މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.
"އައިރަނާސް" އާ ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް ހާފް މެރަތަން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މާދަމާއެވެ. މި ހަރަކާތް ކުރިއަށްދާނީ ފަތިހު 4:00 އިން ހެނދުނު 10:00 އަށެވެ.
މި ދުވުމުގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރުގެ 'ފަން ރަން’، ކުޑަކުދިންނަށް ޚާއްޞަ 'ކިޑްސް މައިލް' އަދި 5 ކިލޯމީޓަރުގެ ވީލްޗެއަރ ރޭސް ހިމެނެއެވެ. މިއީ ދުޅަހެޔޮ ސިއްހަތަކާއި އެއްބައިވަންތަކަން ފާހަގަކުރުމަށްޓަކައި، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ގުޅުވައިދޭނެ ފޯރިގަދަ ހަރަކާތެކެވެ.
މި މެރަތަންއަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހު ބޭއްވި 'ރަނިންގ އެކްސްޕޯ’ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯގައި، ދުވުމުގެ ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ހަދައިދިނުމުގެ އިތުރުން، ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ވަނީ ބަލައިދީފައެވެ. މީގެ އިތުރުން، ދުވުމަށް ތައްޔާރުވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، ރައްކާތެރިކަމާއެކު ދުވުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ވެސް ވަނީ ފޯރުކޮށްދީފައެވެ.
މި ހަރަކާތުގެ އޮފިޝަލް މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން، ދުވުން ކުރިއަށްދާ ވަގުތު ތިން ސަރަޙައްދެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވާނެއެވެ. މިއީ ދުވުމުގެ ހުރިހާ ބައިވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.



advertisment

