Support Us

ނޮވެމްބަރ ތިނެއްގެ އުސްއަލިތައް

ސަލާމަތުގައި ހިމޭން ގައުމެއް ސަމާލުވެފައި އޮތީ ބިމުގައި
ޒަމާނުގެ ފޭރާމުން ޖަރީވެވިގެން އޮމާން އިމުގައި

މިރީތި ފަޒާގެ ކުލައަލި އުދަރެހާ ވިނަފެހި ބިމާއި ކަނޑާ
ތިރީސްދެއަހަރު އެއީ ކުރިއޭ ކިލަނބު ކޮށްލީ އަދާވަތުގައި

ރިޔާސީ ނިމި ދެ ދައުރެއް ފެއްޓުމަށް އާދައުރަކަށް ދިވެހީން
ކިޔާށޭ މަރުހަބާ ތައްޔާރުތައް ކުރަމުން ދަނީ ތަނުގައި

ނަވާރައަށާހި ވަނަ އަހަރުގެ ނޮވެންބަރު ދެވަނަ ދުވަހުގެ އިރު
އަރައިގެން ދައުރުކޮށް ގޮސް އޮއްސުނީ ފުރިހަމަ އަމާންކަމުގަ

އަރާމުގެ ތަންމަތީ ތިއްބާ ނޮވެންބަރު މަހުގެ ތިންވަނަރޭ
އަރައިގެން ލަޝްކަރެއް ބޭރުގެ އަކީ ހަޑި ހުތުރު އެދުމެއްގައި

ދިވެހި މަދު ޚާއިނުން ކޮޅަކާ ޕްލޮޓް ނަމަކަށް ކިޔާ ބަޔަކާ
ދިވެހި ވެރިކަން ހިފަން އެ އައީ އެތައް ހަތިޔާރަކާ އެކުގައި

ދިފާއީ މަރުކަޒަށް ހަމަލާގެ ފުރަތަމަ ދިން އަޑާއެކުގައި
ދިފާއީ އުންޑައެއް ރައްދުން އައީ ހަމަ ފަޅި ސިކުންތެއްގައި

ލިބުނު ހައިރާންކަމާ އެކުގައި ދެލޯ ބާޣީން ގެ ބޮޑުވިތަނާ
މިބުނި ޕާޓީގެ ލީޑަރު މަރުވިއޭ އުންޑައިގެ ބީހުމުގައި

ވަސަންތީ އޭ ކިޔާ ނަމަކަށް ގުރޫޕުގެ އެންމެ އިސްވެރިޔާ
ހުސެން އާދަމްގެ އުންޑައިން ވެއްޓުނީ މިބިމަށް ހިމޭންކަމުގައި

ފަތިހު ހަތަރެއް ޖެހިއްސުރެ ހުއްޓުމެއް ނެތި ފެއްޓި ހަމަލާގައި
ހަތަރުދަމުވެސް ދިވެހި ސިފައިން ތިބީ ސާބިތުކަމާ އެކުގައި

ރެކީ ޕެޓްރޯލަކަށް ދިވެހީންގެ ލަޝްކަރު ހިއްވަރާ ކެރުމާ
އެކީ ނުކުތުން ދުށީ ބާޣީން ނިކަން ސިހުމާއި ޖެހިލުމުގައި

ހިގައްޖޭ ރޫޅިގެން ހުރިހާ ނިޒާމެއް ބޭރު ބާޣީންނަށް
އެނގިއްޖޭ ކާމިޔާބެއް ދެން ނުވާނޭކަން މި ހަމަލާގައި

ޣަދަރުވެރި ރޭވުމެއްގައި ދެން އަވަސްވެގަތީ ފިލައިގެން ދާން
ބަނދަރުގައި އޮތް ދިވެހި ބޯޓެއް ކުރީ ހައިޖެކް މިބޭނުމުގައި

ބަލާނުމެލާ ފުރާނައަކަށް އެ ދިން ހަމަލައިން ދިވެހި ސިފައިން
ސަލާމަތް ކޮށްދިނީ މިބިމާ ދިވެހި ގައުމާ ހަގީގަތުގައި

މިހުރިހާ ކަންކަމެއް ނިމިގޮސް ފުރައިގެން ދިޔަ ފަހުން ބާޣީން
އެހީވާން އިންޑިއާ ސިފައިން މަތިންނާ އައި ދެ މަނަވަރުގައި

ކުރިން ތައްޔާރުގައި ތިބި ބައަކު ހެން ހީވާނެ ބީދައަކުން
މުޅިން ފުރިހަމަ ނިޒާމެއް ގައި އައީ މިއުރެން ފްލީޓެއްގައި

އަވައްޓެރި އިންޑިއާގައި އޮތް ރަޖީވްގެ އޭރު ސަރުކާރުން
އަވަސް ހަރަކާތަކުން ލިބުނީ އެހީ އިރުއޮއްސުމަށް ފަހުގައި

ރަހީނުންނާ ފިލައިގެން ދިޔަ ޕްލޮޓު މީހުން ގެނެސްދިނުމާ
އެހީ ދިން އިންޑިއާ ސިފައިން ހިނގާ ދިޔަ ބޮޑު ޝަރީއަތުގައި

ޝަހީދުވިއޭ ނަވާރަ ދިވެހި އަޚުން މިނުބައިވި އުދުވާނުން
އެއީތަ! އެގާރަ އާންމުންނާ ސިފައިންގެ އަށެއް ގެ އަދަދެއްގައި

ގެތައް ވެސް ލޫޓުވާ ނެތިކޮށް ކަރާމާތާއި އިންސާނީ
އެތައް ގިނަގުނަ އިމާރާތަށް ދިނޭ ގެއްލުން މި އަނިޔާގައި

ނުދިން އެއްވެސް އަޚެއް އުޚުތެއް ބަހުން އަދި ޢަމަލަކުން ނަމަވެސް
އެދިން ހަމަލާ އަކަށް ބައިވެރި ވުމެއް އެދުވަހު މިރާއްޖޭގައި

މިކަންތައްތައް ހިނގާ ދިޔަގޮތް މިކަން ކުރި މީހުނާ ސަބަބާ
ނިކަން ކަޅުދެއްޔަކުން ލިޔެފައި ވެޔޭ ދިވެހީންގެ ހިތްތަކުގައި

ދިވެހި ގައުމަށް ލިބުނު ނަސްރުން ދިވެހި ތާރީޚު ގައި އެދުވަސް
ދިވެހި ބިމުގައި ވަނީ ފާހަގަ އެއް ނަސްރުގެ ދުވަސް ކަމުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *