Support Us

އެމް.އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

އެމް.އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ވިލިމާލޭގައެވެ.

ރައީސް އޮފީހުން ބުނާގޮތުގައި އެމް.އާރް.ސީ.ސީގެ އައު އިމާރާތަކީ ދިވެހި ސަރުކާރުން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ. މި މަޝްރޫޢު ވިލަރެސްކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީ އިން އިސްދައުރެއް އަދާކޮށްފައިވެއެވެ. އަދި މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.

މި އިމާރާތުގެ ބިންގާ 2022 ވަނަ އަހަރު އެޅި ކަމުގައި ވީ ނަމަވެސް، އެކި ސަބަބުތަކާ ހެދި އިމާރާތުގެ މަސައްކަތްތައް ނިންމާނުލެވި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވިއެވެ. މިއީ އެމަނިކުފާނު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެކެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ އިމާރާތް ބައްލަވާލައްވައިފައެވެ. އަލަށް ހުޅުވި އެމް.އާރު.ސީ.ސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރެއްވުންވެސް އޮތެވެ. އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުންނަ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު އިޝިގާމީ ރުމީކޯއާއި، ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ވަޒީރުންނާއި އިސްވެރިން އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *