
ލެއިން ބިންމަތީ ކޯރު ހެދެމުން ދިޔާ
ރުއިން ރަށުތެރޭ ގުގުމަމުންނޭ ދިޔާ
ގެއިން ނުކުމެ ކުރިމަތިލަމުން ގެންދިޔާ
އެއިން ކާމިޔާބީ ވަމުންނޭ ދިޔާ
ބުރާސްފަތި ބަޑިން ނަންދެވުނު ކަޅު އެރޭ
އަށާހީން ނޮވެމްބަރު ތިނެއް ވީ އެރޭ
ކުރާއިރު ތަޞައްވުރު މިއަދު ހިތު ތެރޭ
ކުރާ އަސަރު ދެމިގެންނެ އަބަދަށް ދިޔާ
ލަދެއް އަދި ބިރެއްނެތި މަރާ ހުސްކުރަން
މަދެއް ނޫނެ އުކި އަތު ބޮމެއް ރޯކުރަން
އެދެން ނުގޮވިޔަސް ރޭވިޔޭ ކަން ކުރަން
ތެދެއްކަން ފަހުން ނޫންހެ އެނގިގެން ދިޔާ
ހަނދާނުން ފިލައިގެން ނުދާނޭ އެރޭ
ޢަދާވާތްތެރިން އުޅުނުގޮތް ރަށު ތެރޭ
އަނދާ ބިން އެ ހޫނާ ގިނީގައި ވިރޭ
ތަދާ ވޭން އުފަން ކުރުވަމުންނޭ ދިޔާ
ދެމުން ޚާއިނުން ހަމަލަ ދިޔައިރު އެރޭ
ދެމުންނޭ ދިޔާ ރައްދު ސިފައިން ކެރޭ
ދެމުން ދިޔަ އެ ވަރުގަދަވި ޙަމަލާ ތެރޭ
ހެމުން އައި ޢަދުއްވުން ރޮމުންނޭ ދިޔާ
ޝަހީދުންގެ ނަންފުޅު ހިތަށް ގެންނަމާ
ނުހީ، ޙައްގު ތަޢުރީފުތައް ކޮށްލަމާ
ބަހީ އޭގެ ޢިބުރަތް ވަޒަން ކޮށްލަމާ
ރަޙީމެއްގެ އަރިހަށް އުދުހިގެން ދިޔާ
