Support Us

"ޕީ.ޖީ.އޯ 2.0″ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ޑިޖިޓަލް އިސްތިރާޖީ ޕްރޮގްރާމް، "ޕީޖީއޯ 2.0″ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަޞައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕީ.ޖީ އޮފީހަކީ، އިންސާނީ ޙައްޤުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ޕީ.ޖީ އޮފީހުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭ.އައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ. އެގޮތުން، މީގެ ތެރޭގައި ޤާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދަޢުވާ ފޯމުތަކުގެ ޚުލާޞާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެއެވެ.

މި ސިސްޓަމް ފަރުމާކޮށްފައި ވަނީ ދިވެހިބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މަޢުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީ.ޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.

އޭ.އައި ވަސީލަތްތައް ބޭނުންކުރި ކަމުގައި ވީނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫން ކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކޮށްފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަން ޕީ.ޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕީ.ޖީ އޮފީހުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ޤާނޫނުގެ އުސޫލުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދެއްވައި އިތުބާރުހުރި މަސްދަރެއްގެ ގޮތުގައި އެ އޮފީހުގެ އެކަޑަމީން ތައްޔާރުކޮށްފައިވާ ފޮތް، "އެވިޑެންސް، އަ ޕްރެކްޓިޝަނާޒް ގައިޑް" ނެރެދެއްވުން އޮތެވެ. ހަމަ މިއާއެކު، އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކުރެއްވުންވެސް އޮތެވެ. މިއާއެކު، ޕީ.ޖީ އޮފީހަކީ ސައްތަ އިންސައްތަ އާރް.ޓީ.އައި ކޮމްޕްލަޔަންޓް އިދާރާއަކަށްވެސް ވަނީ ވެފައެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ އޮފީހުން ތައްޔާރުކުރި "އީދޮރޯށި" އިފްތިތާޙުކުރެއްވުމާއި، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުން ހުރި އެންމެހައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން "ލެތުން" އިފްތިތާޙުކުރެއްވުންވެސް އޮތެވެ. މި ނަންބަރުތައް ފުރިހަމަކޮށްދެއްވުމުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ދަޢުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *