...

Support Us

ކޮލަމް: ނޫވިލު

މިނިވަންކަން ގެއްލޭ ފަދަ ބޮޑު ހިޔާނާތެއްވުމުގެ ފުރުސަތު އިޚުތިޔާރަށް ދޫކޮށްލެވިފައެއް ނުވެއެވެ.

ހިޔާނާތްތެރިވުމަކީ، ބަހާއި އަމަލުންވެސް ހިންގިދާނެ ދަށުދަރަޖައިގެ އަމަލެކެވެ. އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. އަމާނާތްތެރިކަން ނެތުމެވެ. އެހެން ދީންތަކުގަ އާއި ދުނިޔެވީ ހަމަތަކުގައިވެސް ބަލައިނުގަނެވޭވަރުގެ ކުށެކެވެ. ހަޑިމުޑުދާރު އަމަލެކެވެ. މިކަން ނޭނގޭ އިންސާނަކު ވަރަށް މަދުވާނެއެވެ. ނުވަތަ މިއީ ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކުވެސް ގަބޫލްކުރާ ޙަގީގަތެކެވެ. ވީއިރު އިންސާނުން ހިޔާނާތްތެރިވަނީ ކީވެބާއެވެ؟ އަމިއްލަ އެދުމާއި ނުލަފާކަމުންނޭ ބުނުމުން ޖަވާބު ކުރުނަމަވެސް ފުދެއެވެ.

ބަހާއި އަމަލުން ހިޔާނާތްތެރި ވުމަކީ އަމާނާތްތެރިކަމާއިއެކު އިންސާފުން ކަމެއް ކުރުމަށް ނުވަތަ ބަހެއް ބުނުމަށް ނިންމައިފައި އޮވެ އޭގެ މައްޗަށް އޮޅުވާލުމާއި މަކަރުވެރިކަން އިސްކޮށް ނިންމާ ނިންމުންތަކެވެ. މި ޒަމާނުގެ އެންމެ ފަރިތަ ބަހުންނަމަ ކޮރަޕްޝަނަކީވެސް ހިޔާނާތެވެ. ވައްކަމަކީވެސް ހިޔާނާތެވެ. ދޮގުހަދާ އޮޅުވާލުމަކީވެސް ހިޔާނާތެވެ. ދިވެހިރާއްޖޭގެ ޤާނޫނު އުގޫބާތުގައި ވެސް އެކިވަރުގެ ހިޔާނާތަށް އެކި އަދަބު ވަނީ ކަނޑައެޅިފައެވެ.

ދައުލަތުގެ ހަޒާނާއަށް ވެވޭ ހިޔާނާތަކީ އެއިރެއްގައި ދިރިއުޅެމުންދާ ބައެއްގެ މައްޗަށް ވެވޭ ހިޔާނާތެކެވެ. އެއީ އެފަދަ އަމަލެއް ހިންގި މީހެއް ނުވަތަ ބައެއްގެ އަތުންވެސް އަނބުރާ ހޯދިދާނެ ހިޔާނާތެކެވެ. ބަދަލު ދިނުމާއެކު އަދަބެއް ދިނުމުން ފުދޭ ކަމަށް ޤާނޫނުގެ ހުކޫމަތުން ދޭހަވެއެވެ. ނަމަވެސް ޤައުމެއްގެ މިނިވަން ކަމަށް ވެވޭ ހިޔާނާތަކީ އެއިރެއްގައި ދިރިއުޅޭ ބައެއްގެ މައްޗަށާއި އަންނަން އޮތް މުޅި ޖީލުގެ މައްޗަށް ވެވޭ ގައްދާރުވެރި، އެންމެ ބޮޑު ހިޔާނާތެވެ. އަދި އެފަދަ އަމަލު ހިންގި ބައެއްގެ ކިބައިން އަނބުރާ ހޯދޭނެ އެއްޗެއް ވެސް ނޫނެވެ. އަދި ކިތަންމެ ބޮޑު އަދަބެއް ދިން ކަމުގައި ވީނަމަވެސް އެދެވޭ އަދަބަކުން ހައްގު އަދާނުކުރެވޭނެ ބޮޑު ހިޔާނާތެކެވެ. މިކަމުގެ އެންމެ ބޮޑު ހިތާމައަކީ ޤައުމެއްގެ މިނިވަންކަން ނުވަތަ މިނިވަންކަމުގެ ބައެއްވެސް ގެއްލިއްޖެނަމަ އަނބުރާ ހޯދުމަކީ މުޅި ޤައުމުގެ ހުރިހާ ފަރުދުންގެ ބޮލުގައި އެޅޭ ވަރަށް ބުރަ އަދި ލޭއޮހޮރުވުމަކަށްވެސް ހިނގައިދާނެ ފަދަ ހިތާމަ ހުރި، ނުރައްކާތެރި ކަމަކަށް ވެގެންދާ ދިއުމެވެ.

ވީމާ އެންމެ ފަރުދެއްގެ އިހުމާލުން މުޅި ޤައުމަށް ވެވޭނެ އެންމެ ބޮޑު އަނިޔާވެރި ހިޔާނާތަކީ އެއްވެސް ކަމަކުން އެ ޤައުމެއްގެ ރައްޔިތުންގެ އަތުގައިވާ މިނިވަން ކަމަކަށް ހުރަސްއެޅޭ ނުވަތަ ހުރަސް އެޅިދާނެ ފަދަ އެންމެހާ ކަންކަން ކުރުމެވެ. އެއީ މުޅި ދައުލަތަށް ދެވޭ އަނިޔާއެކެވެ. އެންމެ ބޮޑު ހިޔާނާތެވެ. މިއީ ހަމަ ކޮންމެ ޤައުމެއްގައި ވެސް އެކަށައެޅި ހިފެހެއްޓިފައިވާ ސިޔާދަތެކެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަރުގެ އަދަބު އެކަށައަޅާފައިވާ އެންމެ ބޮޑު ކުށެވެ. މިނިވަން ދިދައެއް ވިހުރޭ އެއްވެސް ޤައުމެއްގެ އެއްވެސް ރައްޔިތެއްގެ ފުށުން ދުވަހަކުވެސް މައާފުދޭނެ ކަމެއްވެސް ނޫނެވެ. ހަމަ އެހެންމެ އެއްވެސް ވެރިއެއްގެ އަތްމައްޗަށް އެ ޤައުމެއްގެ ރައްޔިތުން ދީފައި އޮންނަ ބާރެއް، ހުއްދައެއް ވެސް ނޫނެވެ.

ދުނިޔޭގައި އަބަދުވެސް އިންސާނުންގެ ލޭ އެންމެ ގިނައިން އޮހޮރެމުން ދަނީ ޤައުމުތަކުގެ މިނިވަންކަން ދިފާއުކުރުމަށެވެ. މޮށި އުޅޭ ހުރިހާ ބަހަކުންވެސް ބުނާ ހަރުބަހެއް އޮވެއެވެ. "މިނިވަންކަމުގެ އަގު އިހްސާސްކުރެވޭނީ މިނިވަންކަން ގެއްލުނީމައެވެ." ދުނިޔޭގެ ހުރިހާ އިންސާނުން ނުވަތަ ހުރިހާ ޤައުމަކުންވެސް މިނިވަންކަން ދެމެހެއްޓުމަށް ދީފައިވާ ސަމާލުކަމާއި އަހުމިއްޔަތު މި ޖުމުލައިންވެސް އެނގެއެވެ.

ދިވެހިރާއްޖޭގެ ޤަނޫނު އަސާސީގައިވެސް މިކަން އޮތީ ވަށައިގެންވާ ހުރިހާ އިންތަކާއެކު ހިމާޔަތްކުރެވިފައެވެ. އެހެނީ ހިޔާނާތެއްވުމާއި އެކަމަށް ހިތްވަރު ދިނުމާއި އަދި އެނގިހުރެ އިހުމާލުވެ އެކަމެއް ނާންގާ ހުރުންވެސް އެއީ ކުށެކެވެ.

އަދި ދިވެހި ރާއްޖޭގެ ސިއާސީ ސަރަހައްދުގެ ތެރޭގައި މިނިވަންކަމަށް ބުރުލެއް އަރާފާނެ ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލެއް ހިންގުން ނުވަތަ ހިންގަން އުޅުން އެއީ ކުށެކެވެ. އެފަދަ ރޭވުމެއް ނަވަތަ އަމަލަކާ ދެކޮޅަށް ދައުލަތުން ފިޔަވަޅު އަޅަންޖެހެއެވެ. މިކަންވެސް އެކި ޤައުމު ތަކުގައި ތަފާތު އިބާރާތުން ވެސް އެބަހުއްޓެވެ. އެގޮތުން އެމެރިކާގައި އޮތީ ވަރަށްވެސް ފުޅާކޮށެވެ. އެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައެވެ. އެހެނީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ދުނިޔޭގެ ކޮންމެ ތާކު ހިންގަން އުޅުނަސް އިސްވެ އެމެރިކާއަށް ފިޔަވަޅު އެޅޭ ގޮތަށެވެ. މިނިވަންކަން ދެމެހެއްޓުމުގެ އަގުގައި ވަކި ހުދޫދެއް ނެތޭ ވެސް ބުނެވޭ ފަދައިންނެވެ.

މި ދިވެހިރާއްޖޭގައި މިނިވަންކަން ފެށެނީ އިސްލާމް ދީނުންނެވެ. އެހެނީ ދިވެހީންގެ އަޤީދާ އާއި ދިވެހީންގެ މުޅި ދައުލަތް (ބިމާއި، ކަނޑުފަޅު) ވަނީ ލާވަށާޖެހިފައެވެ. ޤާނޫނު އަސާސީގައި ބުނަނީ ދިވެހީންގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނާ ހިލާފުވާ އެވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވެސް މިޤައުމުގެ މައްޗަށް ނެހެދޭނެ ކަމަށެވެ. އަދި މިޤައުމުގައި އެކިއެކި މަޤާމުތަކާ ހަވާލުވުމަށް ކުރެވޭ ހުވައިގައިވެސް އޮންނަ ތަރުތީބަކީ ފުރަތަމަ އިސްލާމްދީނެވެ. ދެން މި މުޅި ޤައުމާއި ރައްޔިތުންނެވެ. ވަރަށް ސާފު ބަހުން މިކަން ތަފްސީލްކޮށްދީފައިވެއެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓަކުން މަގާމަކަށް މީހަކު އަދި ހޮވުނަސް މަގާމާއި ހައިސިއްޔަތު ލިބެނީ ހުވާކުރުމަށް ފަހުގައެވެ. ވީމާ މިފަދައިން ކިޔާފައި ކުރެވޭ ހުވައެއްގެ މަތީގައި ތިބެފައި އިސްލާމްދީނަށާއި މިޤައުމަށް ކުޑަވެސް ހިޔާނާތެއްވެއްޖެ ނަމަ މަގާމުގެ ހައިސިއްޔަތު އެފަދަ މީހެއްގެ ކިބައިން ގެއްލިގެންދާނެ ކަމީ ޝައްކެއްވެސް ހުރި ކަމެއްނޫނެވެ. ކުރުކޮށް ބުނާނަމަ ހުވައާ ހިލާފުވެއްޖެނަމަ މަޤާމު ގެއްލޭނެއެވެ. އަދި އިސްލާމް ދީން ދޫކޮށްލައިފި ނަމަ ދިވެހި ރައްޔިތުކަން ވެސް ގެއްލެއެވެ.

އެއްވެސް މާނައެއްގައި ޤައުމުގެ މިނިވަން ކަމަށް ބުރުލެއް އަރާފަދަ ބޮޑު ހިޔާނާތެއްވުމުގެ ފުރުސަތު ރައްޔިތުންގެ ފަރާތުން އެއްވެސް ވެރިއެއްގެ އިހްތިޔާރަށް ދޫކޮށްލެވިފައެއް ނުވެއެވެ. މިއީ އަބަދުވެސް ވެރީންގެ ހަނދާނުގައި ހުންނަން ކޮންމެހެން ލާޒިމް މައިގަނޑު އަސާސެކެވެ. އެއްވެސް މީހަކަށް ފަހަނައަޅާ ނުދެވޭނެ ރައްޔިތުން ކަނޑައެޅި ޤައުމުގެ އިމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.