Support Us

އަހަރެން ލޯބިވާ ދިވެހިބަސް

ދިވެހިބަސް ފަދަ އަސަރުގަދަ ބަސް މަދޭ އެދުރުން އެބުނަނިއްޔޭ
އެހެންވީއިރު މިބަސް ބަހަކަށް މި ނުވަނީ ކީއްވެގެންހެއްޔޭ

ދިވެހިބަހަކީ ޙަޤީޤަތުގައި ވަރަށްވެސް ރީތި ފޮނި ބަހެކޭ
ދިވެހިފޮތްތައް ބޮޑެތި ޢިލްމީ ކިހައިވަރަކަށް ހުރޭހެއްޔޭ

ދިވެހިބިމުގައި ދިވެހިބަސް އެކަނި އޮވެގެން އުޅެވުނެއްނޫންހޭ
ދިވެހި އުސްތާޛުނާ ބަޠަލުންގެ ބަހަކީވެސް މިނޫންހެއްޔޭ

އެހެން ބަހަކުން ބަހެއް ނުލިޔަސް ބުނަން ބޭނުންބަހެއް ބުނެވޭ
ބަހެއް އެއްފަދަ މިފަދަ މުއްސަނދި މިސަރަހައްދުން ފެނޭހެއްޔޭ

މިއީ ޤައުމީ އަމިއްލަ ބަހޭ، ދިވެހި ޤައުމިއްޔަތުގެ ރުކުނޭ
މިއީ ލިބިފައިވާ ދިވެހީންނަށް ކިހައިބޮޑު ނިޢުމަތެއް ހެއްޔޭ

ޤަރުނުތައް ވޭތުވީ މާޒީ، ވެރީންނަށް ޙުރުމަތާ އެކުގައި
ދަރަޖަތައް ހުރިބަހެއް މިކަހަލަ މަދުންނޫނީ ފެނޭ ހެއްޔޭ

އެތައް ގިނަ ގުނަ ބަހުރުވަޔަކާ ރަށަށް ވަކި ޚާއްޞަ ބަސްހުރެޔޭ
ހިތަށް ހަމަ ސިފަވެވޭ ގޮތްތައް ދުލުން ދެން ސިފަ ކުރަންވިއްޔޭ

މިހިރަ ގޮތްތައް އުކާލައިފައި، ކިޔެވުމަށް މޮޅުވުމާއެކުގައި
އިހުގެ އެދުރުން ގެނައި ހަމަތައް ނަގާފައި ފައިދަށަށް ލިއްޔޭ

ޒަމާނީ ވާނަމޭހީކޮށް، ފަށާ ތަޢުލީމު ދޭހަ ބަހަކަށް
ތިމާމެން ބޭރުބަސް ހެދުމުން މިކަން ވާނޭ ގޮތަށް ވިއްޔޭ

ގެޔަށް ވަދެނުކުމެވާ މީހުން، ސަޔަށް ގޮސް އެކު އުޅޭ މީހުން
އެއަށްފަހު ކުޑަ ދުވަސްކޮޅަކުން ދެބަސް މަސްހުނި ކުރަންވިއްޔޭ

ދިވެހިބަސް ދިވެހި ދެއަތުންކަން، މިއަލިފާނަށް ލަމުންމިދަނީ
ދިވެހިބިމުގައި މިކަން ވިސްނޭ ބަޔަކުވެސް އަދު އުޅެންވިއްޔޭ

ދިވެހިބަސް ދެކެ ނުހަނު ލޯބިން، ރޮމުންތިބި ބަޔަކު އެބަ ބުނެޔޭ
ދިވެހިބަސް އަދުއޮތީ ނޭވައި ނުލެވިގެން ހޮޅި ގުޅައިފައްޔޭ

ފަށާ ތަޢުލީމު ދިވެހީންދީ ދިރާސާ ބައިބަޔަށް ނެރެދީ
ވަށައިގެން ޢިލްމު ބޭހުންދީ، ބަހަށް ފަރުވާ ފަށަންވިއްޔޭ

ނެތިއްޔާ ދިވެހި ބަސް ޤައުމިއްޔަތުން ރުކުނެއްއެ އުވުނިއްޔޭ
ނަތީޖާ ހިތި، ދުލެއްނެތް ޤައުމަކަށްވެ މިތަންއެ ނިމުނިއްޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *