Support Us

އަޒަރުބައިޖާނާއި އަރްމީނިޔާއާ ދެމެދުގައި ހިނގި ހަނގުރާމައިގެ ނަތީޖާއިން އިންޑިޔާއަށް ހާސްކަމެއް

އަޒަރުބައިޖާން- އަރްމީނިޔާ ހަނގުރާމައިގައި، އަޒަރްބައިޖާނުގެ އަމިއްލައަށް އުދުހޭ ހަނގުރާމަމަތީ މަތިންދާބޯޓުތައް އެއްވެސް އޯގާވެރިކަމެއްނެތި އަރްމީނިޔާގެ ޖައްވީ ދިފާޢީ ބާރުތަކާއި، ޓޭންކްތަކާއި ބޮޑު ބަޑިތައް ކުދިކުދިކޮށް ސުންނާފަތި ކުރަމުން ދިޔަ މަންޒަރު ދުނިޔެއަށް ފެނުމުން ދުނިޔޭގެ ބައެއް ޤައުމުތައް މިކަމާމެދު ވަރަށް ކަންބޮޑުވެ ހާސްވިއެވެ. އަރްމީނިޔާއަށް އަޒަރްބައިޖާނުގެ ޝަރްޠުތަކާ އެއްގޮތަށް ޞުލްޙަ ޤަބޫލު ކޮށް އަޒަރްބައިޖާނުގެ ބިންތަކުން ފައިބަން  މަޖްބޫރު ކުރުވީ ތުރްކީން އަޒަރުބައިޖާނަށް މި ދިން މަތިންދާބޯޓުތަކުގެ ސަބަބުންނެވެ. އަޒަރުބައިޖަނަކީ ތުރްކީ ބަހުން ވާހަކަ ދައްކާ ތުރްކީ ސަޤާފަތުގެ ބައެކެވެ. އަރްމީނިޔާއިން އަޒަރްބައިޖާނުގެ ބިންތައް ހިފަމުންދިޔައިރު މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަޑު ނޫފުލުމުން ތުރްކީއަށް މި ހަނގުރާމައިގެތެރެއަށް ވަންނަން މަޖްބޫރުވިއެވެ. އެމީހުންގެ ޤައުމިއްޔަތު ސަލާމަތް ކުރުމަށް ޓަކައެވެ. ޤައުމީ މަޞްލަޙަތު ރައްކައުތެރި ކުރުމަށް ޓަކައެވެ. މީގެއިތުރަށް އަރްމީނިޔާއަކީ ތުރްކީގެ ދުޝްމަނު ޤައުމެކެވެ. އަރްމީނިޔާގައި ޢުޘްމާނީ ވެރިކަމުގެތެރޭގައި ޤަތުލުޢާއްމުތައް ހިންގާފައިވާ ކަމަށް ތުހްމަތުކޮށް ތުރްކީއާ ދެކޮޅަށް ބައިނަލްއަޤްވާމީ މަންސާތަކުގައްޔާއި މިންބަރުތަކުގައި އަޑު އުފުލާ ޤައުމަކަށް އަރްމީނިޔާ ވާތީއެވެ. މީގެއިތުރަށް އަރްމީނިޔާއަށް ހުޅަނގުގެ ޤައުމުތަކުން ޚާއްޞަކޮށް ފަރަންސޭސި ވިލާތުން ދިޔައީ އެހީވަމުންނެވެ.

މިއަދު ކުރެވޭ ސުވާލަކީ ޢަސްކަރީ މައިދާނުގައި މިއަށްވުރެ މާ ފުޅައު ދާއިރާއެއްގައި މިފަދަ ބޯޓުތައް ބޭނުން ކުރެވިދާނެ ހެއްޔެވެ؟އިންޑިޔާ ޕާކިސްތާނުފަދަ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގައި މި ފަދަ ހަތިޔާރެއްގެ ދައުރަކީ ކޮބައި ހެއްޔެވެ؟

ކުޅިވަރުގެ ޤަވާޢިދު ބަދަލުކޮށްލެވިދާނެ ތަ؟

ވަރަށް ގިނަ އަރާރުންތަކެއްގައި ތުރްކީގެ މި ބޯޓުތަކުން ވަނީ ކުޅިވަރުގެ ޤަވާޢިދު ބަދަލުކޮށްފައެވެ. އެހެނަސް ބައެއް ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި ބޯޓުތައް ބޭނުންކޮށްފައި ވަނީ ވަރަށް ކުދިކުދި ހަނގުރާމަތަކެއްގައެވެ. ވަރުގަދައަށް ހަތިޔާރު އަޅައިގެން އޮންނަ ބިޔަ ލަޝްކަރުތަކުގެ ކުރިމަތީގައި މި ފަދަ ބޯޓުތަކަށް މާ ބޮޑުބައެއް ނުކުޅެވޭނެއެވެ. މިގޮތުން ބަލާއިރު އިންޑިޔާއަކީ ވަރަށް ބާރުގަދަ ބިޔަ ލަޝްކަރުތަކެކެވެ. މުޅި ދުނިޔޭގައި ވެސް ފާހަގަކުރެވޭގޮތުގައި އިންޑިޔާގެ ލަޝްކަރަކީ ބިޔަ ހަތިޔާރު ތަފާތު  ބޮޑު ލަޝްކަރެކެވެ.

އެހެނަސް އަނެއްބައި ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ކޯކަސް ސަރަޙައްދާއި ސޫރިޔާގެ އިދްލިބު ސަރަޙައްދަކީ މަތިންދާބޯޓާ އިދިކޮޅު ޒަމާނީ ދިފާޢުތައް ހުރި ސަރަޙައްދުތަކެކެވެ. އެއީ އިންޑިޔާ ފަދަ ކުރިއަރާފައިވާ ބޮޑެތި ބާރުތަކުގެ އަތުގައި ހުރިފަދަ ބަރު ހަތިޔާރުތައް ހުރި ސަރަޙައްދުތަކެކެވެ.  މި ހަތިޔާރުގެ ކުރިމަތީގައި އަމިއްލައަށް އުދުހޭ މަތިންދާބޯޓުތައް ވަނީ އޭއްޗެހީގެ ކުރުންތެރިކަމާއި ވިލުންތެރިކަން ހާމަކޮށްފައެވެ.

ވަރަށް ގިނަ ތަޖްރިބާކާރުންތަކެއް ވިދާޅުވެފައިވާ ގޮތުގައި ނަގަރުނޯ ޤުއްރަ ބާޣު މަސްއލައިގައި ހިނގި ހަ ހަފުތާގެ ހަނގުރާމައިގައި އަޒަރްބައިޖާން ކާމިޔާބު ހޯދައި މޮޅުވީ ތުރްކީން އުފެއްދާފައިވާ އަމިއްއަށް އުދުހޭ މަތިންދާބޯޓުގެ ސަބަބުންނެވެ.

މި ބާވަތުގެ ބޯޓުފަހަރު ޕާކިސްތާނުން ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެއެވެ. އިންޑިއާއާ ޕާކިސްތާނާ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ޗައިނާއިންނާއި ތުރްކީން ޕާކިސްތާނަށް މިފަދަ ބޯޓުތައް ދީފާނެއެވެ. އިސްލާމްއާބާދާ  އަންކަރާއާ ދެމެދުގައި ވާ  ގުޅުންތަކަކީ  ވަރަށް ބަދަހި ގުޅުންތަކެކެވެ. ޔޫރުއޭޝިއަން ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުގައި ޗައިނާއަކީ އިސްލާމްއާބާދުގެ ޒަމާންވީ އެކުވެރިއެކެވެ. މީގެއިތުރަށް އެއީ އިންޑިއާގެ ހަތުރުވެރި ޤައުމެއް ވެސްމެއެވެ.

އަރްމަނުންނަށް 6 ގުނަ ބޮޑު ގެއްލުންތަކެއް ލިބުނު

ޕައިލެޓުންނާ ނުލައި އުދުހޭ ތުރްކީގެ ބައިރަޤުދާރު މަތިންދާބޯޓުތަކުން އަރްމަނު ސިފައިންގެ ޚަންދަޤުތަކަށާއި މަރްކަޒުތަކަށް ދެމުންދިޔަ ޙަމަލާތައް ދައްކުވައިދޭ ވީޑިއޯތަކުން ފެންނަނީ މި ބޯޓުތަކުން އެ ތަންތަނަށް ޙަމަލާދެމުން ދިޔައިރު އަރްމަން ސިފައިން ބިރުން ބޮދައި ތިބީ އަސްދޫނިތަކެއްހެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަނގުރާމައިގައި އަރްމީނިޔާއަށް މި އަންނަ ގެއްލުންތައް ލިބުނެވެ.

