ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު"ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް މިރޭ ފައްޓަވައިފިއެވެ. އެގޮތުން މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް މިރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށް ދައްކައިފައެވެ.
މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވައި، އެ ފަރާތްތަކުން ހުށަހަޅުއްވާ ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވައިފައެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. މި ސިލްސިލާގެ ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައްވާފައެވެ.
ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ



advertisment