ކަލޭ ރުޅި ނާންނަ މަތިން ކަލޭ ގާތު ވާހަކައެއް އަހައިލަން ހެއްޔެވެ؟ ކަލޭ ތިކިޔަނީ ކޮން ޓީޗަރސް ޑޭ އެއް ހެއްޔެވެ؟ ކަލޭގެ ދަރިފުޅަށް އެ މުދައްރިސުން ކިޔަވައިދޭން އެކުރާ ބުރަމަސައްކަތާއި އެކުރާ ހޭދަ ނޭނގޭ މީހަކު މިއަދު ތިއުޅެގެން ގޮތަކުން މަ ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. "ހެޕީ ޓީޗަރސް ޑޭ" ޖަހައިފައި އެފްބީއަށް ޕޯސްޓެއް ތިޔަ ވައްޓައިލީ އެމީހުންގެ އަގުވަޒަންކުރާކަން ދައްކަންދޯއެވެ؟
ކޮއްކޯއެވެ. ޕީ.ޓީ.އޭގައި އުޅޭ ބެލެނިވެރިންކޮޅެއް އިސްކޫލަށް ވަދެ ފާރެއްގައި ދަމައިލާ ބެނަރގަނޑަކުން، ފަޅައިލާ ކޭކަކުން، ދިއްކޮށްލާ ކާޑަކުން، ޖަހައިލާ ޕޯސްޓަކުން އެ މީހުންގެ އެ އިޚްލާސްތެރި ޚިދުމަތަށް ބަދަލެއް ނުދެވޭނެއެވެ. މަ މިހެން ބުނީމާ ކަލޭ ބުނަން އޮންނާނީ ކިޔަވައިދިނުމަކީ އެ މީހުންގެ ވަޒީފާއެވެ. އެ މީހުންނަށް އިސްކޫލުން މުސާރަދޭނެއެވެ. ދެން އަދި އަހަރުމެން އެ މީހުންނަށް އެއްޗެހިތަކެއް ދޭންޖެހޭ ހެއްޔެވެ؟ އެކުވެރިޔާއެވެ. ކަލޭމެންގެ އަތުން ބައިވަރުތަކެއް ނުލިބިގެނެއް އެ މީހުންނެއް ނޫޅެއެވެ. އެ މީހުން ބޭނުންވެގެން އުޅެނީ ހަމަ އެންމެ އެއްޗެކެވެ. އެއީ ކަލޭމެންގެ ދަރީންނަށް ޓަކައި އެ މީހުން އެވާ ޤުރުބާނީގެ އަގެވެ. އެކަމަކު އެއަގު ވަޒަންކުރަނީ މި ޤައުމުގައި ކާކުހެއްޔެވެ؟ އެއީ ކަލެއާއި މަށާވެސް ހިމެނޭ ގޮތުންނެވެ.
މި ރާއްޖޭގައި އެންމެ ގިނަ މުދައްރިސުން ކިޔަވައިދޭން އުޅޭނީ މާލޭ ސިޓީގައި ދޯއެވެ. މާލޭގައި ކިޔަވައިދޭން މިއުޅޭ ގިނަ މުދައްރިސުންނަކީ ބޮޑު އަގު ދީފައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުންނެވެ. ލިބޭ މުސާރައާއި ކުރަންޖެހޭ ޚަރަދާ ނުބައްދަލެވެ. މާލޭގައި ކިޔަވައިދޭ ބިދޭސީ ގިނަ މުދައްރިސުން ފާޚާނާއާއި ބަދިގެއާއި ސިޓިންގ ރޫމާއި ބެޑްރޫމަކީ ދިހަފޫޓު ދިހަފޫޓުގެ ކޮޓަރިގަނޑެކެވެ. އަތޮޅު ތެރޭ އިސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ވޭންވަރުވެސް ވަކި ކުޑައެއްނޫނެވެ. ޢިލްމީ މީހުން ނެތުމުގެ މައްސަލަވެސް އެހާމެ ބޮޑެވެ. އެކަކު ހަތަރުފަސް މާއްދާ ވެސް ކިޔަވައިދޭން ޖެހެއެވެ. ލޯބިވާ އާއިލާއާއި އުފަންރަށް ދޫކޮށްލައިފައި ބީރައްޓެހި ރަށްރަށަށް ގޮސް ކިޔަވައިދިނުމުގެ މަސައްކަތްކުރާ ވެސް ކިތަންމެ ކިތަންމެ މުދައްރިސުންނެއް އެބަތިއްބެވެ.
އެކުވެރިޔާއެވެ. މުދައްރިސްމީހާގެ ދުވަހުގެ ޝެޑިއުލް ކަލެއަށް އެނގޭހެއްޔެވެ؟ އޭނާ ހޭލާގަޑި ކަލެއަށް އެނގޭ ހެއްޔެވެ؟ ނިދާގަޑި ކަލޭ ދެނަހުރިން ހެއްޔެވެ؟ ނޭނގެންޏާ އަޑުއަހާށެވެ. ގިނަ މުދައްރިސުންނަށް އެނދު ފެންނާނީ ރޭގަނޑު އެއްދަން ހުސްވާފަހުންނެވެ. ހޭލާނީ ފަޖުރު ކޮނޑުއަޅައިގެންނެވެ. ބޮޑުފަތިހާ ކޮޅަށް އެ ތެދުވާ މީހާ ތަނެއްގައި އެންމެ ގިނައިރު ވެސް ފޫޖައްސައިލައިގެން އިނދެވުނިއްޔާ އިނދެވިފައި އޮންނާނީ ފަހު އައްތަހިއްޔާތުގައި އެއިންނަ ވަގުތުކޮޅު އެކަނި ތޯއްޗެކެވެ. ކަލެއަށް ތިޔަ ފެންނަނީ އެވެރިން އިސްކޫލަށް ވަދެ ނުކުންނަ މަންޒަރު އެކަންޏެވެ. ދުވާލު ހަތަރުދަމު ސްކޫލްގައި ތެޅިތެޅިފައި އައިސް ތަނެއްގައި ބުރަކަށި ދަމާލަންވެސް ނޯވެ ދަރިވަރުންގެ ފޮތްތައް މާކު ކުރުމުގައްޔާއި އަނެއް ދުވަހަށް ލެސަން ޕްލޭން ހަދާ ތައްޔާރުވުމަށްޓަކައި އިންޓަނެޓް އެއްފުށުން އަނެއްފުށަށް ޖެހުމުގައި ދަންވަރު ދޭއްތިނެއް ޖަހަންދެން ވެސް އިނދެފާނެއެވެ. ކޮންމެ ދުވަހަކު ސެޝަން ނިންމައިލުމަށް ފަހު ހުރިހައި ޓީޗަރުންނާއެކު ކޯޑިނޭޝަންގައި އެވޭތުކުރާ ވަގުތާއި ކެޑޭޓާއި ބޭންޑާއި އިސްކައުޓާއި، އިންޓަރ ސްކޫލް މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމާއި އިސްކޫލުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތަކަށް ކުދިން ތައްޔާރުކުރުމަކީ ވެސް އެމީހުން ކުރާ މަސައްކަތެކެވެ. ތިމާގެ އުފަން ދަރިފުޅުގެ ބޮލަށް ފެންދާންޏެއް ނޭޅިގެން އެ ދަރިފުޅަށް ކާއެތިކޮޅު ނުދެވިގެން ބެލެނިވެރިޔަކު ޝަކުވާއާއިގެން އައިސް މުދައްރިސް މީހާ ހައެކަށް ނުޖަހާނެކަން އޭނައަށް އެނގޭނެއެވެ. އެ ސަބަބަށްޓަކައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބަހައްޓާފައި ސްކޫލްގައި އަބަދުހެން އެމީހުން އެ އުޅެނީ ގެއަށްދާ ހިތްނުވާތީކީ ނޫނެވެ.
ދެން ކަލޭ ތިޔަބުނަނީ ހުސްވި އަހަރު ފާޑެއްގެ ގިފްޓް ޕެކެއް މުދައްރިސް މީހާއަށް ދިންވާހަކައެވެ. ކޮއްކޯއެވެ! އޭނާ ތި ގިފްޓް ޕެކް ނުލިބިގެން ނޫޅެއެވެ. އެމީހުން ދަރިވަރުންނަށް ކުރާ ޚަރަދު ދެނަހުރިން ހެއްޔެވެ؟ ލެސަންޕްލޭންތައް ހަދާށާއި ޚާއްޞަ ދުވަސްދުވަހު ކުދިންނަށް ތިދޭ ހަދިޔާ ގަންނަން ވެސް އެ މުދައްރިސުންގެ ޖީބުން ޚަރަދުކުރާކަން މަ ދެނަހުރީމެވެ. ޚަރަދުގެ ވާހަކަ ބާއްވާށެވެ. ބެލެނިވެރިން ވެސް ޚަރަދު ކުރެއެވެ. އަސްލު މައްސަލައަކީ އެއެއްވެސް ނޫނެވެ. މުދައްރިސުންގެ އަގު ވަޒަންނުކުރުމެވެ. އެމީހުންކުރާ މަސައްކަތާ ބަލާފައި އެމީހުންގެ މުސާރަ މާބޮޑުތަން ވެސް ކުޑަދޯއެވެ.
