Support Us

އެމް.ޑަބްލިޔު.އެސް.ސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައި މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެމް.ޑަބްލިޔު.އެސް.ސީގެ މި އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައި ގިނަ މުވައްޒަފުން ތަކެއްގެ އަގުވަޒަންކޮށްފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި ރޭ ބޭއްވި ހަފުލާގައި ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކުރިއެވެ. އަދި ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ރިކޮގްނިޝަން އެވޯޑް ދިނެވެ.

އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑުގެ އެކްޓިން ޗެއާޕާސަން ޢައިޝަތު ރޫޙީ އާއި ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.

މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވޯޑު ކަމަށްވާ "ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް" ލިބިފައި ވަނީ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ ޙަސަން ޖަނާހް މޫސާއަށެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި އަދި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތަކަށް ދެވޭ އެވޯޑެކެވެ.

ރޭގެ ރަސްމިއްޔާތުގައި، މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ، 'OneMWSC' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފައެވެ. މިއީ އެމް.ޑަބްލިޔު.އެސް.ސީން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، އިޖުތިމާޢީ ޒިންމާ (CSR) ގެ ޙަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑެކެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވީ މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ ހުނަރު ފާހަގަކޮށް، މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ކުރިއަރައިގެން ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ.

ވޭތުވެދިޔަ އަހަރު މުވައްޒަފުންގެ ކުރިއެރުމާއި ފައިދާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމް.ޑީ ފާހަގަކުރެއްވިއެވެ. އެގޮތުން، ތަފާތު ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން ކަށަވަރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުމަކަށް ވާތީ، މި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކުރެވެމުންދާކަން ފަހުމީ ފާހަގަކުރެއްވިއެވެ.