Support Us

އިންޑިއާގެ ކޮކްރޯޗް ޖަންތާ ޕާޓީ ހަރަކާތަށް ތާއީދުކުރާ މީހުން މި ދިޔަ މަހު 16 ގައި ވެރިރަށް ނިއު ދިއްލީގައި ބޭއްވި މުޒާހަރާއެއްގައި

ބަދަލަކަށް އެދި ޒުވާނުން- އޭޝިޔާގައި ގުގުމަން ފެށި ޖެން ޒީގެ އަޑު

ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާތަކުގެ އާ ރާޅެއް އޭޝިއާގެ ގައުމުތަކުގައި ދަނީ ފެތުރެމުންނެވެ. ޒުވާނުން ދަނީ ކޮރަޕްޝަނާއި ވަޒީފާ ނެތުމާއި ތައުލީމީ ފުރުސަތުތަކުގެ ނުހަމަކަމާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އަދި ސިޔާސީ ކަންކަމުގައި ޒުވާނުންގެ ތަމްސީލުވުން މަދުވުމާ ދެކޮޅަށް ސަރުކާރުތަކަށް ގޮންޖަހަމުންނެވެ.

މި މުޒާހަރާތައްވަނީ ތައިލެންޑް، އިންޑިއާ، ބަނގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފެތުރިފައެވެ. ކޮންމެ ގައުމަކަށް ތަފާތު މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް މުޒާހަރާކުރާ ޒުވާނުންގެ މެދުގައިވަނީ އެއްގޮތް މާޔޫސްކަމެކެވެ. އެއީ، އެ މީހުންގެ ކުރިމަގު ބައްޓަންކުރާ ނިންމުންތަކުން އެ މީހުން ބާކީކޮށްލައިފައިވައިކަމުގެ އިހުސާސް އެ މީހުންނަށްކުރެވުމެވެ.

ތައިލެންޑްގައި ދަރިވަރުންނާއި ޒުވާން އެކްޓިވިސްޓުންވަނީ އިއްޔެ ވެރިރަށް ބެންކޮކްގެ ޑިމޮކްރެސީ މޮނިއުމަންޓް ކައިރިއަށް އެއްވެފައެވެ. އެ މީހުން އެދުނީ ތައުލީމީ އިސްލާހުތަކަށާއި ސިޔާސަތުތައް އެކުލަވައިލުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. ޒުވާނުންގެ އޮންލައިން ސަގާފަތާ އެއްގޮތަށް ބުޅާ ކަންފަތް ބައްޓަމުގެ ބޭންޑު ބޮލުގައި އަޅައި، ބޮޑުވަޒީރު އަނުތިން ޗާންވީރަކުލަށް މަލާމާތްކުރާ ކާޑުތައް މުޒާހިރީން ހިފައިގެން ތިއްބެވެ. އަދި ދަރިވަރުންގެ ޖަމާއަތްތަކުންވަނީ ތައުލީމު ހޯދުމުގައި ހަމަހަމަކަން ލިބުމަށާއި ސްކޫލްތަކުގައި އިތުރު މިނިވަންކަން ލިބުމަށާއި ފާޑުކިޔުމުގެ ފިކުރަށް ހިތްވަރު ދޭ ތައުލީމީ ނިޒާމަކަށް ގޮވައިލައިފައެވެ.

"އަހަރެމެން ބޭނުންވަނީ ހަމައެކަނި މިހާރު އޮތް ނިޒާމުގެ ތެރޭގައި ވާދަކޮށް، ދިރިއުޅެން ދަސްކޮށް ދޭ ތައުލީމެއް ނޫން. އަހަރެމެން ބޭނުންވަނީ އަހަރެމެންނަށް ނިކަމެތިކަން ދޭ އިޖުތިމާއީ އޮނިގަނޑުތަކަށް ފާޑުކިޔައި، ސުވާލުކޮށް، އެންމެން ގުޅިގެން އެ ކަންކަން ބަދަލުކުރުމުގެ ފުރުސަތު ދޭ ތައުލީމެއް،" ތައިލެންޑްގެ ޒުވާން ދަރިވަރުން ހިމެނޭ އެކްޓިވިސްޓް ވިއުގަ ސްޓޫޑެމް ނެޓްވޯކުން ބުންޏެވެ.

