Support Us

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވިޔަފާރިންވެރިންނާ ބައްދަލުކޮށްފި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން ވިޔަފާރިވެރިންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މީރުމާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމް.ޕީ.އެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގާއި އިސް މެނޭޖްމަންޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.ޕީ.އެލް އިން ބުނާ ގޮތުގައި މި ބައްދަލުވުމުގެ މަޤްސަދަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި "އެފިޝަންޓް" ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ މުހިއްމު ކަންކަން ހިއްސާކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމުގެ މަޝްރޫއާ ގުޅިގެން އެމް.ޕީ.އެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައި ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

"މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ."

މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ވަނީީ ދެއްވައިފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.