ހީވެޔޭ އެބަ ހީ ކުރާހެން މާދަމާ ނާންނާނެޔޭ
ބީވެގެންނުމެގޮސް މިއަދު މިގޮތަށް އަބަދު އޮންނާނެޔޭ
އިރު އަރާ ދޭ އަލިކަމުން ކުރިލާ ގަހާގެހި ދާއިމަށް
ނިރުތަކަށް ދަންދެން ދިމާ މައްޗަށް އެ ހެދެމުން ދާނެޔޭ
ކޮންމެ ރެއަކީ ހަނދުވަރީ ރެއަކަށް ވެދާނެކަމަށް ބަލައި
އޮންނަ ރަށު ނަލަ ތުނޑިމަތީ ތިބެގެން އުފާ ކުރެވޭނެޔޭ
ކުޅިސަމާ ހުރި ކާނިވަލަކަށް ދުނިޔެ ދެކިގެން އެ ގޮތުގައި
މުޅި ދުވާލާ ރޭގަނޑާ ކުޅިވަރު ކުޅެން ތިބެވޭނެޔޭ
ޢިއްޒަތާ ގަދަރާއި ޝަރަފުގެ ތަޚުތުގައި ބާރާއެކީ
ލައްޒަތުގެ ތަށި ހިއްޕަވަން މުޅި ޢުމުރުގައި އިނދެވޭނެޔޭ
ކޮންކަހަލަ ކޮށި ވިސްނުމެއްބާ ސިކުނޑިއަށް މީ ހިޔަނިވާ
އޮންނަ ހަމަތައް ގުދުރަތީ ފިޠުރަތު ވަރަށް ދަންނާނެޔޭ
ދުނިޔެ ދެމިއޮވެ ދާނެޔޭ ބަލަ އެއްގޮތެއްގައި ހީވުމީ
އުނިކަމެއް ކަމުގައި ނުވާ އެއްވެސްގޮތެއް ނޯންނާނެޔޭ