ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރައްވައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން، ބާސެލޯ ނަސަންދުރާގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އުރީދޫ ފިންޓެކް މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތް މެދުވެރިކޮށް، އެމް-ފައިސާ އެކައުންޓްތަކާއި ޕޭޕަލް އެކައުންޓްތައް ގުޅުވާލައިގެން ބައިނަލްއަޤުވާމީ އެކި ޚިދުމަތްތަކަށް ފައިސާ ބަލައިގަނެވޭނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި، މި ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުއްދެވުނުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، އުފެއްދުންތެރި، އީޖާދީ ޒުވާނުންނަށް ބޭރުން ތަކެތި ގަންނާނޭ މަގުތައް ފަހިވެފައި ވީނަމަވެސް، އެފަދަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރު ވިއްކައިގެން އެއަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް، ޒުވާނުން އޭރު އެމަނިކުފާނާ ހިއްސާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު، އެ "މަސްނޫއީ ހުރަސްތަކުގެ ޒަމާން" ނިމުމަކަށް ގެނެވުނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު އިފުތިތާޙުކޮށްދެއްވި ޚިދުމަތަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ފުދުންތެރި، އަދި ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވައިލައިފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޕޭޕަލްގެ ޚިދުމަތާއެކު، ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް، ސީދާ ފަތުރުވެރިންގެ ފަރާތުން ފައިސާ ޖަމާކުރެވޭނޭ ފުރުސަތު ފަހިވެގެންދާނޭ ކަމަށާއި، ޑައިވް ސްކޫލްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބުކިން ހެއްދޭނޭ ފުރުސަތު ފަހިވެގެންދާނޭ ކަމަށާއި، ފަންނުވެރިންނާއި ފްރީލާންސްކޮށް މަސައްކަތްކުރާ ޑިވެލޮޕަރުންގެ އުފެއްދުންތަކާއި ޚިދުމަތްތައް، ޖިއޯގްރަފީއަށް ބެލުމެއްނެތި، މުޅި ދުނިޔެއަށް ވިއްކުމުގެ މަގު ފަހިވެގެންދާނޭ ކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖޭގެ އުފެއްދުންތެރި އަދި ވިޔަފާރިވެރި އާބާދީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވާލެވިފައިވާ ފުރުސަތުތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ވަކި މަސައްކަތްތަކަށް ޚާއްޞަ ފައިނޭންސިން އަދި މައިކްރޯފައިނޭންސިން ފުރުސަތުތަކާއި، ޔޫތު ކައުންސިލް މެދުވެރިކޮށް ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ކަށަވަރުކޮށްދޭ ކްރިއޭޓިވް އިކޮނޮމީ ކައުންސިލް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުކަން ފާހަގަކުރައްވައި، މި ސަރުކާރުން އިސްނަގައިގެން ޤާއިމުކުރާ ކްރިއޭޓަރ ހަބް، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އިފްތިތާޙުކުރައްވާނޭ ކަމަށާއި، އެ ހަބްގެ ސަރަޙައްދީ ގޮފިތައް، ބ. ތުޅާދޫގައްޔާއި، ގދ. ގައްދޫގައި ޤާއިމުކުރައްވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އުރީދޫ ގްރޫޕާއި، ޕޭޕަލް އޭޕެކްގެ މަންދޫބުން ވަނީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ކުރިމަގަށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރަށް ތަޢުރީފުކުރައްވައި، މިއަދު އިފްތިތާޙުކުރެއްވި ޚިދުމަތް ރާއްޖެއަށް ގެނައުމުގައި މި ސަރުކާރުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އުރީދޫ އާއި ޕޭޕަލްގެ ލީޑަޝިޕުން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރައްވައި، އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން، މި ޚިދުމަތް ރާއްޖެއަށް ގެނައުމަށް ކުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ، މޯލްޑިވްސް 2.0 ތަންފީޒުކުރެވެމުންދިއުން ކަމުގައި ސިފަކުރައްވައި، އެއާ ގުޅުން ހުރި ޚިދުމަތެއް ފޯރުކޮށްދެވުންކަމުގައި ފާހަގަކުރައްވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އިސްވެރީންނާއި، އުރީދޫ އާއި ޕޭޕަލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment

