...

Support Us

ކޮލަމް: ނޫވިލު

ކުޑަ ސުވާލެކެވެ. އެހެނަސް ބޮޑު ޖަވާބެކެވެ.

މި ފާއިތުވި ބައިޤަރުނުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ތަފާތު މިޒާޖުގެ ފަސް ބޭފުޅުން ވަނީ ކުރައްވައިފައެވެ. އަދި ހަ ވަނަ ރައީސެއްގެ ޒައާމަތު މިހާރު ހިނގަމުންދަނީއެވެ. އެކި ބޭފުޅުންގެ އާޖުފާޖު ތަފާތެވެ. އިސްކަންދެއްވަނީ އެކި ކަންކަމަށް އެކިވަރަށެވެ. އެއީ އިންސާނީ ތޮބީއަތެވެ. ކަންވާންޖެހޭނީވެސް އެހެންނެވެ. ހަޤީގީ ކުރިއެރުން ލިބޭނީވެސް އޭރުންނެވެ. މާޒީވި ދުވަސްތައް ބޭރު ފުށަށް ފެނުނު ގޮތް ކުރު އިބާރާތަކުން ނަކަލު ކޮށްލާނަމެވެ.

ދިވެހިރާއްޖެ އަކީ ވަރަށް ވަތަނީ އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އެންމެ އިސްކަމެއް ދެއްވި ބޭފުޅުންނާއި، މިނިވަންވުމާ އެކު ދީނީ ގޮތުންނާއި ތައުލީމީ ރޮނގުން ޤައުމު ހޭލުންތެރިކުރުވައި، މެދުމިނުގެ ސިޔާސަތެއްގައި ޤައުމު ދެމެހެއްޓެވި ވެރިކަމަކާއި، އަދި ވަރަށް ބޮޑަށް ހުޅުވާލެވިގެން ވަރަށް މިނިވަން ވިސްނުން އިސްކުރެވިގެން ހިންގެވި ތަނާއި، އިޤްތިސާދީ އަދި އުމްރާނީ ގޮތުން ތަނަވަސް މާހައުލަކަށް އިސްކަންދެއްވި ވެރީންނެވެ. އަދި އޭގެ އިތުރުން އަވަށްޓެރިންނަށާއި އަނެކުންނަށް ތަންކޮޅެއް ބޮޑަށް ބަރޯސާވެގެން ތިބޭ ފަދަ ސިޔާސަތުތައްވެސް ފެންނަމުން އެބަދެއެވެ. މިއީ ހައްތަހާވެސް އެއިރެއްގެ ހާލަތަށް ބަލާފައި ރައްޔިތުން ކަނޑައެޅި އެކި ރައީސުން އިސްކަންދެއްވި އެކި ހަމަތަކެވެ.

ވޭތުވި ބައިޤަރުނު ތެރޭގައި ޤާނޫނުއަސާސީއަށް އެކިއެކި އިސްލާހު ގެނެވިފައި ވީނަމަވެސް ޤައުމުގެ އެންމެ އިސްވެރިއަކު އައްޔަންކުރަން މަގުދައްކާފައި ވަނީ ސީދާ ރައްޔިތުންގެ އަތުންލާ ވޯޓަކުންނެވެ. ޑިމޮކްރަސީ ތައާރަފްކުރުމަކުން ވޯޓުލުމަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

މިލިއުން ޖުމްހޫރީ ދުވަހާވެސް ކޮންމެވެސް ވަރަކަށް ގުޅިދާނެތީވެ މުހިންމު ސުވާލެއް އުފައްދާލާނަމެވެ. މިއީ ހަމަ އަދިވެސް އެންމެންގެ ބައިވެރިވުން އޮތް ކަމަކަށް ވާތީއެވެ. ކުޑަ ސުވާލެކެވެ. އެހެނަސް ބޮޑު ޖަވާބެކެވެ. ދެން ކޮން ބޭފުޅެއްތޯއެވެ؟ ކޮން ކަހަލަ މިޒާޖެއްގެ ވެރިއެއްތޯއެވެ؟ އެ ބޭފުޅެއްގެ އަޚުލާގުގައި ހުންނަންވީ ކޮންކޮން ސިފަތަކެއްބާއެވެ؟ ރައްޔިތުން އެދޭ ޝަރުތުތަކުގެ ކިހާ މިންވަރެއް ފުއްދައިދެއްވާނެ ބޭފުޅެއްތޯއެވެ؟ އެންމެ އިސްކަމެއް ދެއްވާނީ ކޮންކޮން ދިމަދިމާލަކަށް ބާއެވެ؟ ސިޔާސީ ކޮން ފިކުރެއްގެ ތެރެއިންބާއެވެ؟ ނުވަތަ ސިޔާސީ ފިކުރުގެ ބޭރުންބާއެވެ؟

މާޒީގައި ކަން ހިނގާފައިވާ ގޮތްތަކުގެ ނަތީޖާއައް ރިއާޔަތްކޮށް ކުރިން ތަޖުރިބާކުރެވިފައިވާ ބޭފުޅަކަށް އަލުން ހަވާލު ކުރާނީތޯއެވެ؟ ނުވަތަ އާ ބޭފުޅަކަށް ފުރުސަތުދީ އަނެއްކާވެސް އާ ވިސްނުމެއް ތަޖުރިބާކުރާނީތޯއެވެ؟ ނުވަތަ ދީނާއި ޤައުމިއްޔަތަށް ބެލުމެއް ނެތި އަނެކުންނަށް ބަރޯސާވެގެން ވާގޮތެއް ބަލަން ތިބޭނީތޯއެވެ؟

އިންސާނީ ވިސްނުމަށް ބުރަވެ އަސްލެއްގެ މައްޗަށް ބަހެއް ބުނާނަމަ ބުނަން އޮތީ "އިތުބާރު ކުރެވިފައިވާ" ގޮތެއް ބަލައިގަތުމެވެ. ނޫނީ "އިތުބާރު ކުރާ" ގޮތެއް ބަލައިގަތުމެވެ. ކުރިއަށްދިއުމެވެ. މާޔޫސްނުވުމެވެ.

