މި އަހަރުގެ "ހެލްތު އެކްސްޕޯ"ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބައިވެރިވެ، އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތަށް ހާއްސަކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފެށި ތިން ދުވަހުގެ "ހެލްތު އެކްސްޕޯ"ގައި އެޗް.ޑީ.ސީގެ ސްޓޯލުގައި، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެއެވެ.
"އެޗްޑީސީގެ ސްޓޯލުން އެންމެ ޚާއްސަ އިސްކަމެއްދޭނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށެވެ. އަދި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގަން ހަމަޖެހިފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމަށެވެ. މި ޕްރޮގްރާމްގެ އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރަން ހިތްވަރުދިނުމެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.
"މިއަދު ހަވީރު 5:00 ގައި ފެށި މި އެކްސްޕޯގެ ތެރެއިން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ރަޖިސްޓްރީވެވޭނެއެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ."
"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 16 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
"މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ." އެޗްޑީސީން ބުނެއެވެ.
"މި ކޯޕަރޭޝަންގެ އަމާޒަކީ، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ. ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހީންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހީންގެ އެކަނިވެރިކަން ކުޑަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމެވެ."



advertisment

