އިންސާނުން އަމިއްލައަށް ހަދާ ޤާނޫނާއި ގަވާއިދުތަކަށް ފިސާރި އަވަހަކަށް އުނި އިތުރު ބޭނުންވެ އެވެ. އަދި އެއީ ބާތިލު ވެދާވެސް އެއްޗެކެވެ. ބައެއް ގައުމުތަކުގައި ހަމަ އިއްޔެއާ ޖެހެންދެން ވެސް ނޭފަތާއި އަނގަ ނިވާކޮށްގެން އުޅުމަކީ ގޯސްކަމެއް، ނުރައްކާތެރިކަމެއް، އަދި މަނާ ކަމެއްގެ އިތުރުން އަދަބު ކަނޑައެޅިފައިވާ ބޮޑު ކުށެއް ވެސް މެއެވެ. ނަމަވެސް ހަމަ ކުއްލިއަކަށް މޫނު ނިވާކުރުމަކީ ކޮންމެހެން ކުރަން ލާޒިމު ކަމަކަށް ބަދަލުވެއްޖެ އެވެ. ކޮވިޑް 19 ގެ ނަމުގައި ފެތުރެން ފެށި ބަލިމަޑުކަމެއްގެ ސަބަބުންނެވެ. އެކަމާ ހެދި މުޅި ދުނިޔެ ސިއްސުވާލައިފި އެވެ.
ނޭފަތާއި އަނގަމަތި ނިވާ ކުރުމުގެ އިތުރުން އަތަށް އަންގި ލައްވައި، ވަރަށް ރައްކާތެރިކަމާއެކު ނިވާވެ ހުރުން ލާޒިމުވާ ފަދަ ހާލަތެއް އައިސް ދުނިޔެ ވަށާލައިފި އެވެ. ޓީވީތަކާއި ފޯނުތައް މެދުވެރިކޮށް ބިރުވެރި ފޮޓޯތަކާއި ޚަބަރުތަކާއި މަންޒަރުތައް ކެނޑިނޭޅި ފެނި، އިވި މުޅި ދުނިޔެ ނާމާންވެއްޖެ ކަހަލަ އެވެ. އިންސާނުންނަށް އެންމެ ރަނގަޅު، ރައްކާތެރި ގޮތްތަކަކީ ކޮބައިތޯ ބެލުމަށް އިލްމީ މާހިރުންނާއި ފަންނުވެރިން އަލުންބަލުން ދިރާސާކުރަން ފަށައިފި އެވެ. ދުވާލަކު ގޮތެއް ތަފާތު އެކި ދިމަދިމާލުން ކިޔާ ނަގަނީ އެވެ. ކަންކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އޮޅި ވާވަދެއްޖެ އެވެ. އަޑުއަހައި އަމަލުކުރަން ތިބި މީހުން ވަރުބަލިވެ ފޫހިވެސް ވާން ފަށައިފިއެވެ. އެންމެ ދެތިން މަސް ދުވަހުގެ ތެރޭގައި ކިޔަން ފެށި އެއްޗެހި ގިނަވެ، ދިގު މާޒީއެއްގެ ތެރެއަށް ހިނގައްޖެ ކަހަލަ އެވެ. ގިނަ ވާހަކަތައް މިހާރު ހަނދާން ވެސް ނެތިއްޖެ އެވެ. ހާލަތާ ގުޅުން ހުރި މިފަދަ ބައިބައި ކީރިތި ޤުރުއާނާއި ދީނީ ފޮތްތަކުން ނަގާ އަލުން ލިޔަން ފެށި އެވެ. ރީތިހާ ފޮންޓްތަކުން ލިޔެ ސޯޝަލް މީޑިއާގަ އާއި ޓީވީތަކުން އާންމު ކުރުން ވެސް ދިޔައީ ގިނަވަމުންނެވެ.

އިންސާނުންނަށް އެންމެ ރަނގަޅު ގޮތްތައް ލިޔެވިފައިވާ މެނުއަލްއެއް (ފޮތެއް) ކޮންމެހެން ބޭނުންވާ ކަމަށް ދެކޭ މީހުން އިތުރުވާން ވެސް ފަށައިފި އެވެ. އެންމެ ހައިރާން ވަނީ އިންސާނިއްޔަތަށް މިހާ ބޮޑު މުސީބާތެއް އައުމަށް މިފަހަރު މެދުވެރިވީ ލޮލަށް ވެސް ނުފެންނަވަރުގެ ކުޑަކުޑަ ޖަރާސީމެކެވެ. ކޮވިޑް 19 ކިޔަސް، ކޮރޯނާ ވައިރަސް ކިޔަސް އެއްގޮތަކަށް ވެސް އެނގި ސާފުނުވީ މި ޖަރާސީމުގެ މައިތިރިއެކެވެ. ދުނިޔެއިން މިހާތަނަށް ފަސްލައްކަ އަށްވުރެ ގިނަ މީހުންގެ ފުރާނަ އޭގެ ސަބަބުން ގެއްލި ދިޔަ މި ޖަރާސީމު އެއްކޮށްލުމުން 1 ގްރާމް ބަރުދަން ވެސް ހަމަނުވެ އެވެ. ހައިރާނެއް ނުވޭ ހެއްޔެވެ؟ މިހާތަނަށް ހޯދިފައިވާ އެންމެ ބާރުގަދަ ހޯދުން ކަމަށްވާ ނިއުކްލިއާގެ 1 ގްރާމަށްވުރެ ވެސް ކޮވިޑް 19 ބާރުގަދައީތާ އެވެ.
ކިރިޔާ ވެސް ސަލާމަތެއް އޮތީ އަނގަޔާއި މޫނު ނިވާކޮށްގެންނެވެ. ފޭސް މާސްކް އެޅުމާއެކު ވެސް ގިނަގިނައިން އަތްފައި ދޮވެ ސާފުތާހިރު ވެގެން އެކަންޏެވެ. މީގެ ކުރިން މަނާވި އަދި ނުރައްކާވި މޫނު ނިވާކުރުން ކުއްލިއަކަށް ބަދަލުވެ އެއީ އެންމެ ރައްކާތެރި ގޮތް ކަމުގައި ހަމަޖެހިގެން ދިޔަ އެވެ. އޭރު ނިވާކުރުން އެއީ ކުށެކެވެ. މިހާރު ނިވާނުކުރުން ކުށަކަށް ވަނީ އެވެ. އޭރު މޫނު ނިވާކޮށްގެން ހުންނަ މީހާ ދެކެ މީހުން ބިރުގަތެވެ. މިހާރު މޫނު ނިވާނުކޮށް ހުންނަ މީހާ ދެކެ އެންމެން ވެސް ބިރުގަނެ އެވެ. އަދި އެފަދަ ގޮތަކަށް ހުންނަ މީހާ ބަލައިނުގަންނަން ވެސް ފެށެނީއެވެ.
އެންމެ ކުޑަވެގެން ހަތަރު ލައްކައެއްހާ އާބާދީ އޮތް މި ރާއްޖެއަށް އެކިއެކި ސަރުކާރުތަކުންނާއި އެހެނިހެން ހެޔޮއެދޭ ފަރާތްތަކުން ދެ މިލިއަނަށްވުރެ ގިނަ ފޭސްމާސްކް ހަދިޔާކޮށް އަދި އެ އަޅައިގެން ތިބުމަށް ހަރުއަޑުން ގޮވަންވެސް ފެށީ އެވެ.
