Support Us

ވެރިކަމަށް ޓަކައި ނަތަންޔާހޫއާއި ޣެންޓްސްގެ ކަށި ބިންދުމުގެ ހަނގުރާމަ

އަޑިންދާބޯޓުގެ ފަޟީޙަތުގައި ނަތަންޔާހޫ ވެއްޓިވަޑައިނުގަންނަވާނެ ބާ!

އިސްރާއީލުގެ މިއަދުގެ ކޯލިޝަން ސަރުކާރުގައި ބޮޑުވަޒީރު ނަތަންޔާހޫއާއެކު ބައިވެރިވެ ވަޑައިގަންނަވާ އެކުވެރިޔާ ބެނީ ޣެންޓްސްއާއެކު އޮތް އެއްގަލަށް އެރުން ނެތިގެން ހިނގައްޖެކަމުގެ ޚަބަރުތައް ނިޔުޅެން ފަށައިފިއެވެ. ވަރަށް އަވަހަށް މި ސަރުކާރު ރޫޅި ތޮޅެން ފަށާނެފާނެ ކަމަށް ދަނީ ނިމުތު ކުރެވެމުންނެވެ.

މީގެ ދެތިން ދުވަސް ކުރިން އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރޫނޫތުގައި ޝާއިޢުކޮށްފައިވާ މަޒްމޫނެއް ބުނާގޮތުގައި "ދައުލަތް އޮތީ ބޮޑު އަޑިގަނޑެއްގެ ތެރޭގައެވެ. ބޮޑުވަޒީރު ބުންޔާމީން ނަތްންޔާހޫ މާ ބޮޑެތި އެހެން މަސްއަލަތަކާ އަވަދިނެތިވެ ވަޑައިގެން އުޅުއްވާތީއެވެ. އޭނާ ވިސްނަވަމުން ގެންދަވަނީ އޭނާގެ ޝަރީޢަތާ ބެހޭގޮތުންނެވެ. ފައުޟާއަށް މަރްޙަބާއެވެ." މިއީ އެ މަޒްމޫނުގެ މައި ސުރްޚީއެވެ. މި ސުރްޚީ ނަގާފައިވަނީ ދިފާޢީ ވަޒީރު އަދި ދައުރު ބަހައިގެން ބޮޑުވަޒީރުކަން ކުރައްވާ ބެނީ (ބުންޔާމީން) ޣެންޓްސްގެ ބަޔާނަކުންނެވެ. އެމެރިކާގެ ޖާލު ޞަފްޙާއެއް ކަމުގައިވާ "ދަ މޮނިޓަރ"ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި "ފައުޟާ" އަކީ ޣެންޓްސް ހަނގުރާމައިގެ ބަދަލުގައި ބޭނުންކުރައްވާ އިޞްޠިލާޙެކެވެ. "ފައުޟާ" އަކީ އިސްރާއީލު ޓީވީން ދުރަށް ދައްކަމުންދާ ވަރަށް ކާމިޔާބު މުސަލްސަލާ (އެޕިސޯޑް) އެކެވެ. އިސްރާއީލުގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޣެންޓްސް މި ކަލިމަ ބޭނުންފުޅު ކުރެއްވި ކުރެއްވުމަކީ ކުއްލި އިއްތިފާޤެއް ނޫނެވެ.

ހުޅަނގު އައްސޭރީގައި މަސައްކަތް ކުރާ އިސްރާއީލު ސިފައިންގެ އެފް ފައުޖުގެ މީހުން ބޭނުންކުރާ ފާސްބަހަކީ ވެސް "ފައުޟާ" އެވެ. ޣެންޓްސްގެ އިންފޮރމޭޝަން މުޝީރުގެ ނަސޭހަތާ އެއްގޮތަށް ޣެންޓްސް މި "ބަސް" ބޭނުން ކުރައްވާފައި މި ވަނީ ނަތްންޔާހޫއާ ދެކޮޅަށް ހަތުރުވެރި ޙަމަލާއަކަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާކަން ދެއްކެވުމަށެވެ. މިއީ ނަތަންޔާހޫއަށް ތާއީދު ކުރާ ވޯޓަރުންގެ ތެރެއިން ބަޔަކު އޭނާގެ ކޮޅަށް ކައްސަވާ ލެއްވިދާނެ ކަމަށް އުއްމީދު ކުރައްވާ ފެއްޓެވި އިންތިޚާބީ ޙަމަލާއެއް ކަމަށް ވެސް ބައެއް ދާރިސުން ބުނެއެވެ.