މަ މި ވާހަކަ ދެއްކީމާ ކަލޭ ބުނާނެއެވެ. މުދައްރިސުންގެ މުސާރަ ބޮޑުކުރަން ޕާޓީތެރެއިންވެސް އެންމެ ބޮޑަށް މަސައްކަތް ކުރި މީހަކަށް މަވާނެއެވެ. ރަނގަޅެވެ. އިންތިޚާބު ދުވަސްވަރު ޕޯޑިއަމަށް އަރާހުރެގެން މުދައްރިސުންގެ މުސާރަކުޑައޭ ގޮވައި ކަލޭ ކަރުން ހަމެއް ދުއްވައިލިއެވެ. އެކަމަކު ވީ ކޮންކަމެއްހެއްޔެވެ؟ ކޮއްކޯއެވެ! އެއީކީ މި ޤައުމުގައި މިހާރަކު އާކަމެއްނޫނެވެ. ކޮންމެ ވޯޓަކާއެކު މުދައްރިސުންގެ މުސާރަބޮޑުކުރާ ވާހަކަދައްކާނެއެވެ. އެދުވަސްވަރު މުދައްރިސްމީހާ އައިގެން ސިޔާސީ މީހާ ހީވާނީ ލޯބިން މަރުވެދާނެހެންނެވެ. ކަންނިމުމާއެކު މުދައްރިސުންގެ މަތިން ހަނދާނެއް ނުހުންނާނެއެވެ. އެކުވެރިޔާއެވެ. ފިންލޭންޑް ކިޔާ ޤައުމެއް ކަލޭ ދަންނަންހެއްޔެވެ؟ އޮސްޓްރޭލިޔާ ކަލެއަށް އެނގޭހެއްޔެވެ؟ އެޤައުމުތަކުގައި މަޖިލީހުގެ މެންބަރުންގެ މުސާރައާއި މުދައްރިސުންގެ މުސާރައާ މާބޮޑު ތަފާތެއް ނެތްކަން ކަލޭ ދެނަހުރިން ހެއްޔެވެ؟ މަ މިހެންބުނީމާ ކަލޭ ބުނާނީ މުދައްރިސުންނަކީ ހާދަގިނަ ބައެކެވެ. އެމީހުންގެ މުސާރަ ބޮޑުކުރުމަކީ ދައުލަތަށް ވަރަށްބޮޑު ބުރައެކެވެ. މޮޔަޔާއެވެ. ދައުލަތް ދައުލަތެއްގެ ގޮތުގައި މި ދަމަހައްޓަނީ އެމީހުން ވެސް ހާދަބުރައެއް އުފުލައިގެން، ހާދަ ބަޔަކު ބިނާކޮށްގެންނެވެ. ދެން އިރުއިރުކޮޅުން ކަލޭމެން ތިގޮވަނީ ގާބިލު މުދައްރިސުން މަދުވާހަކައާއި ކުދިންގެ ފެންވަރު ދަށަށްދާ ވާހަކެއެވެ. މޮޅުމީހާ ކިޔަވައިދޭން ނުނުކުންނަނީ މުސާރަ ކުޑަވީމައެވެ. ގިނަ މުދައްރިސުންނަށް ދިހަ ހާސް ރުފިޔާ ގެއަށް ގެންދާކަށް ނުލިބޭނެއެވެ. މާސްޓަރސް ހަދައިގެން ކިޔަވައިދޭން އިސްކޫލަށް ވަދެ ހުންނަ މީހާއަށް މިއުޅެނީ ސޯޅަ ހާސްރުފިޔާ ނުލިބިގެންނެވެ.
ރަނގަޅެވެ. ކަލެއަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށް ނުދެވިދާނެއެވެ. އެކަމަކު ދަރިފުޅުކައިރިއަށް ލައިގެން ކަލެއާއި ކަލޭގެ އަންހެނުން މުދައްރިސުން ބަދުނާމުކޮށްފައި ތިޔަދައްކާ ވާހަކަ ނުދައްކާ ހުރެވިދާނެދޯއެވެ. ދަރިފުޅުކައިރީގައި ބަހައްޓައިގެން މުދައްރިސްމީހާއާ ދިމާލަށް އެއްޗެހިގޮވާ އިންޒާރުނުދީ އުޅެވިދާނެ ދޯއެވެ. އޭރުން ހަމަގައިމުވެސް ދަރިފުޅު އެމީހުންނަށް ޤަދަރުކުރާނެ ދޯއެވެ. އެމީހުން ބޭނުންވެގެން އުޅެނީ އެ ޤަދަރާއި އެ ލޯތްބެވެ. އެ މީހުންގެ އެ އިޚްލާސްތެރި މަސައްކަތުގެ އަގެވެ. އެ މީހުންނަށް ޤައުމުގައި ބަޠަލުންގެ ދަރަޖަ ދެވެންޖެހެއެވެ. އެކަން ނުކުރެވެންޏާ "ކޮން ހެޕީ ޓީޗަރސް ޑޭ" އެއް ހެއްޔެވެ؟

8 Responses
varah ragalhu articke eh
????
ޝުކުރިއްޔާ ތަޖޫ… ތިވަރު ފުދޭ… ތިކަހަލަ ހެޔޮ ބަސްކޮޅެއްވެސް ގިނަފަހަރު ނުލިބޭ
Sarukaaruge ihumaalu v bodu
Varah rangalhu vaahaka eh. Musaara bodu nukurevunas, hadhiyaa nudhevunas mudharrisunnan ihuthuraam kuran dharinnah dhaskohdhee thimaa meehaaves ihuthiraam kurumakee mudharissunnah dheveyne enme bodu hadhiyaaa
100
100
Shukuriyya