މި ސިޓީ އަޅުގަނޑު ލިޔަން މި ޖެހުނީ ސޮނީ ސްޕޯޓްސް ކަހަލަ ރާއްޖޭގެ މަޝްހޫރު، ބޮޑު ވިޔަފާރި ޗެއިނަކުން ކޮށްގެން ނުވާނެ ކަހަލަ ކަމެއް އާންމުކޮށް ކުރާތީ، އެކަމާ ކަންބޮޑުވެގެންނެވެ. މި ކަމަށް އިސްލާހެއް އާދޭތޯ ބެލުމުގެ ނިޔަތުގައެވެ.
ގަބޫލްކުރެވިފައި އޮންނަނީ ސޮނީ ސްޕޯޓްސްގައި ހުންނަ މުދަލަކީ ކޮލިޓީ މުދާ ކަމަށެވެ. އޮރިޖިނަލް ކަމަށެވެ. އަގު ބޮޑަސް ސޮނީ ސްޕޯޓްސް އަށް ދަނީ އެހެންވެގެންނެވެ. އަދި ތަނުގެ ސޭލްސްމަނުން/ ސޭލްސް ގާލްސް ވެސް ވަރަށް އެހީތެރިއެވެ. ތަނުގެ މާހައުލާއި މުދާތައް ބައިބައިކޮށް އަތުރައިފައި ހުންނަ ގޮތް ވެސް ވަރަށް ކަމުދެއެވެ. އެކަމަކަށް ޝަކުވާއެއް ނެތެވެ. ޝަކުވާ އަކީ މިއެވެ.
ސޮނީ ސްޕޯޓްސް އަށް މީގެ ކުރިން އަޅުގަނޑު ދިޔައީ ކުދިކުދި ބައެއް ކަހަލަ އެއްޗެތި ގަންނާށެވެ. އެހެންވެ ކޮތަޅެއް ބޭނުންހޭ އަހާ ކޮންމެ ފަހަރަކު ކޮތަޅެއް ބޭނުމެއް ނެތޭ އަޅުގަނޑު ބުނަމެވެ. ހީވެފައި އޮންނަނީ ކޮތަޅެއް ހިލޭ ދޭން އުޅެނީ ކަމަށެވެ. އެހެންވެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން، ކޮންމެހެން ކޮތަޅުތައް އިތުރު ނުކޮށް، އެ އެއްޗެއް އަތުން ހިފައިގެން ނުކުންނަނީއެވެ. ސައިކަލް ވަށިގަނޑަށް ލައިގެން ގެއަށް ގެނެވޭނެތީއެވެ. އަނެއްކޮޅުން ޖީ.އެސް.ޓީ އަށް ދެ ރުފިޔާ ދައްކައިފައި ކޮންމެހެން ޕްލާސްޓިކް ކަތޮޅެއް ގެޔަށް ގެންދަން ބޭނުން ވެސް ނުވަނީއެވެ.
ނަމަވެސް ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރައިން އިހަށް ރޭ އަޅުގަނޑު ގަތީ ވޮލީބޯޅަ ތަކެކެވެ. އެހެންވެ ކޮތަޅެއް ބޭނުންހޭ ކައުންޓަރުން އެހުމުން އާނއެކޭ ބުނީމެވެ. ފަސް ބޯޅަ ސައިކަލް ވަށިގަނޑަށް ލައިގެން ގެއަށް ގެންނަން އުނދަގޫވާނެތީއެވެ. ބޯޅަތައް އަޅައިފައި ދިނީ ސޮނީ ސްޕޯޓްސްގެ ބޮޑު އިޝްތިހާރެއް ޖަހައިފައި އޮތް ކަޅު ކޮތަޅަކަށެވެ. ބިލަށް އެރީ 3،979ރ. އެވެ.

ނަމަވެސް ގެއަށް އައިސް (މަތީގައިވާ) ބިލް ބަލައިލުމުން ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެއީ ގާތްގަނޑަކަށް ހަތަރު ހާސް ރުފިޔާގެ ވިޔަފާރިކުރުމުން ދިން ކަރުދާސް ކޮތަޅަށް ވެސް ސޮނީ ސްޕޯޓްސް އިން ޗާޖުކޮށްފައި އޮތުމުންނެވެ. ހަތަރު ރުފިޔާއެވެ. އެހާ ބޮޑު ބިލެއް ކަނޑައިލުމުން އެންމެ ހަތަރު ރުފިޔާގެ ޑިސްކައުންޓެއް ދޭން ވެސް ސޮނީ ސްޕޯޓްސް އަށް ނުކެރުނެވެ. މިއީ ވަރަށް ދެރަވަރުގެ، ލަދުވެތި ކަމެއް ނޫންތޯއެވެ؟
ދަންނަވަމެވެ. މިއީ ބައެއް މީހުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެކެވެ. ފިހާރައިން ދޭ ކޮންމެ ކޮތަޅަކަށްވެސް ޗާޖުކުރަން ގާނޫނު ބުނާ ކަމަށެވެ. ނޫނެކެވެ. ގާނޫނު ލާޒިމްކުރަނީ "ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް" ދެ ރުފިޔާގެ ޖީ.އެސް.ޓީއެއް ނެގުމަށެވެ. އެހެން ކޮތަޅުތަކަށް އަގު ނަގާކަށް ގާނޫނެއް ނުބުނެއެވެ. އެ ފިހާރައަކުން ބޭނުން ގޮތެކެވެ. ކަރުދާސް ނުވަތަ ފޮތި ކޮތަޅަށް ޗާޖުކުރަނީ އެ ފިހާރައެއްގެ ކެރިފޯރުންތެރިކަން ހުރިނެތް މިންވަރަކުންނެވެ. މި އުސޫލަށް ބަލާއިރު، ސޮނީ ސްޕޯޓްސް މިއީ ކޮތަޅަކަށް، ކޮންމެ ކަސްޓަމަރެއް އަތުން ހަތަރު ރުފިޔާ ނަގަންޖެހޭ ފަދަ ދަތި ހާލެއްގައި އޮތް ތަނެއްތޯއެވެ؟ އެހާވެސް ކަޑަ، ބަންގާޅީ ކަޑައެއްތޯއެވެ؟ ސަހަރޯއެވެ!
ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފިހާރަތަކުން މިހާރު ދެނީ ފޮތި ނުވަތަ ކަރުދާސް ކޮތަޅެވެ. ތިމާވެއްޓާ ރައްޓެހި ގޮތަށެވެ. އޮބިއަން، ރެޑްވޭވް، އިހުސާން ފިހާރަ، ވިލާ މާޓް، ޝޮޕްއެންސޭވް ފަދަ މާލޭގެ ބޮޑެތި ފިހާރަތަކުން ކަރުދާސް/ ފޮތި ކޮތަޅަކަށް ޗާޖެއް ނުކުރެއެވެ. އެސްޓާސް އަކުން ވެސް ކޮތަޅަކަށް ޗާޖެއް ނުކުރެއެވެ. މުދަލާއެކު ކޮތަޅު ދެނީ ހިލެއެވެ. ބިލަކަށް އިތުރެއް ނުކުރެއެވެ.

ނަމަވެސް ހައިރާންވާން ޖެހުނީ ސޮނީ ސްޕޯޓްސް އިން ހަތަރު ހާހެއް ރުފިޔާގެ ސާމާނު ގަތުމުން ވެސް ހިލޭ ކޮތަޅުގަނޑެއް ދިއްކޮށްލަން ނުކެރުނީތީއެވެ. އަނެއްކާ ޗާޖުކުރާ ވާހަކަ ނުބުނެ، އޮޅުވައިލުމެއްގެ ތެރޭގައި ހަތަރު ރުފިޔާ އަށް ވިއްކި އެ ކަރުދާސް ކޮތަޅުގައި ސޮނީ ސްޕޯޓްސްގެ ބޮޑު އިޝްތިހާރެއް ވެސް ޖަހައިފައި އޮތުމުންނެވެ. (މަތީގައި އެ ވަނީ އެ ފޮޓޯ އެވެ.)
މާނަ އޮޅުވައިނުލައްވައްޗެވެ. އަޅުގަނޑަށް މި އުޅެނީ ހަތަރު ރުފިޔާ ބޮޑުވެގެނެއް ނޫނެވެ. ކަސްޓަމަރުންނާ ދޭތެރޭ އެއްވެސް ކުލުނެއް، އިހުތިރާމެއް ސޮނީ ސްޕޯޓްސް އިން ނުކުރާކަމުގެ އިހުސާސް ކުރެވޭތީއެވެ. ސޮނީ ސްޕޯޓްސްގެ ހައިބަތަށާއި މަޝްހޫރު ކަމަށް ބަލައިފައި، ކަސްޓަމަރަކަށް އެންމެ ހަތަރު ރުފިޔާގެ ކޮތަޅެއް ހިލޭ ދިއްކޮށްލަން ނުކެރޭތީއެވެ. ދުވާލަކު އެތައް ލައްކަ ރުފިޔާއެއްގެ ވިޔަފާރި ވާއިރު ވެސް މެއެވެ.
އައްސަވާށެވެ. ދާދި ފަހަކުން އަޅުގަނޑު އައިކެއާ އަށް ދިޔައީމެވެ. މަންމަގެ ލޮލުގެ އޮޕަރޭޝަނެއް ކުރާށެވެ. އެތަނުގައި މަޑުކޮށްލައިގެން ތިބޭއިރު ބޯފެނާއި ކޮފީ ބޭނުން ވަރަކަށް ލިބެން ހުރެއެވެ. އާނއެކެވެ. ހިލެއެވެ. އެއްވެސް ޗާޖެއް ނެތިއެވެ. ގިރަގިރައިގެން ބޯންވީއެވެ. މިއީ ކަސްޓަމަރ ކެއާގެ ކިހާ އޯގާތެރި، ކިހާ ލާމަސީލު ނަމޫނާއެއްތޯއެވެ؟ ލޮލުގެ ފަރުވާއަކަށް ވިއްޔާ އައިކެއާރ ނޫން ތަނަކަށް ދާން އަޅުގަނޑު ބޭނުން ނުވަނީ މިކަހަލަ އެތައް ސަބަބުތަކަށްޓަކައެވެ. ޔަގީނުންވެސް ކޮފީ ތައްޓެއްގެ އަގު ހަތަރު ރުފިޔާއަށްވުރެ ބޮޑުވާނެއެވެ. ވީއިރު އައިކެއަރގެ ކަސްޓަމަރ ސާވިސް، ސޮނީ ސްޕޯޓްސް އިން ނަމޫނާއަކަށް ބެލުން ރަނގަޅެއް ނޫންތޯއެވެ؟
ސޮނީ ސްޕޯޓްސްގެ މި ވާހަކަ ބައެއް ރައްޓެހިންނާ ހިއްސާކޮށްލުމުން އެންމެންވެސް ބުނަނީ ކަސްޓަމަރުންނަށް އެވަރުގެ އެއްޗެއް ހިލޭ ދޭން ނުކުރެނީ ސޮނީ ސްޕޯޓްސްގެ ދަހިކަމުން ކަމަށެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިތަކުގެ ތެރެއިން އެންމެ ދަހި ވިޔަފާރިއަކަށް ހުންނާނީ ސޮނީ ސްޕޯޓްސް ކަމަށެވެ. ހަތަރު ހާސް ރުފިޔާގެ ވިޔަފާރިއެއް ކުރުމުން، ކޮތަޅަށް ހަތަރު ރުފިޔާ ޗާޖު ކުރާނީ ހަމަ ލަގޮނޑީގައި ނާށި ލައިފައި ތިބުމުން ކަމަށެވެ. އެކަމަށް އަޅުގަނޑު ވަކި ގޮތެއް ނުނިންމާނަމެވެ. އެކަމަކު ގޮތް ނިންމައިގެން ތިބި ގިނަ ބަޔަކު ތިބޭނެކަން ޔަގީނެވެ.
މި ދާވަރުން ދަންޏާ، ސޮނީ ސްޕޯޓްސް ފިނިކޮށްފައި އޮންނާތީ އާއި ބޮކިތައް ދިއްލައިފައި ހުންނާތީ ކަރަންޓަށް ވެސް ކަސްޓަމަރުން އަތުން ޗާޖުކޮށްފާނެހެން ހީވެއެވެ. އެފަދަ ދުވަހަކުން ސޮނީ ސްޕޯޓްސް އަށް ކަސްޓަމަރަކު ވަނުމާއެކު، އޭ.ސީ ބޭނުންތޯ؟ ލައިޓް ބޭނުންތޯ؟ އެ ކުދިން އަހާނެތާއެވެ!
ވީމާ ދަންނަވަމެވެ. ސޮނީ ސްޕޯޓްސްގެ "ދަހި" އިމޭޖް ބަދަލުކުރައްވާށެވެ. ތި ތަނުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ތަކެތި އުފުލޭނެ ވަރުގެ އާދައިގެ ކޮތަޅެއް ނަމަވެސް ހިލޭ ލިބޭނެ ގޮތެއް ހައްދަވައިދެއްވާތޯ ދަންނަވައިލުމަށް މި ސިޓީ ފޮނުވަމެވެ. ކޮތަޅު ހިލޭ ދޭ ނަމަ ކިތަންމެ ބޮޑު އިސްތިހާރެއް ޖަހައިފައި ހުއްޓަސް ޝަކުވާއެއް ނެތެވެ. ހިފައިގެން ދާނީ އުފަލުންނެވެ. އެހެންވެ މި ކަމަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދެމެވެ.

