Support Us

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދްވީޕްގެ ގޮނޑުދޮށެއްގައި

ޑިޕްލޮމެޓިކް ޒުވާބުގެ ސަބަބުން ރާއްޖެ އައި އިންޑިއާ ޓޫރިސްޓުން މަދު، މަލިކު ޓޫރިޒަމަށް ކުރިއެރުން

އިންޑިއާ އާއި ރާއްޖެއާ ދެމެދު 2024 ގެ ޖެނުއަރީ މަހު ހިނގި ޑިޕްލޮމެޓިކް ޒުވާބުގެ ސަބަބުން ލަކްޝަދްވީޕް ނުވަތަ މަލިކަށް ދިޔަ އިންޑިއާ ޓޫރިސްޓުން އާދަޔާހިލާފަށް ގިނަވި ކަމަށާއި ރާއްޖެ އައި އިންޑިއާ ފަތުރުވެރިން މަދުވި ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އިންޑިއާ ޓުޑޭ ނޫހުން އިއްޔެ ބުނީ ރައިޓް ޓު އިންފޮމޭޝަން (އާރް.ޓީ.އައި) ނުވަތަ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އިންޑިއާގެ ރަސްމީ އިދާރާތަކުގެ ފަރާތުން ހޯދި ތަފާސްހިސާބުތަކުން އެނގުނު ގޮތުގައި 2020 ގައި ލަކްޝަދްވީޕަށް ޒިޔާރަތްކުރީ އިންޑިއާގެ އެންމެ 3،875 ޓޫރިސްޓުން ކަމަށްވާއިރު 2024 ގައި އެ އަދަދު 68،328 އަށް އެރި ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށެވެ.

އެއާ ހިލާފަށް ރާއްޖެ އައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ދިޔަ ކަމަށް އެ ނޫހުން ބުންޏެވެ. އެ ގޮތުން 2022 އާއި 2023 ގައި އިންޑިއާ އޮތީ ރާއްޖޭގެ ޓޫރިސްޓް މާކެޓްގެ ލިސްޓުގެ އެންމެ ކުރީގައި ކަމަށް ވިޔަސް 2024 ގައި އިންޑިއާ ވަނީ ލިސްޓުގެ ހަވަނައިގައި ކަމަށެވެ. މާނައަކީ އެ އަހަރު އިންޑިއާއިން ރާއްޖެ އައީ 130،328 މީހުން ކަމަށްވުމުން އެއީ ރާއްޖެ އައި އިންޑިއާ ޓޫރިސްޓުން ނިސްބަތުން 11.1 ޕަސެންޓުން 6.4 ޕަސެންޓަށް ދަށްވުމެވެ.

ޑިޕްލޮމެޓިކް ޒުވާބު ހިނގީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދްވީޕަށް ޒިޔާރަތްކުރައްވައި، ޓެކްނޮލޮޖީ، ހަކަތަ، ފެނުގެ ވަސީލަތްތައް، ސިއްހީ ފަރުވާ އަދި ތައުލީމީ ދާއިރާ ވެސް ހިމެނޭ ގޮތަށް އެތައް މަޝްރޫއެއް ފައްޓަވައިދެއްވިއިރު، އެކްސްގައި ފޮޓޯތައް ހިއްސާކުރައްވި ހިސާބުންނެވެ.

"ލަކްޝަދްވީޕަކީ ގުދުރަތީ ގޮތުން ރީތި ތަނެއްގެ އިތުރުން އާދަޔާހިލާފަށް އަމާން ތަނެއް،" ފޮޓޯތަކާއެކު މޯދީ އެކްސްގައި ލިޔުއްވިއެވެ.

މީގެ އިތުރުން ލަކްޝަދްވީޕްގެ ރައްޔިތުންގެ ހީ ވެސް ނުކުރާ ފަދަ ރަނގަޅު މެހެމާންދާރީ ކަމަށް ތައުރީފުކުރައްވަމުން އޭނާ ދަތުރުވެރިންނަށް ހިތްވަރު ދެއްވީ "މަރުވުމުގެ ކުރިން" ލަކްޝަދްވީޕަށް ޒިޔާރަތްކުރުމަށެވެ.

ލަކްޝަދްވީޕްގެ ގޮނޑުދޮށެއްގައި މޯދީ ހުންނަވަނިކޮށް ނަގައިފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ، ރާއްޖޭގެ ބަދަލުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ލަކްޝަދްވީޕް ހިޔާރުކުރުމަށް އެތައް ބައިވަރު މީހުން ގޮވައިލިއެވެ. މި އޮންލައިން ބަހުސް އިތުރަށް ހޫނުވީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ޓޫރިޒަމާ އިންޑިއާއަށް ވާދަ ނުކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ވަޒީރުން ވިދާޅުވުމުންނެވެ. ނަތީޖާއަކަށްވީ ޑިޕްލޮމެޓިކް އަރައިރުންވުމެއް ހިނގައި، ރާއްޖެ ބޮއިކޮޓްކޮށް، އިންޑިއާގެ އެތެރޭގެ މަންޒިލުތައް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ގިނަ ރައްޔިތުންތަކެއް ގޮވައިލުމެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެ ކަމުން ނުކުމެފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހު ގައުމުން ބޭރަށް ދަތުރުކުރުމުގެ ބަދަލުގައި އިންޑިއާގެ އެތެރޭގެ މަންޒިލުތަކަށް ދަތުރުކުރުމަށް އިންޑިއާގެ ރައްޔިތުންނަށް މޯދީ މިހާރު ވަނީ ގޮވައިލައްވައިފައެވެ.