  • ޓީ – 72 މަރުކާގެ 185 ޓޭންކާއި
  • ހަނގުރާމަމަތީ އާޓިލަރީ 90 އުޅަނދާއި
  • 182 ބޮޑު ބަޑިއާއި
  • ތަފާތު 73 ބާވަތުގެ ރޮކެޓް ޕްރޮޖެކްޓާއި
  • ބިމުން ޖައްވަށް ފޮނުވާ ބާވަތުގެ މިސައިލް ނިޒާމާއި
  • 14 ރާޑަރު ނިޒާމާއި
  • އެސް ޔޫ – 25 މަރުކާގެ މަތިންދާ ބޯޓަކާއި
  • ޕައިލެޓް ނެތި އުދުހޭ 4 މަތިންދާބޯޓާއި
  • 451 ޢަސްކަރީ އުޅަނދު ހަލާކުވެ ކުދިކުދިވިއެވެ.
  • މީގެއިތުރަށް އަރްމަން ސިފައިންގެ 2300 މީހުން މަރުވިއެވެ.

އަނެއްކޮޅަށް ބަލާއިރު އަޒާރީ ޢަސްކަރިއްޔާއަށް ލިބުނު ގެއްލުން ހަ ބައި ކުޅަ އެއްބައި މަދެވެ.

މި ހަނގުރާމައިން ތަޖްރިބާކާރުން ފާހަގަކުރައްވާ ގޮތުގައި އިންސާނުން ނުރައްކަލަށް ހާސާނުކޮށް މި ފަދަ ބޯޓުފަހަރު ބޭނުންކޮށްގެން ޖައްވުގެތެރޭގައި ދުޝްމަނުންގެ މައްޗަށް ގަދަވެ ގަނެވިދާނެއެވެ. އަގަށް ބަލާއިރު މިފަދަ ބޯޓުތަކުގެ އަގު ވެސް ނިސްބަތުން ވަރަށް ކުޑައެވެ. ޕައިލެޓުންނާނުލައި  އުދުހޭ މަތިންދާބޯޓުފަހަރުގެ މުހިއްމުކަން ފާހަގަވެގެން ދިޔައީ 11 ސެޕްޓެންބަރު 2001ގެ ޙަމަލާއަށް ފަހު އެމެރިކާއިން އަފްޣާނިސްތާނަށް ޙަމަލާ ދިނުމުގައި މި ބާވަތުގެ މަތިންދާބޯޓުތައް ބޭނުންކުރުމުންނެވެ. މި މައިދާނުގައި ބޮޑެތި ޤައުމުތަކުން ވާދަކުރަމުންދާތަން މިހާރު ދަނީ ފެންނަމުންނެވެ.

އަންކަރާއިން ބާކޫއަށް ދިން މަތިންދާބޯޓަކީ ބައިރަޤްދާރު ޓީބީ – 2 (BayraktarTB-2) މަރުކާގެ ބޯޓުތަކެކެވެ. މި ބޯޓުތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި އަޒަރުބައިޖާނަށް އަތްގަދަ ކުރެވުނެވެ.މިއީ އެމެރިކާގެ MQ-9 Reaper ބޯޓަށްވުރެ އަށް ބައި ކުޅަ އެއްބައި ލުއި އުޅަނދެކެވެ. މި ބޯޓުގައި MAM ލޭޒަރު ދޯދި ބޭނުންކޮށްގެން އަމާޒު ހިފާ 4 މިސައިލް ހުރެއެވެ. އެއީ މެދު އުސްމިނެއްގައި އުދުހޭ ވައިގެތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ޤާބިލުކަން ލިބިފައިވާ ޓެކްޓިކަލް އުޅަނދެކެވެ. މި އުޅަނދަކީ ހަނގުރާމަމަތީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ޖާސޫސީ މަސައްކަތްކުރުމުގެ ޤާބިލުކަން ވެސް ލިބިގެންވާ ބޯޓެކެވެ. އެމެރިކާއާއި އިސްރާއީލުގައި އުފައްދާ މި ފަދަ ބޯޓުތަކަށްވުރެ މި ބޯޓު އަގު ހެވެވެ. އަދި މިއީ އާދައިގެ މަތިންދާ ބޯޓަކަށްވުރެ ވެސް އަގު ހެޔޮ ބޯޓެކެވެ.

ތުރްކީގެ Bayraktar TB2 މަތިންދާ ބޯޓުގެ ޙަމަލާތަކުން، މަތިންދާ ބޯޓާ އިދިކޮޅު ރަޝާގެ އެތައް އުޅަނދުތަކަކަށް ވަނީ މި އަހަރު ސޫރިޔާގައި ޙަމަލަދީ  ގޮއްވާލައި ހަލާކުކޮށްލައިފައެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު ކްރެސްނާޔާ ޒަވިޒްޑާ  އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި އެހާ ތިރިން އުދުހޭ ބޯޓުފަހަރަށް ޙަމަލާދިނުމަށް ޓަކައި އެ ޤައުމުގެ ދިފާޢީ ނިޒާމުތައް ވަނީ އިތުރަށް ތަރައްޤީ ކުރަން ޖެހިފައެވެ.

މިދިޔަ ފެބްރުއަރީ މަހު ސޫރިޔާގެ އިދްލިބުގައި ހިނގި "ރަބީޢުގެ އައްޑަނަ" ހަނގުރާމައިގައި ތުރްކީގެ މި ބާވަތުގެ މަތިންދާބޯޓުތައް ވަނީ ރަޝިޔާގެ ޖައްވީ ދިފާޢީ ބާރުތައް ކަނުކޮށްލުމަށްފަހު އެ ދިފާޢީ ބާރުތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ތުރްކީން ހާމަކުރި ވީޑިއޯތަކެއްގައި ރަޝީޔާގެ މި ދިފާޢީ ނިޒާމުތަކަށް ތުރްކީގެ ބޯޓުތައް ޙަމަލާ ދެމުންދިޔަގޮތާއި އެ ނިޒާމުތަކަށް އޮޅުވައިލާ ގޮތް ދައްކާފައި ވެއެވެ.ރަޝިޔާގެ މި ނިޒާމަށް ތުރްކީގެ ބޯޓުތައް ނުފެންނަ ކަހަލައެވެ. ބައިރަޤްދާރު މަތިންދާބޯޓުތައް ހަނގުރާމައިގެ މައިދާނުގައި ތަޖްރިބާ ކުރުމަށްފަހު އޭގެ 104 ބޯޓު ވަނީ ތުރްކީގެ ޢަސްކަރިއްޔާއަށް ގަނެފައެވެ. މިހާރު ތުރްކީން ދަނީ މި ބާވަތުގެ ބޯޓުތައް އެކުވެރި ޤައުމުތަކަށް ވިއްކުމާމެދު ވިސްނަމުންނެވެ. ތުރްކީގެ މި މަތިންދާބޯޓުގެ ޤާބިލުކަމާއި ވިލުންތެރިކަމާއި ކުރުންތެރިކަން ވަނީ ލީބިޔާއާއި ސޫރިޔާއާއި ނަގަރޮނޯ ޤުއްރަ ބާޣުގެ އުޑުމަތިން ފެނިފައެވެ. ޚަބަރުތައް ބުނާގޮތުގައި ތުރްކީން މިހާރު ވަނީ މި ބާވަތުގެ ބައެއް ބޯޓުތައް ޤަޠަރަށާއި ޔުކްރޭނަށް ވިއްކައިފައެވެ.

އިންޑިޔާ ކަންބޮޑުވޭ

  ތުރްކީ ވިލާތުން އިސްލާމްއާބާދަށް Bayraktar TB-2 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވިއްކަފާނެތީ ނިވްދިއްލީ ކަންބޮޑުވާ ކަމަށް ރިޕޯޓަރުން ބުނެއެވެ. އެއީ ކަޝްމީރުގައި އިންޑިއާއާ ދެކޮޅަށް މި ހަތިޔާރު ބޭނުންކޮށްފާނެތީއެވެ. ފަހަކަށް އައިސް ތުރްކީއާ ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

މި މަރުކާގެ މަތިންދާ ބޯޓުތައްކޮށްފައިވާ ހަނގުރާމަތަކަށް ބަލާއިރު އެއީ ޖައްވީ ދިފާޢުތައް ކަނުކޮށްލުމުގެ ބާރު ލިބިގެންވާ ހަތިޔާރެކެވެ. ރަޝިޔާގެ ޖައްވީ ދިފާޢީ ނިޒާމުގައި ހިމެނޭ Pantsir އާއި S-300 މަރުކާގެ ނިޒާމުތައް ވަނީ ތުރްކީގެ މި ހަތިޔަރުގެ ކުރިމަތީގައި ހަނގުރާމަކުރުމަށް ނުކުޅެދުންތެރި ވެފައެވެ. ތުރްކީގެ މި މަރުކާގެ މަތިންދާބޯޓުތައް ޕާކިސްތާނަށް  ލިބިއްޖެނަމަ މި ނިޒާމު ބޭނުންކޮށްގެން އިންޑިއާގެ ޓޭންކްތަކަށާއި ޖައްވީ ދިފާޢުތަކަށް އެކަށީގެންވާ ބޮޑު ގެއްލުންތަކެއް ދެވިދާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. މުޙައްލިލުން  ވިދާޅުވާގޮތުގައި ޗައިނާއާ ޕާކިސްތާނު ގުޅިގެން މި ބާވަތުގެ މަތިންދާބޯޓު އުފެއްދުމާމެދު ވާހަކަތައް ދެކެވެމުންދާ ކަމަށް ލަފާކުރެވެއެވެ. އިންޑިޔާއިން ޖާސޫސީ މަސައްކަތްތަކަށާއި ފާރަލުމުގެ މަސައްކަތްތަކަށް ބޭނުންކުރަނީ އިސްރާއީލުން ގަނެފައިވާ Searcher މަރުކާއާއި Harop މަރުކާގެ މަތިންދާބޯޓު ފަހަރެވެ. މިއީ ވެސް ޕައިލެޓް ބޭނުންނުކޮށް އުދުހޭ މަތިންދާ ބޯޓުތަކެކެވެ. Harop މަރުކާގެ ބޯޓަކީ " އަމިއްލައަށް މަރުވާ"  މަތިންދާބޯޓުގެ ނަމުން މަޝްހޫރުވެފައިވާ ހަތިޔާރެކެވެ.  މި ބޯޓު ބޭނުން ކުރެވެނީ ދުޝްމަނުންގެ ސަފުތަކުގެ ފަހަތުގައެވެ. އިންޑިޔާގެ ކަނޑުގެ ޢަސްކަރިއްޔާއިން ޕައިލެޓުންނާނުލައި އުދުހޭ ގާރޑިއަން މަރުކާގެ 30 މަތިންދާބޯޓު އެމެރިކާ އަތުން ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަޒަރްބައިޖާނުގައި ބޭނުންކުރި ތުރްކީގެ މަތިންދާބޯޓުތަކުން އަރްމީނިޔާގެ އެސް 300 މަރުކާގެ ދިފާޢީ ނިޒާމުގެ ރާޑަރު 36D6 އަށް ވަނީ ވަރަށް ކާމިޔާބުކަމާއެކު ޙަމަލާދީ ހަލާކުކޮށްލައިފައެވެ. އިންޑިއާއާއި އީރާނާއި ސޫރިޔާފަދަ ބައެއް ޤައުމުތަކުގައި ޖައްވީ ދިފާޢީ ނިޒާމުގެ ގޮތުގައި ބޭނުން ކުރަނީ ރަޝިޔާގައި ހަދާފައިވާ މި ނިޒާމެވެ. މީގެއިތުރަށް ތުރްކީގެ ބައިރަޤްދާރު 2 މަރުކާގެ ބޯޓުތަކުން ރަޝިޔާގެ އެސް- 300 މަރުކާގެ ސާމު މިސައިލްތައް ވެސް ވަނީ ބޮންއަޅައި ހަލާކުކޮށްލައިފައެވެ. ރަޝިޔާއިން ސޫރިޔާގައި ބަހައްޓާފައި ހުރި އެސް 400 މަރުކާގެ މިސައިލްތަކަށް ވެސް ވަނީ ތުރްކީގެ މި ބޯޓުގެ ޙަމަލާތަކުން ދިފާޢުވާން ނޭނގިފައެވެ. ރަޝިޔާއިން ސޫރިޔާގައި ބަހައްޓާފައި ހުރި ތަފާތު ނިޒާމުތަކަށް ވަނީ އިސްރާއީލާއި ތުރްކީގެ ޙަމަލާތަކުން ސޫރިޔާ ޙިމާޔަތްކޮށް ނުދެވިފައެވެ. އިންޑިޔާގައި ހުރި ޖައްވީ ދިފާޢުގެ އެންމެ މޮޅު ނިޒާމަކަށް ހުރީ ރަޝިޔާގެ އެސް 400 ސާމު މިސައިލެވެ.

ސަޢޫދީ ޢަރަބިއްޔާގެ އަތުގައި ހުރި ޖައްވީ ދިފާޢީ ނިޒާމުތަކަކީ ހުޅަނގުގެ ދިފާޢީ ނިޒާމުތަކެކެވެ. މިނިޒާމުތަކަށް ވެސް ވަނީ ޔަމަނުގެ ޙޫޘީން ދެމުންގެންދާ މިފަދަ ޙަމަލާތައް ނުހުއްޓުވިފައެވެ. ދެހާސް ނަވާރަ ވަނަ އަހަރު ޙޫޘީން ސަޢޫދީ ތެޔޮ ކާރުޚާނާ އަރަމިކޯއަށް ޙަމަލާދީފައި ވަނީ ޕައިލެޓެއްނެތި ދުރުން ކޮންޓްރޯލްކޮށްގެން އުދުއްސި މަތިންދާބޯޓަކުންނެވެ.

ޙަމަލާދެނީ ކިހިނެއް

ތުރްކީން މިފަދަ ބޯޓުތައް ފުރަތަމަ ބޭނުންކުރަނީ ކުޑަ ގެއްލުންތަކެއް ލިބުނަސް ދުޝްމަނުންގެ ޖައްވީ ދިފާޢުތައް ފޫއަޅުވައިލުމަށެވެ. އެއަށްފަހު މި ބާވަތުގެ ބޯޓުގެ އައިނެއް ދުޝްމަނުންގެ އަމާޒުފަތްގަނޑުތަކަށް މިސްރާބުކޮށް ފޮނުވާލަނީއެވެ. މި އަމާޒުފަތްގަނޑުތައް އޭރު ހުންނާނީ ރައްކައުތެރިކަމެއް ނެތިއެވެ. ތުރްކީގެ ބޯޓުގެ ސައިޒު ކުޑަކަމުން މިސައިލުން މިފަދަ ބޯޓުތައް ވައްޓައިލުމަކީ ވަރަށް އުނދަނގޫ ކަމެކެވެ. މީގެއިތުރަށް މި ބޯޓަށް ދުޝްމަނުންގެ ދިފާޢުތަކުގެ ވަށައިގެން އެނބުރި ކޮއްޓުމުގެ ބާރު ލިބިގެންވެއެވެ.

މި ބޯޓުތަކުގެ އަނެއް މީޒާއަކީ އޭގެ އަގު ހެޔޮކަމެވެ. އެހެންކަމުން މި ބާވަތުގެ ގިނަބޯޓުތަކެއް ހަތިޔާރު ކޮށާރަށް އެއްކުރުން މާ ބުރަކަމަކަށް ނުވާނެއެވެ. މި ބާވަތުގެ ބޯޓުގެ އުނިސިފަތަކުގެތެރޭގައި ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތައް ވެއެވެ. މިހެންވެ ތުރްކީން މިހާރު މަސައްކަތް ކުރަނީ ޖައްވުގެތެރޭގައި މަތިންދާ ބޯޓު އުދުހެމުންދާއިރު ޢަދުއްވުންގެ ބޯޓުތަކަށް ޙަމަލާދެވޭނެ ރޮކެޓްތައް މި ބޯޓުގައި ހަރުކޮށްފައި ބަހައްޓާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *