މުސްލިމުންނާ ދެކޮޅަށް އިންޑިއާ އިން ހިންގި ލާއިންސާނީ އަމަލްތަކުގެ މައްސަލަ އޯ.އައި.ސީގެ ބައްދަލުވުމުގައި ޕާކިސްތާނުން ހުށަހެޅުމުން ދިވެހިރާއްޖެއިން އެކަން ހުއްޓުވާލުމަށްފަހު، 19 ވަނަ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމަށްވެސް ރާއްޖެއިން ދެކޮޅުހަދަމުންދާ ކަމަށް ބުނެ އިންޑިއާގެ ނޫހަކުން ފާޑުކިޔައިފިއެވެ.
އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ޓައިމްސްނައުނިއުސްޑޮޓްކޮމް އިން ބުނި ގޮތުގައި ސާކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި 19 ވަނަ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމަށް ނިއު ދިއްލީން ދެކޮޅު ހެދުމާއެކު ދިވެހިރާއްޖެއިން ވަނީ އެކަމަށް އެއްބާރުލުންދީފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިކަމުގައި ރަނގަޅު ގޮތެއް ނިންމުމަށް ރަނގަޅު މާހައުލެއް އުފައްދަންޖެހޭ ކަމަށެވެ. އަދި މުޅި ދުނިޔެ ކޮވިޑް-19 އާ ހަނގުރާމަ ކުރަމުންދާއިރު މިއީ ސާކް ސަމިޓުގެ ވާހަކަ ދައްކަން އެންމެ އެކަށޭނަ ވަގުތު ނޫން ކަމަށެވެ.
ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމަށް ބައްދަލުވުމުގެ އެޖެންޑާއަށް ނޭޕާލުން ލީ ނަމަވެސް، ދިވެހިރާއްޖެއިން މި މައްސަލައަށް ދެކޮޅު ހެދުމާއެކު، މި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި 250 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީ އިންޑިއާއިން ރާއްޖެއަށް ދިނުމާ ގުޅިގެން އިންޑިއާ އަކީ ދިވެހިރާއްޖެއަށް މިހާތަނަށް ކޮވިޑް-19 ގެ ހާލަތުގައި އެންމެ އެހީވި ގައުމުކަމަށް ވަނީ ވެފައެވެ. އަދި 2018 ގައި އިޖްތިމާއީ ޕްރޮޖެކްޓްތަކަށް އިންޑިއާއިން 1.4 ބިލިއަން ޑޮލަރު ދިން ދިނުމަކީ ދިވެހިރާއްޖެއަށް އެންމެ އެހީވި ގައުމުގެ ގޮތުގައި އިންޑިއާވި ސަބަބުކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
އަދި މީގެ އިތުރުންވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށްޓަކައި އިންޑިއާގެ އެހީއަށް އެދުމާއެކު އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެފައި ވީނަމަވެސް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަނީ އިހުނަށް ވުރެ ވަރުގަދަވެފައިކަން ވެސް އެ ނޫހުން ފާހަގަކުރެއެވެ.



advertisment
One Response
އިންޑިއާ އިން ރާއްޖެ އަށް އެހީ ވަނީކީނޫނެވެ. ޝާހިދުމެން ވިކިފަ ތިބީމަ އޭގެ ނާޖާއިޒް ފައިދާ ނަގައިގެން ދަރަނީގެ ދަންތުރައެއްގަ ޖައްސަނީއެވެ. މީގޭން ކޮންމެ ދަރަނި ދަންތުރައަކާއެކު ރާއްޖޭގެ ބިމުން ބައެއް އިންޑިއީގެ ސިފައިންނަށް ދަނީ ދެމުންނެވެ. ރައްޔިތުންގެ ރުހުމެއްނެތިއެވެ.