ނަގާ ހަތިޔާރުތައް އުކުޅަށް ލިޔަސް ފަރުވާވެގެން ހުއްޓާ
ލަގާއެއް ހަމަހިލާ ނުދެވޭނެޔޭ މަންޒަރު ބަލަން ހުއްޓާ
އަމާޒަށް ދުނި އުކާ އިރުގައި ސަމާލުވެގެން ހުރީ ވިއްޔާ
ދަމާ ވާންކޮށް ރުވާލިޔަކަސް އަމާޒުން ދާނެޔޭ ނައްޓާ
ނަގާ ކަނޑި އަބުރަމުން ތިޔަހެން އަޔަސް ބަލަ ޖެހިލުމެއް ނުވެޔޭ
މުގާބިލުގައި ހުރީ ކެރިގެން ނިކުންނަން ހަމަލައަށް ފައްޓާ
ނިފާގުގެ ރޫހުގައި ނުކުތަސް ހިފާ އޮޅުލަން ދިމާ ކުރިޔަސް
ދިފާއަށް ފޫ ގަޅައި ހުރެގެން މަ ލާނަމެ އަނގަ ވަތަށް ވައްޓާ
ގަޔަށް އަތްލައި ނޮޅާ އިރުގައި މެޔަށް ޚަންޖަރު ޖަހާ އިރުގައި
ލެޔަށް ރަޙުމެއް ނުވާ އިރުގައި، ފެޔަށް ނުޖެހޭނެ ހޭ ހުއްޓާ
ކިލާކޮށް ވިސްނުމާ ފިކުރާ ފިލާ ތިބެގެން ހަދާ މަކަރާ
ހިލާ ތިޔަ މަގުޞަދެއް ހާސިލް ނުވާނޭ ގައިމެ ދިރި ހުއްޓާ
ފުރާނަ ހަށީ ހުރީ ވިއްޔާ ތުރާލާ އުނދަގުލާ އެކުވެސް
ކުރާނަން ޢަޒުމުގައި ހިތްވަރު ވަކިވެ ދަންދެން މަހާ ކައްޓާ