ދެކެފަރިތަ އެހެން ދިމާލަކުން މިސާލެއް ބަލައިލެވިދާނެއެވެ. ދިވެހީން ނޫނީ ގިނަ ބަޔަކު އިތުބާރު ދެވިފައިވާ ބްރޭންޑެއްގެ ޓީވީއެކެވެ. ނަން ބުނުމުން އިތުބާރުދެވުނީއެވެ. އެހެނަސް މިއަދުގެ ކުރިއަރާފައިވާ ދުނިޔޭގައި އެފަދަ ނުވަތަ އެއަށްވުރެންވެސް މާ ފުރިހަމަ ޓެކްނޮލަޖީތައް އީޖާދުވެ އާ މޮޑެލްތަކަށްވެސް އިތުބާރު އަންނަނީ އިތުރުވަމުންނެވެ. ހަމަ ހަޤީގަތުގައިވެސް ކުރިން އިތުބާރު ދެވިފައިވާ ބޮރޭންޑަށް ވުރެން ފުރިހަމައެވެ. ކުރިއަށް ދިއުމަށް ހުރަހެއްނެތެވެ. މިއީ "އިތުބާރުދެވިފައި" ވުމާއި "އިތުބާރުކުރާ" އަށް ދިއުމަށް އޮތް މަގެކެވެ. ޔަގީންކަމެކެވެ.

ފަރުވާލެއްނެތެވެ. ކުރިންވެސް ގޮތް ނިންމީ ހަމަ އެންމެންނެވެ. ދެންވެސް ގޮތް ނިންމާނީ ހަމަ އެންމެންނެވެ. ނުވަތަ ޤާނޫނު ބުނާ އަޤްލަބިއްޔަތުންނެވެ. ޖުމްހޫރީ ވެރިކަމެއް ގެނެސް އެ ބަލައިގަނެގެން މިތިބީވެސް ދިވެހީން ބޭނުންވާތީއެވެ. ދުނިޔޭގެ ލިސްޓު ބަލާފައި އެންމެ ފަހުންނެއް ވެސްނޫނެވެ. ގަޑިޖެހުމުން ބަލައިގަތީއެވެ. ދެންވެސް އިތުރު މޮޅު ގޮތެއް އޮވެއްޖެނަމަ އަޖުމަކުރަންވެސް ކެރޭނެ ބައެކެވެ.

އިހުނާ ޚިލާފަށް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރުވެސް ފަހަތަށް ބެލުމެއްނެތި ކުރިއަށްދިއުން މާގިނައެވެ. އާ މޫނުތައް ތައާރަފްވެ އާ ޒައާމަތުތައް ފެނި އާގޮތްތަކާއިއެކު ކުރިއަށްދަނީއެވެ.

ރާއްޖޭގެ މަސްރަހާމެދު ތުންތުންމަތީގެ އަޑުތަކާއި ސޯޝަލް މީޑިއާއިން ފެންނަނީވެސް ހަމަ ދާދި އެކައްޗެހިތަކެކެވެ. މިއަދު ކަންހިނގާ މަގު ދަތިވުމުން އިއްޔެ ކަން ހިނގި ގޮތް މަތިން ހަނދާންވެސް ވަނީ ކަމަށް ވެދާނެއެވެ. އެހެނީ އަބަދު ކޮވިޑް19 ހިތަކު ނޯވެއެވެ. މިއީ ވަކި ބޭފުޅަކަށް ފަހައިދޭ ލިބާހެއްނޫނެވެ. އަދި ވަކި ބޭފުޅަކަށް ތާއީދު ކުރަނީކީވެސް ނޫނެވެ. ނަމަވެސް މިހާރުގެ ސިޔާސީ ފިކުރުތަކުގެ ތެރެއިން ފާއްދަމުންދާ އަޑުތަކުން ކުރަހާ ތަސްވީރުތަކެއްގެ ވާހަކައެވެ. އިތުބާރު ދެވިފައިވާ ޒައާމަތެއް އަލުންބަލައިނުގަންނާންވީ ސަބަބެއް ވެސް ނެތެވެ. އަދި ހަމަ އިތުބާރު ކުރެވެންޏާ މުޅީން އާ ޒައާމަތަކާއެކު ނުދާންވީ ސަބަބެއް ވެސްނެތެވެ. އެހެނީ ޤައުމަކަށް ދިމާވެދާނެ، ދިވެހީން ތަޖުރިބާ ނުކުރާ މާގިނަ ގޮތްތަކެއް ނެތޭ ވެސް ބުނެވިދާނެއެވެ. ޖުމްހޫރީ ދުވަހެއް ފާހަގަކުރާއިރު ޖުމްހޫރީއްޔަތު ގެނައިގޮތާއި އަދި ޖުމްހޫރިއްޔަތަކީ ކޮބައިކަން ދިވެހީން ރަނގަޅަށް ދަނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.