ގޫގުލް އިން ވާވޭ އަށް އެހީ ނުވިއެއް ކަމަކު ހެވެެވެ. އަސްލުގައި ހެވެއް ނޫނެވެ. އެކަމަކު، ގޫގުލް އަށް އަށް ވެސް މި ނޫން ގޮތެއް ނެތެވެ. ވާވޭ އަށް އެހީތެރިވުމަކީ ގޫގުލް އަށް ކިތަންމެ ގިނަ ފައިސާ ލިބޭ ކަމެއް ނަމަވެސް، ވާވޭ އާ އެކު ވިޔަފާރިކުރުމަކީ – އެމެރިކާ ކުންފުނިތަކަށް މަނާކަމެކެވެ.
ވާވޭ ސްމާޓްފޯންތައް ހިންގަނީ އެންޑްރޮއިޑް އިން ނެވެ. އެންޑްރޮއިޑްގެ ފުރިހަމަ އަދަދު ވާވޭ އަށް ދިނުމަކީ މި ވަގުތު ގޫގުލް އަށް ކުރެވެން ނެތް ކަމެކެވެ. ގޫގުލްގެ އެހެން ބައެއް އެޕްލިކޭޝަންތައް – ޕްލޭ ސްޓޯރު، ޔޫޓިއުބް، ޖީމެއިލް އަދި މެޕްސް ފަދަ އެޕްލިކޭޝަންތައް ވެސް ވާވޭ ފޯނުތަކުގައި ބޭނުންކުރުން މަނަލެވެ.
ގޫގުލް އިން ކުރިން ލިބުނު އެޕްލިކޭޝަންތައް ނެތްތަން ފޫބެއްދުމަށް ވާވޭ އިން ބުރަ މަސައްކަތްތަކެއް ކުރާތީ އެބަ ފެނެވެ. ޕްލޭ ސްޓޯރުގެ ބަދަލުގައި – "ވާވޭ އެޕް ގެލަރީ" އެވެ. ގޫގުލް މެޕްސްގެ ބަދަލުގައި، ޕެޓަލް މެޕްސް އެވެ. ޕެޓަލް ސާޗް އަދި ޑޮކްސް އަކީ ވެސް، ވާވޭ ސްމާޓްފޯނުތައް ދެމެހެއްޓުމަށްޓަކައި، ވާވޭ އިން ކުރާ ހިތްވަރެވެ.
ވާވޭ ސްމާޓްފޯނުތަކަށް ޕެޓަލް މެޕްސް ލިބެން ފެށުމުން، ސަޕޯޓަރުންގެ ހިތްވަރު އާވާނެ އެވެ. ގޫގުލް ސާޗް އަށް ވުރެ ޕެޓަލް ސާޗް އުނި ނަމަވެސް، ވާވޭ އިން ހަމަ ފަށައިގަތީކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ގޫގުލް ޑޮކިޔުމަންޓްސްގެ ބަދަލުގައި ވާވޭ ފޯނުތަކަށް ޑޮކިޔުމަންޓްސް ގެނެސްފައި ވަނީ، ޑޮކްސް، ޕްރެޒެންޓޭޝަން، ޕީޑީއެފް އަދި ސްޕްރެޑްޝީޓް ހިމަނައިގެންނެވެ.
އެމެރިކާ އިން ވާވޭ އަށް ދަތިކުރަން ކުރާ މަސައްކަތްތަކުން މި ފެންނަނީ ވާވޭ ކޮޅުން ކުރިފަޅާ ތަނެވެ. ވާވޭ ފޯނުތައް ފެނަށް ދިރި، އަލުން ގަދަވާ މަންޒަރެވެ.