މުޒާހިރީއެއްކަމަށްވާ ތީރަޕަޓްވަނީ މިއީ ސިޔާސީ ޕާޓީތަކުން އިންތިޒާމުކުރި މުޒާހަރާއެއްކަމަށްކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

"އަހަރެމެންނަކީ ސިޔާސީ ޕާޓީތަކުގެ އަޅުންނެއް ނޫން. ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނަށް ހިދުމަތްކުރަން ޖެހޭ ބައެއް،" އޭނާ ބުންޏެވެ.

އިންޑިއާގައި ކޮކްރޯޗް ޖަންތާ ޕާޓީ ހަރަކާތުންވަނީ އިމްތިހާނު ކަރުދާސްތައް ލީކުވުމާއި ވަޒީފާ ނެތުމާއި ފުރުސަތުތައް ހަނިވުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ނުރުހުން އެއް އަމާޒަކަށް ގެނެސްފައެވެ. އެ ހަރަކާތް ފެށީ އިންޓަނެޓް ސަމާސާއެއްގެ ގޮތުގައެވެ. އެއީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ވަޒީފާ ނެތް ބައެއް ޒުވާނުން ކުރަތްޕާ އެއްގޮތްކުރެއްވުމާ ގުޅިގެންނެވެ. ފަހުން މި ހަރަކާތް ތައުލީމީ އިސްލާހުތަކަށާއި ސަރުކާރު ޖަވާބުދާރީކުރުވުމަށް ހިންގާ ހަރަކާތަކަށް ބަދަލުވިއެވެ.

ނޭޕާލްގައި ޖެން ޒީގެ މުޒާހަރާތައް މި ދިޔަ އަހަރު ސެޕްޓެމްބަރުގައި ފެށީ ސަރުކާރުން 26 ސޯޝަލް މީޑިއާ މަންސަ މަނާކުރުމާ ގުޅިގެންނެވެ. ކޮރަޕްޝަނާއި ނުފޫޒު ގަދަ މަގާމުތަކުގައި ތިބޭ މީހުން އާއިލީ އަދި ގާތް މީހުންނަށް ވަޒީފާ ދިނުމާއި އަދި ވަޒީފާ ނެތުމުގެ ސަބަބުން އުފެދުނު ނުރުހުންވަނީ މުޒާހަރާތަކަށް އިތުރު ބާރެއް ލިބިދީފައެވެ. މި މުޒާހަރާތަކުގެ ސަބަބުން ސަރުކާރު ވެއްޓި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުޝީލާ ކާރްކީ އިންތިގާލީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް މުޒާހަރާތައް ރޫޅައިލުމަށް ދިން ހަމަލާތަކުގައި 76 މީހުން މަރުވެ 2,300 އަށްވުރެ ގިނަ މީހުން ޒަހަމްވި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ނުކުރެވޭތީ އެކްޓިވިސްޓުން އަދިވެސް ތިބީ މާޔޫސްވެފައެވެ. އެއީ މި ދިޔަ މާޗްގެ އިންތިހާބަށްފަހު ބަލެންދްރަ ޝާހް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތަސްމެއެވެ.

އިންޑޮނޭޝިއާގައި ޒުވާން މުޒާހިރީންވަނީ ކޮރަޕްޝަނާއި އިގްތިސާދީ ނުހަމަކަމާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ދެކޮޅަށް އަޑުއުފުލައިފައެވެ. މި މަހު 10 ގައި ބޭއްވި މުޒާހަރާތަކުގައި ރައީސް ޕްރަބޯވޯ ސުބިއަންތޯ އިސްތިއުފާ ދެއްވުމަށްވެސްވަނީ އެދިފައެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ޒުވާން އެކްޓިވިސްޓުންނަށް މުޒާހަރާތައް އިންތިޒާމުކުރުމަށާއި އެ މީހުންގެ އެދުންތައް ފެތުރުމަށް އެހީތެރިވެދިނެވެ. ނަމަވެސް ސަރުކާރުތައް ވައްޓައިލުމަކީ ދާއިމީ ބަދަލެއް ލިބޭނެކަމުގެ ކަށަވަރުކަމެއް ނޫނެވެ.

ތީރަޕަޓް ބުނީ ތައިލެންޑްގެ ޒުވާނުންގެ ހަރަކާތަށް އާންމުންގެ ފުޅާ އެއްބާރުލުން ބޭނުންވާކަމަށެވެ.

"ބެންކޮކަކީ މުޅި ތައިލެންޑެއް ނޫން. އަހަރެމެންނަކީ މި ގައުމުގެ މިހާރު. އަދި އެންމެން އެކުވެގެން އަހަރެމެން އެހީތެރިވާނީ ގައުމުގެ ކުރިމަގު ބައްޓަންކުރަން،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *