Support Us

ބޭނުންވަނީ އިންޖިނޭރިން ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން: ރައީސް

ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް، ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމު ކަމަށާއި، ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އިންޖިނޭރިން ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގައި މި ރޮނގުން މަތީ ތަޢުލީމު ފުރިހަމަކުރަމުން އަންނަ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމަކީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި ޢަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން ޢަމަލީ ތަޖުރިބާ (ހޭންޑްސް-އޮން އެކްސްޕީރިއެންސް) ހޯދުމަށް ހުރަސްތަކެއް ހުރިކަން ދަރިވަރުން ފާހަގަކުރިއެވެ. އަދި އާކިޓެކްޗަރ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ. މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެމުންދާތީ، ސަނަދު ލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރިއެވެ.

ދަރިވަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހައި އެޗީވާސް ސްކޮލަޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިން ދާއިރާއަށް އިސްކަންދެއްވާނެ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތަޢުލީމީ ފުރުޞަތުތަކާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، ދާއިރާގެ ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިދިޔަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *