Support Us

ސިޑްސް އަކީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އިއްޔެ ފެށި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެށީގެ ނާޒުކު ކަމަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ޤައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަމަށެވެ. ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން (އެމް.އެސް.އެމް.އީތައް) ވެފައިވަނީ، ސަރުކާރުތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިގެން، ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަށް ބާރުދޭ އިންޖީނުތަކަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ ކުޑަކަމަކީވެސް، އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ޤައުމުތައް، ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު، ސުމޭކު ގުޅުންތަކަކީ ހަމައެކަނި މުވާސަލާތާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ސުމޭކު ގުޅުންތައް ވެފައިވަނީ، ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް، ޤައުމުގެ ޖޯގުރަފީ އާއި ބޮޑުމިނުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕް ތަކަށް އަމާޒުކޮށްގެން، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް ސަމާލުކަންދީގެން، މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ޒަމާނާ އަދާހަމަކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫށާއި، 2027 ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން ވުނަކުރުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް، ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި، ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް، ޔޫ.އެން އޮފިސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ސްޓޭޓްސް (ޔޫ.އެން- އޯ.އެޗް.އާރް.އެލް.އެލް.އެސް) އަށް ގޮވާލައްވަމުންނެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި، ސަރުކާރުތަކުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *