Support Us

ފަޚްރީ ޒާދާ އަވަހާރަކޮށްލީ ހެދި ހަނދުގެ ޒަރީޢާއިން އިސްރާއީލުގެ ހަތިޔާރަކުން: އީރާނުގެ މީޑިއާ 

އީރާނުގެ މަޝްހޫރު ސައެންސްވެރިޔާ ޕްރޮފެސަރ މުޙްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލުމަށް ބޭނުންކުރި ހަތިޔާރު އުފައްދާފައި ވަނީ އިސްރާއީލުގައި ކަމަށް އިރާނުގެ "ޕްރެސް" ޓީވީ މިއަދު ބުނެފިއެވެ. އީރާނުގެ އެހެން ޓީވީއެއް ބުނިގޮތުގައި އީރާނުގެ ނިޔުކްލިޔަރ ސައެންޓިސްޓް އަވަހާރަކޮށްލީ ހެދި ހަނދަކުން ދުރުން އަމާޒުކޮށްގެންނެވެ. އިނގިރޭސި ބަހުން ދުރަށް ދައްކާ "ޕްރެސް" ޓީވީ އެ ޤައުމުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި "ޒާދާއަށް ދެވުނު ނިރުބަވެރި ޙަމަލާ ދިން ތަނުން ފެނުނު ހަތިޔާރުގައި އިސްރާއީލުގެ ޢަސްކަރީ އުފެއްދުންތަކުގެ ޝިޢާރާއި ސިފަތައް ހުއްޓެވެ. މި ޓީވީ ޗެނެލް އެ މަޞްދަރާ ޙަވާލާދީ ބުނިގޮތުގައި އީރާނުގެ އިސް ސައެންސްވެރިޔާ އަވަހާރަކޮށްލުމުގައި އިސްރާއީލުގެ އަތެއްވާ ކަން ސާބިތުކޮށްދޭ ދަލީލުތައް ވަނީ ލިބިފައެވެ. ނަމަވެސް އީރާނުން މިއިން އެއްވެސް ދަލީލެއް ހާމައެއް ނުކުރެއެވެ. އީރާނުގެ މި މަޞްދަރު ސިފަކުރިގޮތުގައި "މިއީ އިސްލާމީ އިންޤިލާބާ ޢަދާވަތްތެރި ޢުންޞުރުތަކަކުން" ހިންގާފައިވާ ވަރަށް "ފިނޑި" ޢަމަލެކެވެ. މި މަޞްދަރު ތުހްމަތު ކުރިގޮތުގައި އިސްރާއީލުން އަރައިގަންނަ މިފަދަ ޖަރީމާތައް ތަންފީޒު ކުރުމުގައި ލޮޖިސްޓިކް ދައުރު އަދާކުރަނީ މި ޢުންޞުރުތަކެވެ. އީރާނުގެ މި ޓީވީ ބުނިގޮތުގައި "މިއީ އީރާނުގެ ނިޔްކްލިޔަރ ކުރިއެރުވުން ހުއްޓުވުމަށް ޓަކައި ފިއްތާ ފިއްތުންތަކެކެވެ." ފަޚްރީ ޒާދާ އަކީ މި ކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ވަޑައިގެން ބޭފުޅެކެވެ.

ރަސްމީ ނޫސް އޭޖެންސީއެއް ކަމުގައިވާ "ފާރިސް" ބުނިގޮތުގައި ފަޚްރީ ޒާދާއާށް ޙަމަލާ ދިނީ ދުރުން އޮޓޮމެޓިކް ހަތިޔާރުންނެވެ.

ފާރިސް ނޫސް އޭޖެންސީން ބުނި ގޮތުގައި ޒާދާ އަވަހާރަކޮށްލުމުގެ ޙަމަލާގައި ހޭދަވެފައި ވަނީ އެންމެ ތިން މިނެޓުއިރެވެ. އަވަހާރަކޮށްލި ހިސާބުން އިންސާނެއްގެ އެއްވެސް ހިލަމެއް ފެނިފައެއް ނުވެއެވެ. ޕްރޮފެސަރަށް ޙަމަލާދިނީ ދުރުން ކޮންޓްރޯލް ކުރަމުން ދިޔަ އޮޓޮމެޓިކް ހަތިޔާރަކުންނެވެ. އެ ހިސާބުން ފެނުނު އުޅަނދުގެ ވެރިޔާ މިމަހު 28ވަނަ ދުވަހު ވަނީ ބޭރަށް ފުރައިގެން ގޮސްފައެވެ.

މޯސާދުގެ ސިއްރު ހަތާ؟  

   އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދަކީ އަބަދުވެސް އެ ޤައުމުގެ ދުޝްމަނުން ނައްތައިލުމަށް ޓަކައި ކަންތައްތައް ރާވައި ރަނގަޅު ވަގުތު ބަލައިގެން ކުއްލި ޙަމަލާތައް ދެމުންގެންދާ ވަރަށް ބާރުގަދަ އިދާރާއެކެވެ. އީރާނުގެ ނިޔުކްލިއަރ ސައެންސްވެރިޔާ ފަޚްރީ ޒާދާ އަވަހާރަކޮށްލައިފައި މިވަނީ ދުވާލުގެ ރޯމެންދުރު ވަގުތެއްގައި އޭނާގެ އުފަން ރަށުގައި ވަރަށް މޮޅަށް ރާވައިގެން ވަރަށް ފުރިހަމއަށް ތަންފީޒުކޮށްގެންނެވެ. އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫސް ބުނާގޮތުގައި މި ކަން ރާވާ ހިންގީ އިސްރާއީލުގެ މޯސާދުގެ ކީދޫން ޔުނިޓްކަމަށް ބެލެވެއެވެ. މި ޔުނިޓްގެ މެންބަރުންނަށް "ހަނގުރާމަވެރީން"ގެ ނަން ދެވިފައި ވެއެވެ. އެއީ އިސްރާއީލުގެ ޢަސްކަރިއްޔާގެ ކޮމާންޑޯ ޔުނިޓެކެވެ. އެމީހުންގެ މަސައްކަތަކީ އިސްރާއީލު ސިފައިންގެ ސަފުތަކުގެ ފަހަތުގައި ދުޝްމަނުންނާ ދެކޮޅަށް އެތެރޭގައި މުހިއްމު މަސައްކަތްތައް ތަންފީޒު ކުރުމެވެ. އެމީހުން ތަންފީޒު ކުރާ ޢަމަލެއްގައި މީހަކު މަރައިލުން ހިމެނޭނަމަ އެކަން ކުރާނީ ސީދާ ބޮޑުވަޒީރުގެ ސޮއި ލިބިގެންނެވެ.

ކީދޫން (ޢިބްރީ ބަހުން މާނައަކީ ޚަންޖަރު) އުފެއްދުނީ 1972ވަނަ އަހަރުގެ ސެޕްޓެންބަރު މަހު  އިސްރާއީލުގެ އޮލިމްޕިކް ޓީމުގެ 11 ކުޅުންތެރިއަކު ޖަރްމަނުގެ މިޔުނިޚުގައި މަރައިލުމާ ވިދިގެންނެވެ. މި ކަމަށް ބަދަލު ހިފުމަށް ޓަކައި އޭރުގެ ބޮޑުވަޒީރު ގޯލްޑާ މާއީރު މި ޙަމަލާ ރޭވި މަސްއޫލުވެރިން މަރައިލުމަށް މޯސާޑަށް އަމުރުކުރެއްވިއެވެ. މި މަސައްކަތްވ ތަންފީޒު ކުރުމަށް ޓަކައި އެކުލަވައިލި ޚާއްޞަ ޔުނިޓަށް ކީދޫންގެ ދެވުނެވެ.

ބަދަލު ހިފާނަން

ފަޚްރީ ޒާދާ މިއަދު ފަސްދާނުލީ އުތުރު ޠަހަރާނުގެ ޤަބުރުސްތާނެއްގައެވެ. މި ކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ދިފާޢީ ވަޒީރު ވިދާޅުވި ގޮތުގައި ފަޚްރީ ޒާދާގެ އަވަހާރަކޮށްލުމަށް ޠަހަރާން ބަދަލުހިފާނެއެވެ. ސަރުކާރުގެ ރަސްމީ ޓީވީން މި ރަސްމިއްޔާތު ދުރަށް ދެއްކިއެވެ. ފަޚްރީ ޒާދާގެ ސަންދޯއްޕުޅު ވަނީ އީރާނުގެ ދިދައިން އޮޅައިލެވިފައެވެ. މި ރަސްމިއްޔާތު އޮތީ ދިފާޢީ ވުޒާރާގައެވެ. ކޮވިޑާ ހެދި މި ރަސްމިއްޔާތުގައި ފަޚްރީ ޒާދާގެ ޢާއިލާއާއި ޢަސްކަރީ އެންމެ އިސްވެރިން މެނުވީ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އީރާނުގެ ދިފާޢީ ވަޒީރު ބްރެޑިއަރ ޖެނެރަލް އަމީރު ޙާތަމީ މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ. "ދުޝްމަނުންނަށް އެނގޭނެއެވެ. އަހުރެން ސިފައިންގެ މީހަކަށް ވާތީ ބުނަމެވެ. އީރާނުގެ ރައްޔިތުން މި ފަދަ ޖަރީމާތަކަށް، ނިރުބަވެރި ޢަމަލުތަކަށް ރައްދުނުދީ ނުތިބޭނެއެވެ."

މި ރަސްމިއްޔާތު ނިމުމުން ފަޚްރީ ޒާދާގެ ސަންދޯއްޕުޅު ގެންދެވުނީ އިމާމު ޒާދާގެ ޒިޔާރަތް ކައިރިއަށެވެ. އޭނާ ފަސްދާނު ލެވުނީ އެ ޤަބުރުސްތާނުގައެވެ.

މި ޖަރީމާގެ ފޫޅު އީރާނުން އިސްރާއީލަށް ކަނޑަމުންދަނިކޮށް އިސްރާއީލުގެ ޖާސޫސީ ވަޒީރު އިލީ ކޯހީން އެ ޤައުމުގެ ރޭޑިއޯ އެފްއެމް 103 ށް ދެއްވި ބަޔާނެއްގައި އިސްރާއީލަށް އެކަމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތެއް އެނގިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ސުވާލު ބާނިތަކެއް

 ފަޚްރީ ޒާދާ އަވަހާރަކޮށްލުމާ ވިދިގެން އީރާނުގެ އެތެރޭގައި ވާނީ ސުވާލު ބާނިތަކެއް އުފެދިފައެވެ. އޭނާ އަވަހާރަކޮށްލީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުން ހެއްޔެވެ؟ އިސްރާއީލުން އޭނާ އަވަހާރަކޮށްލީ ކީއްވެގެން ހެއްޔެވެ؟ އީރާނުން ބަދަލި  ހިފާނީ ކިހިނެއް ހެއްޔެވެ؟ އިސްރާއީލުން ތުހްމަތު ކުރާގޮތުގައި އީރާނުގައި ނިޔުކްލިއަރ ބޮމެއް އުފެއްދުމުގެ މަސައްކަތް ކުރައްވާ އިސް ސައެންސުވެރިއަކީ ޒާދާއެވެ. މިއީ އީރާނުން އެކަމާ ދެކޮޅު ހަދާ ތުހްމަތެކެވެ. އީރާނު ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި މަޝްރޫޢެކެވެ.

އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި އީރާނުން ނިޔުކްލިއަރ ފަސް ބޮލެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ސާބިތުކޮށްދޭ ލިޔުންތަކެއް ތައްލު އަބީބަށް ވަނީ 2018ގައި ލިބިފައެވެ. މިކަމާ ވިދިގެން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ "ފަޚްރީ ޒާދާ" ގެ ނަން ހަނދާނުގައި ބެހެއްޓުމަށް މޯސާދަށް ގޮވައިލައްވައިފައެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސްވާރެއް ކަމުގައިވާ އާމޫސް ޔާދްލީން ނޫސްވެރިންނަށް ފޯނުން ބައްދަލު ކުރައްވާ ވިދާޅުވިއެވެ. ((މި ފަހަރު އަދި އެއްވެސް ފަރާތަކުން މި ކަމުގެ މަސްއޫލިއްޔަތެއް ނޫފުއްލައެވެ. އިރާނުން މި ޙަމަލާއަށް ރައްދު ދޭނީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައެވެ. ރައީސް ޓްރަމްޕަށް އީރާނާ ދެކޮޅަށް ފިޔަވަޅެއް ނޭޅުއްވޭހާ ހިސާބުގައެވެ.))

ޔާދްލީން ވިދާޅުވިއެވެ. ((އީރާނުންވެސް ފަހަރެއްގައި އިސްރާއީލުގެ ސައެންސްވެރީން ތަކަކަށް ޙަމަލާ ދީފާނެއެވެ. ފަހަރެއްގައި ޙިޒްބުﷲ މެދުވެރިކޮށް އީރާނުން އިސްރާއީލަށް މިސައިލް ޙަމަލާތަކެއް ދީފާނެއެވެ. ފަހަރެއްގައި އީރާނުން އިސްރާއީލުގެ ބައެއް ސަފާރާތަކަށް ހަމަލާ ދީފާނެއެވެ.)) ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުން މިހާރު ވަނީ އެ ޤައުމުގެ ސަފާރާތަކަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ބޭރަށް ނުކުމެ ނޫޅުމަށް އަންގައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *