Support Us

ތާރީހް:

ލިބެންވީ: ކަމާ ބެހޭ އިދާރާގެ ވެރިޔާއަށް،

ފޮނުވީ: އަހުމަދު އަލީ
ގުޅޭ: މެދުޒިޔާރަތްމަގު، ސަލްޓަން ޕާކު ސަރަހައްދު ޓްރެފިކަށް ހުޅުވައިލުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މި ސިޓީ އެޑްރެސް ކުރާނީ މާލޭ ސިޓީ ކައުންސިލަށް ކަމެއް، ޓްރާންސްޕޯޓު މިނިސްޓްރީ އަށް ކަމެއް، ފުލުސް އޮފީހަށް ކަމެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް އަށް ކަމެއް އަޅުގަނޑަކަށް ސާފެއް ނޫނެވެ. ވީމާ، ކަމާ ބެހޭ ކޮންމެ އިދާރާއަކުން ނަމަވެސް މި ސިޓީއާ ހަވާލުވެވަޑައިގެން، މި މައްސަލަ އަށް އަވަސް ހައްލެއް ގެނެސްދެއްވުމުން މި ސިޓީގެ މަގުސަދު ހާސިލްވީއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މާލޭގެ ޓްރެފިކްގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މަގު ހެދުމަށްޓަކައި ބޮޑުތަކުރުފާނު މަގު، ބޮޑު ފާލަމުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބަންދުކުރުމުން މި މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ. ބޮޑުތަކުރުފާނު މަގު ބަންދުކުރުމުން، މާލޭ އުތުރު ފަރާތުން، މާފަންނުން ހެންވޭރަށް ދަތުރުކުރާ ހުރިހާ ވެހިކަލެއް ދަތުރުކުރަންޖެހެނީ އަމީރު އަހުމަދު މަގުންނެވެ. އެ މަގު ވެސް އޮންނަނީ ތޮއްޖެހިފައެވެ.

މިކަމުގައި އެންމެ މައްސަލަ ބޮޑީ ހެންވޭރުން މާފަންނަށް ދަތުރުކުރުމުގައެވެ. އެއީ ހެންވޭރުން މާފަންނަށް ދާން މިޖެހެނީ މެދުޒިޔާރަތް މަގުން ގޮސް، ކުތުބުހާނާއާ ހަމައިން (ސަލްޓަންޕާކު އިރުމަތީ މަގުން) ލަނބާލައިގެން ގޮސް ލިލީ މަގަށް އަޅައިގެންނެވެ.

ހުރިހައި ވެހިކަލެއް މި ރޫޓުން ދުއްވަން ޖެހުމުން ލިލީމަގު އަބަދު އޮންނަނީ ތޮއްޖެހިފައެވެ. ވަކިން ހާއްސަކޮށް އޮފީސްތަކާއި ސްކޫލްތައް ފެށޭ/ ނިމޭ ގަޑިތަކުގައި ސަހަރޯ ހީވެއެވެ. ސީ.އެޗް.އެސް.އީ، އަމީނިއްޔާ އަދި އިސްކަންދު ސްކޫލަށް ހެނވޭރުން ދާ އެންމެން ވެސް ބޭނުންކުރަންޖެހެނީ މި ރޫޓު ކަމަށް ވާތީއެވެ.

އަނެއްކޮޅުން ސީ.އެޗް.އެސް.އީ ހުންނަނީ ލިލީމަގުގައި ކަމަށް ވުމުން އެ ސްކޫލް ފެށޭ/ ނިމޭ ގަޑިތަކުގައި އެ ހިސާބުގެ ޓްރެފިކް ތޮއްޖެހި ކޮޅަކަށް ހިރިނުލެވި އެތައް އިރެއް މަޑުކުރަން ޖެހެއެވެ. މިއީ އާންމުނަށް ވަރަށް ބޮޑަށް އުނދަގޫވާ މައްސަލައެކެވެ. އިމަޖެންސީގައި އެމްބިއުލާންސެއް ވެސް ދާން އޮންނަނީ މި ރޫޓެވެ. އިއްޔެ މެންދުރުވެސް ސީ.އެޗް.އެސް.އީ ނިމުނު ގަޑީގައި އިމަޖެންސީގައި ދިޔަ އެމްބިއުލާންސެއް އެ ހިސާބުގައި ތާށިވެފައި އެތައް އިރަކު އޮންނަންޖެހުނެވެ. (މަތީގައި އެ ވަނީ އެ ފޮޓޯއެވެ.)

އެ ސަރަހައްދުގެ ޓްރެފިކް މައްސަލަ މިހާ ބޮޑުވެފައި އޮންނައިރު ވެސް، މެދުޒިޔާރަތްމަގު، ސަލްޓަންޕާކު ސަރަހައްދު އަދިވެސް މި އޮންނަނީ ބަންދުކޮށްފައެވެ. އެއީ ކުރީ ސަރުކާރުން ކޮން ވިސްނުމެއްގައި ކުރި ކަމެއް ކަމެއް ނޭނގެއެވެ. ވެހިކަލް ނުދުއްވޭ ގޮތަށް އެ ސަރަހައްދު މުޅިން ބަންދުކޮށްފައި އޮންނަންޖެހޭ ސަބަބެއް ހަމަ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނައިގެން ނޭނގުނެވެ. އެއްވެސް އެހެން ކަމަކަށް އެ މަގު ބޭނުމެއް ނުކުރެއެވެ. ވީއިރު، ތަށިމުށި ޖަހައިފައި އެ މަގު ބަންދުކޮށްފައި ބޭއްވުމުގެ އެއްވެސް ބޭނުމެއް ނުވިސްނެއެވެ. އަމްދުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހިފައިވާ ވަގުތެއްގައެވެ. ވީމާ، އިރުން ހުޅަނގަށް ދުއްވޭ ގޮތަށް އެ މަގު ހުޅުވައިލައިފި ނަމަ، އެ ހިސާބުގެ ޓްރެފިކަށް މި ހިނދުން މިހިނދަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ކަށަވަރެވެ.

އަދި ދަންނަވަމެވެ. ސަލްޓަންޕާކު ސަރަހައްދަކީ ބައެއް ކަހަލަ ޖަލްސާތަކާއި އިވެންޓުތައް ބާއްވަން އޮންނަ ތަނެއް ނަމަ، އެފަދަ ވަގުތެއް ޖެހެންދެން އެ މަގު ހުޅުވައިފައި ބޭއްވިދާނެއެވެ. އެފަދަ އިވްނެޓުތައް ބޭއްވުމަށް ޖުމްހޫރީ މައިދާނާއި ބޮޑުފާލަން ސަރަހައްދު ވެސް ބަންދުކޮށްލާ ބީދައިންނެވެ.

ވީމާ މިކަމަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި މި ސިޓީ ކުރުކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.