
މާރީތި ނަމަކުން ނަން ކިޔާ ގުރުބާން ކުރަން ހެޔޮ ވާނެހޭ؟
ތާރީޚުގައި ނަން ލިޔެވުނަސް ތާރީފު އޮހެމުން ދާނެހޭ؟
ނަމަކުން ލިބޭނެ މޮޅެއްނެތޭ، ގަދަރާއި ޝަރަފެއްވެސްނެތޭ
ޢަމަލާ ބަހާ ސީދާ ނުކޮށް ދިރުމެއް ލިބެން އޮންނާނެހޭ؟
އަހުރެންގެ ޖިސްމަށް ތިޔަ ކުރާ އަނިޔާ ހިތުން ނުފިލާނެޔޭ
ރަޙުމާއި ކުލުނުގެ ކަންފުޅެއް ނެތްކަން ޔަގީން ނުވެ ދާނެހޭ؟
ފޭރާން ދަމާ ވީދާ ނޮޅާ މުޅިގައި އެކީގައި ލޭ ކޮށައި
ބޭރާއި އެތެރޭގައި މިހެން އޮރިޔާން ކުރަން ހެޔޮ ވާނެހޭ؟
ދޫ ބަންދު ކުރުވާ ގަދަކަމުން އިންޒާރު ދީގެން ހަރުއަޑުން
ހޭ ބުއްދި ފިލުވާލީ ގޮތާ މަންޒަރު ހިތަށް ނާރާނެހޭ؟
ދެއަތާ ދެފައި ކަސްތަޅު އަޅައި ލޯ ބަންދުކޮށް ހަންމުށިއަޅައި
މެއަށާ ކަރަށް ދެ ފައިން އަރާ މި ފުރާނަ ނެރެލަން ވާނެހޭ؟
ކޮންފަދަ ކުށެއްހޭ ކުރެވުނީ މިވަރުގެ ސަޒާއެއް ތިޔަ ދެނީ
އޮންނާނެތޯއޭ ބުނެދެވެން ފަހެ ދެން އަހާ ނު ލެވޭނެހޭ؟
މުޅި ޢުމުރުގައި ކުރި ޚިދުމަތަށް ތިޔަދިން އަގުން ފުދި އިތުރުވޭ
ކުޅިފަސް ބަލަން ތިޔަހެން މިތާ ދާއިމުވެގެން ތިބެވޭނެހޭ؟
އަސަރާއެކީ ގިސްލާ ރޮމުން އަހަރެން މި ވަގުތު ބުނާނަމޭ
ހަސަދައިގެ ޗާބޫކުގެ ހަނދާން ދުވަހަކު ފިލައިގެން ދާނެހޭ؟
ހަށިގަނޑުގެ ހުރިހައި ގުނަވަނެއް ހެކިދޭނެޔޭ ޝައްކެތްނެތޭ
މަށި ތަންމަތީގައި ވެޑުވިޔަސް ޝަކުވާގެ ވޭން،ހުއްޓޭނެހޭ؟