 

ރިޕޯޓަރުން ބުނާގޮތުގައި "ފައުޟާ" މި ކަލިމަ ބޭނުންފުޅު ކުރެއްވުމުން އެނގެނީ ސިޔާސީ ހަނގުރާމައަކަށް އޭނާ ތައްޔާރުވެ ވަޑައިގެންފައިވާ ކަމެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި މިއަދުގެ ކޯލިޝަން ސަރުކާރު ދެމިއެއް ނޯންނާނެއެވެ. އެހެންކަމުން އިސްރާއީލީންނަށް ޖެހޭނީ ޢާއްމު އިންތިޚާބަކަށް ދާށެވެ. މިހާރު ކަންތައްތައް ތަރައްޤީ ވަމުންދާ ގޮތަށް ބަލާއިރު މި އަންނަ މާރިޗް މަހު ޢާއްމު އިންތިޚާބެއް ބޭއްވޭނެއެވެ. އިންތިޚާބެއް ނުބާއްވާ ސަރުކާރަށް ދެމި އޮވެވިއްޖެނަމަ އެއީ "މުޢުޖިޒާތު" އެކެވެ.

އަޑިންދާބޯޓުގެ ފަޟީޙަތް

ކޮރޯނާ ވައިރަސް ވަބާއާ ބެހޭގޮތުން ޢާއްމުންނަށް ލުއިތަކެއް ދިނުމާމެދު ބަހުސްކުރުމަށް ޓަކައި 21 ނޮވެންބަރުގައި ބާއްވަން ހަމަޖެހިފައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކެންސަލް ކުރެވިގެން ދިޔައީ ވަރަށް ކުއްލި ގޮތަކަށެވެ. އެކަމަށް އެއްވެސް އިންޒާރެއް ނުދީއެވެ. މި ކަމުގެ ސަބަބެއް ކަމަށް ބުނީ ބައެއް ވަޒީރުން މި ބައްދަލުވުމަށް ތައްޔާރުވެވަޑައިގަތުމަށް އިތުރު ވަގުތު ބޭނުންފުޅުވާތީއެވެ.

ނޮވެންބަރު 22ގެ މެންދުރުގެ ވަގުތެއްގައި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ބެން ޣޫރިއަންގެ އަހަރީ ތައުބީނުގެ ޙަފްލާ ނިމުމުން ބެނީ ޣެންޓްސް ބެންޖަމިން ނަތަންޔާހޫގެ އަރިހަށް ވަޑައިގެން އެކަހެރިކޮށް ވާހަކަފުޅު ދައްކަވާލައްވަން ބޭނުންފުޅުވާ ކަމަށް ދެންނެވިއެވެ. އަޑިންދާ ބޯޓުގެ ފަޟީޙަތް ތަޙްޤީޤު ކުރުމަށް ޓަކައި ދިފާޢީ ވުޒާރާގައި ޚާއްޞަ ކޮމެޓީއެއް އެކުލަވައިލެއްވުމަށް އޭނާ ނިންމެވި ވާހަކަ ނަތަންޔާހޫއަށް ދެންނެވިއެވެ.

ސަޢޫދީ ދަތުރުފުޅު ޓްރަމްޕްގެ ހަދިޔާ

މި މަޢުލޫމާތު ހިއްޕަވައިގެން ނަތަންޔާހޫ އަވަސްއަވަހަށް ޤުދްސަށް ވަޑައިގެންނެވިއެވެ. އެއީ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައިވާ ވަރަށް ސިއްރު ދަތުރުފުޅެއް ކުރެއްވުމަށް ޓަކައެވެ. ނަތަންޔާހޫ މި ވާހަކަ ޣެންޓްސްއަކަށް ނުދަންނަވައެވެ. ކޮރޯނާ ބައްދަލުވުން ފަސްކުރެއްވީ މި ދަތުރުފުޅާ ހެދިކަމަށް ބުނެވެއެވެ. ނަތަންޔާހޫ މި ދަތުރުފުޅުގެ ޚަބަރު ޚާރިޖީ ވަޒީރު އެޝްކަނާޒީ އަށް ވެސް އަދި ޗީފް އޮފް ސްޓާފަށް ވެސް ނުދެއްވައެވެ. އެއީ މި ޚަބަރު ފޭދިގެން ދިފާޢީ ވަޒީރާ ހަމައަށް ހިނގައިދާނެތީއެވެ. އެންމެން ވެސް ދަންނަ ގޮތުގައި ނަތަންޔާހޫ އަކީ ކުރީގެ ދެ ޗީފް އޮފް ސަޓާފުންނަށް (ޣެންޓްސް އާއި އެޝްކަނާޒީ އަށް) އިތުބާރު ކުރައްވާ ބޭފުޅެއްނޫނެވެ. ސަލާމަތީ މަސްއަލަތަކާއި ސިޔާސީ ޙައްސާސު މަޢުލޫމާތުތައް، މި ދެ ބޭފުޅުންނަށް ނުދެއްވާ ސިއްރު ކުރެއްވުމަކީ ނަތަންޔާހޫގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަތަންޔާހޫ ސަޢޫދިޔާއަށް ކުރެއްވި ދަތުރުފުޅުން އެނބުރިވަޑައިގަތްތާ މާ ގިނައިރުތަކެއް ނުވަނިސް އިސްރާއީލުގެ ނޫސްތަކުގައި ޤާޟީއެއްގެ ރިޔާސަތުގައި ތަޙްޤީޤު ކޮމެޓީއެއް އެކުލަވައިލެވުނު ޚަބަރު ޝާއިޢުވެގެން ދިޔައެވެ. މި ޚަބަރާއެކު ސިޔާސީ ބޮޑު ހަލަބޮލިކަމެއް އުފެދިގެން ދިޔައެވެ. މި ޤާޟީއަށް ހެކިވެރިން ޙާޒިރު ކުރުވުމާއި މަސްއަލަ ކޯޓަށް ފޮނުވުމުގެ ބާރު ލިބިވަޑައިގެންފައި ނުވިޔަސް މި ތަޙްޤީޤުގެ ސަބަބުން ނަތަންޔާހޫ އަށް ވަރަށް ނުތަނަވަސް މަޤާމަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމަކީ ދުރު ކަމެއްނޫނެވެ.

އަޑިންދާބޯޓުގެ މަސްއަލައަކީ އެތައް އަހަރުތަކެއް ވީ މަސްއަލައެކެވެ. މީގެ މަހެއްހާ ދުވަސްކުރިން އިސްރާއީލުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މި މަސްއަލައާ ބެހޭ ތަފްޞީލީ ރިޕޯޓެއް ހާމަކުރައްވައިފިއެވެ. މި ރިޕޯޓްގައި ބޮޑުވަޒީރު ނަތަންޔާހޫ މި މަސްއަލައިގެ ތެރެއަށް ވެއްޓިވަޑައިގެންފައިވާ ކަމަށް ބުނެފައި ވެއެވެ.

ސިޔާސީ އުރައަކަށް ލައިފައިވާ މައުޟޫޢެއް

ޣެންޓްސް އަށް ކަށަވަރުވެ ވަޑައިގަންނަވާ ގޮތުގައި ނަތަންޔާހޫ މިހާރުގެ ކޯލިޝަން ސަރުކާރު ދަމަހައްޓަވަން ބޭނުންފުޅެއް ނުވެއެވެ. ޣެންޓްސްގެ ޕާޓީ ނޫ- ހުދު ޕާޓީ އަކީ ބައިބައިވެ ވީދި ކަފާސްވެފައިވާ ޕާޓީއެކެވެ. އަޑިންދާބޯޓުގެ މަސްއަލަ ތިލަކޮށްލައްވަން ޣެންޓްސް ގަސްތު ކުރެއްވީ މިހެންވެގެންނެވެ. މިއީ ސިޔާސީ ޤަރާރެއްކަން ކަށަވަރެވެ. މި މަސްއަލަ ތަޙްޤީޤުކޮށް ނިންމުމަށް ޣެންޓްސް ދެއްވާފައި ވަނީ ހަތަރު މަސްދުވަހެވެ. އޭރު އޮންނާނީ އިންތިޚާބު ބޯމަތިވެފައެވެ.

 

 

ޓްރަމްޕްގެ އެންމެ ފަހު ހަދިޔާ

ޣެންޓްސް މި ބޮން ގޮއްވައިލިއިރު ނަތަންޔާހޫ އިސްރާއީލަކު ނޫޅުއްވައެވެ. ނަތަންޔާހޫ ޚާއްޞަ ބޯޓެއްގައި ސަޢޫދީ ޢަރަބިއްޔާގެ އައްސޭރި ރަށެއް ކަމުގައިވާ ނަޔޫމަށް ވަނީ ވަޑައިގެންފައެވެ. އެއީ އިސްރާއީލާ 90 މިނެޓު ދުރުގައި ވާ ރަށެކެވެ. ހަތަރު ގަޑިއިރުފަހުން ނަތަންޔާހޫ އިސްރާއީލަށް ވަޑައިގެން އަނެއް ދުވަހު ކަނީސަތަށް (އިސްރާއީލުގެ ބަރްލަމާނަށް) ވަޑައިގެންނެވިއެވެ.

 

 

 

ނަތަންޔާހޫއަށް ބަދީޢޫތު އަޙްރަނޫތުގައި ޝާއިޢުކޮށްފައި އޮތް ތަމްސީލީ ސުރްޚީ ފެނިވަޑައިގަތުމުން އެ ރޭ ވެގެން ދިޔައީ  ނަތަންޔާހޫއަށް އަވަހާރަފުޅު ނުލެއްޕެވުނު ރެއަކަށެވެ. މި ޚަބަރުގެ ދެތިން ހަތަރު ގަޑިއިރު ފަހުން ސަޢޫދީ ޢަރަބިއްޔާގައި މި ބޭއްވުނު ތާރީޚީ ބައްދަލުވުމުގެ ޚަބަރުތައް ނޫސްތަކަށް އަންނަން ފަށައިފިއެވެ. ނަތަންޔާހޫ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތީ އެމެރިކާގެ ޚާރިޖީ ވަޒީރު ހަމަޖެއްސެވި ބައްދަލުވުމަކަށެވެ. މިއީ ޕޮމްޕިޔޯ- ބިން ސަލްމާން – ނަތަންޔާހު ބައްދަލުވުމެކެވެ. މިއީ ސޔާސީގޮތުން ވަރަށް އަގު ބޮޑު ބައްދަލުވުމެކެވެ. މިއީ ރައީސް ޓްރަމްޕް ނަތަންޔާހޫއަށް ދެއްވި  ވަދަޢީ ހަދިޔާއެވެ. މި ހަދިޔާގެ ސަބަބުން ނަތަންޔާހޫގެ ތާއީދު އިސްރާއީލުގެ ނާޚިބުންގެ މެދުގައި އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި ކަން މި ކުރެއްވީ ނަތަންޔާހޫއަކީ ވަރަށް މޮޅު ސިޔާސީ ބޭފުޅެއްކަން ދެއްކެވުމަށް ޓަކައެވެ. ނަތަންޔާހޫ ދައްކަވަން ބޭނުންފުޅު ވަނީ ޣެންޓްސްއަކީ މި ކަހަލަ ސިޔާސީ "ސަކަ" ޖައްސަވާ ބޭފުޅެއްކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *