Support Us

ތިނަދޫގައި ކުޅިވަރާއި ކަސްރަތުގެ ކުރީ ސަފަށް އަންހެނުން

މީގެ 30 އަހަރު ކުރީގެ މާޒީގެ ސޮފްހާތައް އުކާލާއިރު ދިވެހި ތާރީޚުން ވެސް ފެންނަން އޮތް ޙަޤީޤަތަކީ ރާއްޖޭގެ ފުޓްބޯޅަައިގައި ގދ. ތިނަދޫ އަކީ ވަރަށް "ގަދަ" ބައެއް ކަމެވެ. ވޮލީބޯޅަ އާއި ބެޑްމިންޓަން ފަދަ ކުޅިވަރުގައި ވެސް ފާހަގަކޮށްލެވޭ ބައެކެވެ. އޭގެ ފަހުން އަހަރުތައް ގުނަމުން އައިސް ދާދި ފަހަކާ ޖެހެންދެން ވެސް ތިނަދޫ އޮތީ އެ ފަޚުރުވެރި މަގާމެއްގައެވެ. ގައުމީ ފެންވަރުގައި ތިނަދޫގެ ކުޅުންތެރިންގެ ނަން އަބަދުވެސް ފާހަގަކޮށްލެވެއެވެ. މި ދެންނެވީ ރަށުގެ ފިރިހެނުންގެ ވާހަކައެވެ. އެ މީހުންގެ ހިތްވަރާއި ހޯދި ކާމިޔާބީގެ ވާހަކައެވެ. ކްލަބްތައް ހަދައިގެން ތަފާތު ކުޅިވަރާއި ރަށުގެ ތަރައްޤީގައި މެދުއުޑުގައި ފިޔަޖަަަަމުން ދިޔަ ވާހަކައެވެ. ނަމަވެސް 2008 އާ ހަމައިން އެ ފޯރިޔަށް ހީނަރުކަން އަންނަން ފެށި ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ބުނެއެވެ.

އަންހެނުންގެ ފުޓުސަލް މުބާރާތަށް ތިނަދޫ އަންހެނުންގެ ޓީމުތައް ފަރިތަކުރަނީ -އަދިވެސް ފޮޓޯ: ނައުފަލް ނަސީމު

ތަހުޒީބީ ކުލަ ޖެހިފައިވާ އެހެން ރަށްރަށް ފަދައިން ތިނަދޫގައި ވެސް ގިނަ ޖަމްޢިއްޔާތަކެއް އޮވެއެވެ. ދަނޑުތައް އިތުރުވި ނަމަވެސް އިސްވެ ދެންނެވި ފޯރި ވަނީ ފަނޑުވެފައެވެ. ނަމަވެސް މިއަދު ތިނަދޫން ފެންނަނީ ތަފާތު މަންޒަރެކެވެ. ތަފާތު ފޯރިއެކެވެ. އެވޭލާ ޒަމާނުގައި ފިރިހެންވެރިން ހޯދި ކާމިޔާބީގެ ސިއްރު ގޮތުގައި ޓީމުތަކަށް ކައްކަން ތިބި އަންހެންވެރިންގެ ދަރިންގެ ރޫޙާއި ފޯރި މުޅި ރަށަށް ވަނީ ފެތުރިފައެވެ. ކުޅިވަރާއި ކަސްރަތުގެ ހުރިހާ ވެއްޓެއްގައި އޮތީ އަންހެންވެރިންގެ ފޯރިއާއި ޖޯޝެވެ.

ތިނަދޫގައި ހިންގާ ހުރިހާ ކަސްރަތު ކްލާހެއްގައި އަންހެނުން ބައިވެރިވަނީ  -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ތިނަދޫގައި ހިންގާ ހުރިހާ ކަސްރަތު ކްލާސްތަކެއްގައި ހުރިހާ ގޮތަކުން ވެސް ހަރަކާތްތެރި ވަނީ އަންހެނުންނެވެ. ހެނދުނާއި ހަވީރުގެ ކަސްރަތުގައި ސްޓޭޑިއަމް ފަޅުފިލުވައިދެނީ އެވެރިންނެވެ. ދުޅަހެޔޮ ސިއްހަތާއި ކަސްރަތީ ހަށިގަނޑެއް އުފެއްދުމަށް ދެ އިރަށް މޫދަށް ދާތަން ފެންނަނީ ވެސް އަންހެންވެރިންނެވެ. މިވަރަކުން ނިމުނީކީ ނޫނެވެ. ބެޑްމިންޓަނާއި ހޭންޑް ބޯލްގެ އިތުރުން މިހާރު އެންމެ ހިނގާ ފުޓްސަލްގައި ވެސް އަންހެން ކުދިން އުޅެނީ ވަރަށް ކުރީގައެވެ.

އަންހެނުންގެ ފުޓުސަލް މުބާރާތަށް ތިނަދޫ އަންހެނުންގެ ޓީމުތައް ފަރިތަކުރަނީ -އަދިވެސް ފޮޓޯ: ނައުފަލް ނަސީމު

ތިނަދޫ ޔޫތު ފުޓްބޯލް ކްލަބުން އިންތިޒާމް ކޮށްގެން އަންނަ ނޮވެމްބަރު 15 ގައި މި ރަށުގައި ފަށާ އަންހެނުންގެ ފުޓްސަލް މުބާރާތުގައި ތިނަދޫގެ ފަސް ޓީމެއް ބައިވެރިވެ ވަރަށް ފޯރިއާއެކު އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. ތިނަދޫ އަންހެނުންގެ ކޮމިޓީ މެއިން ސްޕޮންސަރ ދީގެން ކުރިޔަށް ގެންދަން ތައްޔާރުވަމުން ދާއިރު މުޅި ރަށް އޮތީ ވަރަށް ބޮޑު ހައިރާންކަމެއްގައެވެ. އެއީ ތިނަދޫގައި އަވަށްތަކުގެ މެދުގައި ފިރިހެނުންގެ ފުޓްބޯޅަ ލީގެއް ބާއްވަން ދާދި ފަހުން އިޢުލާން ކުރުމުން އެއްވެސް ތަރުހީބެއް ނުލިބި އެ މުބާރާތް ނުބާއްވަން ނިމުނުތަނާހެން އަންހެން ފުޓްބޯޅަ މުބާރާތް އިޢުލާން ކުރުމުން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުންނެވެ. އެހެންކަމުން މިއަދު މި ފެންނަނީ ކުޅިވަރާއި ކަސްރަތުގައި ފިރިހެނުންގެ ރޫޙު ގެއްލި އެކި އުމުރުގެ އަންހެނުން ކުޅިވަރުގެ އިސް ސަފުގައި ފައިތިލަ ސާބިތުކުރަން މަސައްކަތް ކުރާތަނެވެ.

އަންހެނުންގެ ފުޓުސަލް މުބާރާތަށް ތިނަދޫ އަންހެނުންގެ ޓީމުތައް ފަރިތަކުރަނީ -އަދިވެސް ފޮޓޯ: ނައުފަލް ނަސީމު

ތިނަދޫ މީހުން 1962 ގައި ރަށުން ބޭލި ހާދިސާގެ ވާހަކަ ކިޔައިދިން އިސް ރަށްވެއްސަކު ބުންޏެވެެ. "މީހުން ރަށުން ބޭލުމުގެ ކުރިން ތިނަދޫގައި ދެ ޓެނިސް ކޯޓު އޮވޭ. އަންހެން ކުދިން ވަރަށް ގަދަޔަށް ކުޅޭނެ. އެކަމަކު މިހާރު އެނޫން ހުރިހާ ކުޅިވަރެއް އެމީހުން އެބަ ކުޅޭ ވަރަށް ފޯރީގައި. ފިރިހެނުން މިހާރު ވަރަށް ނެގިމަޑުވެއްޖެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *