނީ ތުރްކީގެ ޢަސްކަރީ ފައުޖުތައް ޤަޠަރުގައި ރުކުރުވާލުމުންނެވެ. ޤަޠަރުގެ ޚާރިޖީ ވިދާޅުވިއެވެ." އަހުރެމެންނާ ދަތި އުދަނގޫތަކާ ކުރިމަތިވި ވަގުތު އަހުރެމެންނަށް އެހީވެދިނީ ތުރްކީއެވެ. މިކަން އަހުރެމެން ހަނދާނުގައި ބަހައްޓާނަމެވެ. "ސައުދީ ޢަރަބިއްޔާއާއި މިޞްރާއި އިމާރާތާއި ބަޙްރައިނުން ޤަޠަރު ޙީޞާރު ކުރުމަށް ފަހު 13 ކަމެއް ޤަޠަރަށް ކުރަން އެންގިއެވެ. އޭގެތެރޭގައި ޖަޒީރާ ޓީވީ ޗެނެލް ބަންދު ކުރުމާއި، އީރާން ގުޅުން ރަނގަޅު ކުރުން ހުއްޓައިލުމާއި، ތުރްކީގެ ޢަސްކަރީ ބޭސް ބަންދު ކުރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *