ދުރާ ގާތުން ކުރާ އަނިޔާ، ބަލަން ހިތްވަރު ނެތީމާ ލޯ
ފުރާ ހަށި، ނޭވައެއް ލައިފައި، މަރައިލައިފިޔެ މި ޖީލުގެ ލޯ
ލަދެއް ނެތިގެން ގަޔަށް އަތްލައި އުނުން ފޭރާން އެކީ ބާލައި
ތަދެއް ހިތުގައި އުފަން ވީމާ، މަރައިލައިފިޔެ މި ޖީލުގެ ލޯ
ވަލުން އަޅުވެތިކަމުގެ ބަދެލައި އަތުން މިނިވަންކަމުގެ މި ދެފައި
އަލުން ނުމޮހޭ ވަގޮށް ޖެހުމުން، މަރައިލައިފިޔެ މި ޖީލުގެ ލޯ
ލެޔަށް ދަހިވެތިވެގެން އެއުރެން ގެޔަށް ވަދެ ޖެހިލުމެއް ނެތިގެން
މެޔަށް ޚަންޖަރު ޖަހަން ފެށުމުން، މަރައިލައިފިޔެ މި ޖީލުގެ ލޯ
ވަރަށް މަކަރާއި ޙީލަތުގައި ނުރައްކާތެރި ޢަދުއްވުން އައިސް
ކަރަށް މަޅިގަނޑު މަހައިލީމާ، މަރައިލައިފިޔެ މި ޖީލުގެ ލޯ
ކުރާނެ ކަމެއް ކުރާ އިރުގައި ހަދާނެ ގޮތެއް ހަދާ އިރުގައި
ފުރާނަ މުޅިން ވަކިވެ ނުދިޔަސް، މަރައިލައިފިޔެ މި ޖީލުގެ ލޯ
މަދަދުވެރިއެއް އެހީތެރިއެއް އަޅައިލާނޭ ވަފާތެރިއެއް
އަދަކު ނެތްކަން ޔަގީން ވީމާ، މަރައިލައިފިޔެ މި ޖީލުގެ ލޯ
ކުރާ ކަންކަން ކުރާ އިރުގައި ދުރަށް ވިސްނައި ނުލެވުނީމާ
ކުރާ އަސަރާ އަޅާ ވޭނުން، މަރައިލައިފިޔެ މި ޖީލުގެ ލޯ
ޢަޤީދާ އާ ތޮޅޭ އިރުގައި މި ދީބުގެ މޭ ނޮޅާ އިރުގައި
ޙަޤީޤީ މަންޒަރަށް ނުބަލަން، މަރައިލައިފިޔެ މި ޖީލުގެ ލޯ
ނަމާ އަބުރާ ކަފުން ކޮށްފައި ބަލަން ތިބެ ކަށްވަޅަށް ލީމާ
ޖަމާވާ ކަރުނަތައް ފޮހަމުން، މަރައިލައިފިޔެ މި ޖީލުގެ ލޯ
