ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަކީ ކޮންމެ ފަދަ ހައިރާން ކުރުވަނިވި ކަމެއް ނުވަތަ ކޮންމެ ފަދަ މުޢުޖިޒާތެއް ވެސް ފެނިދާނެ، އަޖައިބުތަކުން ފުރިގެންވާ އޮއިވަރެކެވެ. މީގެ އަހަރުތަކެއް ކުރިން، އެއް މޭޒެއްގެ ދޮށުން ފެނިދާނެ ކަމަށް އެއްވެސް ދިވެއްސަކު ހުވަފެނުގައި ވެސް ތަޞައްވުރު ނުކުރާނެ ތިން ސިޔާސީ ލީޑަރުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު މިވަނީ އަތާއަތް ގުޅާލައްވައިފައެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ، މި ތިން ރައީސުން ފުރަތަމަ ފަހަރަށް ބޭއްވި ރަސްމީ ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހުދުމުހުތާރު" އަދި "ޣައިރު ޑިމޮކްރެޓިކް" އަމަލުތަކާ ދެކޮޅަށް ކަމަށް ވިދާޅުވެ، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ.
ސަރުކާރުން އިދިކޮޅުގެ ޑިމާންޑްތަކަށް ތަބާވަންދެން ދޫ ނުކުރައްވާނެ ކަމަށް ވިދާޅުވެ އުފެއްދި މި އަޖައިބުވަނިވި ކޯލިޝަނަކީ، ރާއްޖޭގެ ޑިމޮކްރަސީގެ ސަލާމަތަށް ޓަކައި ވެވަޑައިގެންނެވި ޤުރުބާނީއެއްތޯއެވެ؟ ނުވަތަ މިއީ އެ ތިން ބޭފުޅުންގެ "ކަޅުކުލައިގެ" ސިޔާސީ ރެކޯޑުތައް ފޮރުއްވާފައި، އަލުން ބާރުތައް ހޯއްދެވުމަށް ކުޅުއްވާ "ޑްރާމާ"އެއްތޯއެވެ؟ ތާރީޚުގެ ހަގީގަތްތަކަށް ފުންކޮށް ބަލައިލުމުން ސާފުވަނީ އެންމެ ކަމެކެވެ. މިއީ ޑިމޮކްރަސީއެއް ނޫނެވެ. މިއީ އަމިއްލަ ސިޔާސީ ދިފާއަށްޓަކައި އުފައްދައިފައިވާ "ސިޔާސީ ކާޓެލް" އެކެވެ.
ގައުމު އޮތީ ތިން ރައީސުން އެ ވިދާޅުވި ފަދަ ގޯސް ހާލަތެއްގައިބާ؟
ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ އެ ބައްދަލުވުމަށްފަހު، ތިން ރައީސުން ނޫސްވެރިންނާ ބަލައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ތަކުގައި ފާޅުކުރެއްވި ގިނަ ކަންބޮޑުވުންތަކަކީ ހުދު އެ ތިން ރައީސުންގެ ވެރިކަންތަކުގައި ފުނޑާލެއްވި ކަންކަމެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާ ކަމަށާއި، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވައިލައިފައިވާ ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި، ނޫސްވެރިން ޖަލަށްލުމާއި، ތަކެތީގެ އަގު އުފުލި އިގުތިސޯދު ހީނަރުވުން އެއީ އެކުގައި ނުކުންނަން ޖެހުނު ސަބަބު ކަމަށް، ތިން ބޭފުޅުންގެ ގުޅިފައިވާ ބަޔާނުގައިވެއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު އަޑުއައްސަވަންދެން، ސުލްހަވެރިކަމާ އެކު ވަރަށް "ސްޓްރޯންގް"ކޮށް ޑިމާންޑްތައް ކުރަމުން ގެންދަވާނެ ކަމަށެވެ. ރައީސް އިބޫ ވެސް ވަނީ އެ ބޭފުޅުންގެ ފިކުރީ ތަފާތުވުންތައް އެއްކައިރިކޮށް، ގައުމީ މަސްލަހަތު އިސްކުރީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވުމުން ކަމަށް ވިދާޅުވެފައެވެ. އެންމެ ފާހަގަކޮށްލެވުނީ، އާންމުންގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެ ތިން ބޭފުޅުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ސަރުކާރުތަކަކީ އެންމެ ފުރިހަމަ ސަރުކާރުތަކެއް ކަމަށް ގަބޫލުކުރައްވައިގެން ނޫން ކަމަށް ނަޝީދު އެއްބަސްވެވަޑައިގަތެވެ. މިގޮތުން 2008 ގެ ފަހުން އެމަނިކުފާނުގެ ވެރިކަމުގައި ވެސް، ޔާމީންގެ ވެރިކަމުގައި ވެސް އަދި އިބޫގެ ވެރިކަމުގައި ވެސް ކަންތައްތަކެއް ގޯސްކޮށް ހިނގައިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ވިދާޅުވެ، ނަޝީދު ވަނީ އަމިއްލަފުޅު ކުށަށް އިއުތިރާފުވެވަޑައިގަތުމުގެ ސިޔާސީ އުކުޅެއް ބޭނުންކުރައްވައިފައެވެ. ނަމަވެސް މި އުކުޅަކުން އެ ބޭފުޅުން ހިންގެވި ބޮޑެތި ޖަރީމާތަކެއް ފޮރުވައެއް ނުލެވޭނެއެވެ.

ތިން ރައީސުންގެ އޮތީ ހުސް އަމިއްލަ އެދުން؟
ތިން ރައީސުން ދެއްކެވި ވާހަކަތަކަކީ އެ ބޭފުޅުންގެ ވެރިކަމުގައި ކަން ކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދެއްކެވި މުނާފިޤް ވާހަކަ ތަކެކެވެ.
ތިން ރައީސުންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދެއްކެވި އިރު އެ ތިން ބޭފުޅުންގެ ވެރިކަމުގެ ގޯސް ރެކޯޑުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް މާ ބޮޑު ފުރުސަތެއް ނޫސްވެރިންނަކަށް ނުދެއްވައެވެ. ނޫސްވެރިންނަށް ސުވާލުކުރަން ޖެހުނީ ތިން ރައީސުން އެދިވަޑައިގެންނެވި ގޮތަކަށެވެ. އެ ނޫން ގޮތަކަށް ސުވާލު ކުރުމުން ވަނީ ހުއްޓުވައިފައެވެ. މި ތިން ރައީސުންގެ ވެރިކަމުގައި ދިވެހި ރާއްޖޭގެ ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަޅު ސަފުހާތައް ދިވެހި ރައްޔިތުން މިއަދު އަލުން ހަނދާން ކޮށްލަން ޖެހެއެވެ.

ރައީސް ނަޝީދަށް ދަންނަވާލަން އޮތް ވާހަކައަކީ: ވެރިކަމުގެ ބާރުވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް، ސިފައިން މެދުވެރިކޮށް "ވަގަށް ނަގައިގެން" ގިރިފުށީގައި ބަންދުކޮށް، ކޯޓުތަކުގައި ތަޅުއަޅުވައި، އަދި މުޒާހަރާތަކުގެ ތެރެއިން ނަޝީދުގެ ޕާޓީގެ އެކްޓިވިސްޓުން ރާއްޖޭގެ ބައެއް ކޯޓުތައް އަންދާލުމުގައި ލީޑް ކުރެއްވި ބޭފުޅަކަށް ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި، ނަޝީދުގެ ރަހުމަތްތެރިން ރިސޯޓު ހަދަން ފަޅުރަށްތައް ބަހާލެއްވުމާއި، ގައުމީ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ އިނގިރޭސި ކުންފުންޏަކަށް ނުއަގުގައި ވިއްކާލެއްވުމާއި، ފެން ކުންފުނީގެ ހިއްސާ ބޭރުގެ ކުންފުޏްޏަކަށް ވިއްކާލެއްވުމާއި، ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އެއިރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރަށް 25 އަހަރަށް ނުއަގުގައި ދެއްވުމަކީ ނަޝީދުގެ ވެރިކަމުގައި ހިންގެވި ބޮޑެތި ޤާނޫނީ އަދި އިގްތިސޯދީ ޖަރީމާތަކުގެ ތެރެއިން މަދު މިންވަރެކެވެ.
މީގެ އިތުރުން، ދިވެހިންނަށް، ޕާޓީ ކުރުމަށާއި މަސްތުވުމަށް ހިތްވަރު ދެއްވައި، "ބޯން ޖެހޭނެއޭ، އެންމެން އަބަދު ހަމައިގާ ތިބޭކަށް ނުޖެހޭނެއޭ" ވިދާޅުވެ، މުސްލިމް ގައުމެއްގެ ރައީސަކު ދައްކަން ވަރަށް ލަދުވެތި ވާހަކަތަކެއް ރައީސް ނަޝީދު ދެއްކެވިއެވެ. އަދި އިސްލާމްދީނުގެ ފިކުރުގެ ބަދަލުގައި އެހެން "އޮލްޓަނޭޓިވް ނެރޭޓިވް"އެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރުގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކެވިއެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ބަދުބަސް ވިދާޅުވެ، އާންމު ޖަލްސާއެއްގައި ވާހަކަ ދެއްކެވިއެވެ.
ތިމަން މަނިކުފާނުގެ ޕާޓީގެ މެންބަރަކު ތިމަންމަނިކުފާނު އަރިހަށް ކަމަކު އަތުވެއްޖެނަމަ އެ ކަމެއް ކޮށްދެއްވާނެ ކަމަށާއި، އެހެން ޕާޓީއެއްގެ މީހަކު އަތުވެއްޖެނަމަ ހުރި ނުލަފާކަން ދައްކާލައްވާނެ ކަމަށް ވިދާޅުވެ ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ ޖަދަލު ކުރެއްވިއެވެ. ރައްޔިތުންގެ ނުރުހުން ބޮޑުވެގެން ނަޝީދުގެ ވެރިކަމަށް ހަތަރު އަހަރު ވެސް ނުފުރެނީސް، މުޒާހަރާތަކުގެ ޕްރެޝަރަށް ކެތްނުކުރެއްވިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވިފަހުން، ރިޔާސީ ގަނޑުވަރު މުލިއާގެއިން ފެނުނު ތަކެތީގެ ތެރޭގައި އެތައް ރާފުޅިއަކާއި، ސްޕާތަކުގައި ބޭނުންކުރާ ތަކެތީގެ އިތުރުން އިސްލާމީ ޤައުމެއްގެ ވެރިއެއްގެ ގަނޑުވަރުން ފެނިގެން ނުވާނެ އެތައް ހަޑިމުޑުދާރު އެއްޗެއް ފެނުނެވެ. މިވަރުގެ ރެކޯޑެއް އޮތް ބޭފުޅަކު މިއަދު ޑިމޮކްރަސީގެ ނަމުގައި ރައްޔިތުން ކުރިމައްޗަށް ނިކުމެވަޑައިގަތުމަކީ ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތްކަމުގެ ހެއްކެކެވެ.

ރައީސް ޔާމީނަށް ދަންނަވާލަން އޮތް ވާހަކައަކީ: ސުޕްރީމް ކޯޓުގެ ޓިނު ނަންގަވައިގެން، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ކިޑްނެޕް ކުރައްވައި ޖަލަށްލެއްވީ، އަދި ގައުމުގެ ސިޔާސީ އެތައް ބޭފުޅުންނެއް ހައްޔަރު ކުރައްވައި، މަޖިލިސްކުރާގެއިން މަޖިލިސް މެންބަރުން ފާރުމަތިން ނަގައި އުކާލައްވައި، ޤާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ފަނޑިޔާރުންނަށް ބިރު ދެއްކެވީ ސީދާ ޔާމީނުގެ ވެރިކަމުގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ގާނޫނާ ހިލާފަށް މަގާމުން ވަކިކޮށް މަޖިލިސް ހިސޯރުކުރެއްވީ ޔާމީންގެ ވެރިކަމުގައެވެ. އަދި، ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު، އަދި ދީނީ އިލްމުވެރިޔާ އަފްރާޝީމް، ގޮތް ނޭނގޭ ގޮތްގޮތަށް ރަހުމުކުޑަކޮށް މަރާލެވުނުއިރު، ޔާމީނުގެ ވެރިކަމުގައި މިއިން އެއްވެސް ކަމެއް ފުރިހަމައަށް ނުބައްލަވައެވެ. އޭގެ އިތުރުން، މާޗު 31، 2016 ގައި، އޭރު 37 އަހަރު ވީ ދުވަހު ނޫސް ހަވީރު ހުއްޓާލަން މަޖުބޫރުކޮށް އަދި ހަވީރުގައި އޭރު މަސައްކަތްކުރި ހުރިހައި ނޫސްވެރިންގެ އަތާއި ސިކުނޑި ބަންދުކޮށް އެއްވެސް ނޫހެއްގައި މަސައްކަތް ކުރުން ކޯޓުތަކުގެ ތެރެއިން މަޖުބޫރު ކުރިއެވެ. ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އަޅައި، އަމިއްލަ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމު ހިމެނޭހެން އެތައް ބަޔަކު ޖަލަށް ލައްވައި އަނިޔާކުރެއްވިއެވެ. މިއަދު ވެރިކަމުން ދުރުވެވަޑައިގެން، އަމިއްލަފުޅު، އެތައް ބުރިއެއްގެ އުސް ގަނޑުވަރު "ދޫވެހި"ގައި ޔާމީން އިންނެވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެމް.އެމް.ޕީއާރު.ސީގެ ބޮޑު ޚިޔާނާތާއި، ސިޔާސީ، ޤާނޫނީ އަދި އިގްތިސޯދީ ޖަރީމާތަކަކީ މިހާރުގެ ސަރުކާރުން ފުރިހަމައަށް ތަހުގީގުކޮށް ޝަރީއަތް ހިންގައިފިނަމަ، ފަހަރުގައި އުމުރު ދުވަހަށް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އިންނަވަން ޖެހިދާނެ ފަދަ ކަންކަމެވެ.

ރައީސް އިބޫއަށް ބަލައިލާއިރު: އެތައް ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނީގެ ދަންތުރައެއްގައި ޤައުމު ޖައްސައި، އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖޭގެ ސިލްކް ރޫޓާއި މިނިވަންކަން ދޫކޮށްލެއްވީ އެމަނިކުފާނެވެ. ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދިނުމުގެ ނަމުގައި އަމިއްލަ ކުންފުނިތަކަށް ދައުލަތުގެ ފައިސާ ބެއްސެވިއެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް (ފޯޅަވަހި މައްސަލާގައި) މޮރިޝަސްއަށް ދޫކޮށްލައި، ފޯޅަވަހި ވެސް މޮރިޝަސް އާއި އިންޑިއާ އަށް ދޫކޮށްލެއްވީ ސިއްރު ސިޓީއެއް މެދުވެރިކޮށް، ބޮޑެތި ފައިސާގެ މުއާމަލާތްތަކެއް ހިމެނޭ ގޮތަށް ކަމަށް ވާހަކަ ދެކެވެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށްޓަކައި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް (އެވިޑެންސް އެކްޓްގެ 136 ވަނަ މާއްދާގެ ދަށުން) ޤާނޫނު ފާސްކުރިއެވެ. ރައީސް އިބޫގެ ސަރުކާރު ހިމާޔަތް ކުރުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ބޭނުންހާ ގޮތަކަށް ވަކިކުރެއްވީ ވެސް އިބޫގެ ވެރިކަމުގައެވެ. އެމް.އެމްޕީ.އާރު.ސީގެ ވައްކަމުގެ މޭސްތިރި އަހުމަދު އަދީބަށް ވެރިކަމުގެ އެންމެ ފަހު ތިން ދުވަސް ތެރޭ، ރިޔާސީ މާފު ދެއްވައި، ދޫކޮށްލެއްވީ ވެސް ހަމަ މި ދެންނެވި ރައީސް އިބޫއެވެ!

ރައީސް މުއިއްޒުގެ ވަރުގަދަ ރައްދު:
ތިން ރައީސުންގެ މި "އޮޅުވާލުންގަނޑަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒު ވަނީ އެމްޑީޕީގެ ދެ ސަރުކާރުގައި (ނަޝީދާއި އިބޫގެ ވެރިކަމުގައި) ރާއްޖޭގައި ތަންފީޒުކުރީ އިސްލާމްދީނާ ދުރު، ދިވެހި ސަގާފަތް ސުންނާފަތިކުރި ސިޔާސަތުތަކެއްކަން ހެކިތަކާއެކު ދައްކަވައިފައެވެ.
ރައީސް މުއިއްޒު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވީ، ރައީސް އިބޫގެ ވެރިކަމުގައި "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" (އެމްޑީއެން) އިން ނެރުނު ރިޕޯޓެވެ. އެ ރިޕޯޓުގައި އިސްލާމްދީނުގެ އެތައް ކަމަކަށް ހަޖޫޖަހައި، ކީރިތި ޤުރުއާނާއި ހަދީސްތަކަށް ފުރައްސާރަކޮށްފައި ވާއިރު، އެކަން ކުރި ޝަހިންދާ އިސްމާއިލް ފަދަ އެތައް ބަޔަކަށް އިބޫގެ ސަރުކާރުގެ އިސް މަގާމުތައްދެއްވައި، ރައްޔިތުންގެ ފައިސާއިން މުސާރަ ދެއްވިކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެ ދުވަސްވަރު، ހޯމް މިނިސްޓްރީން އެމްޑީއެން ޖަމިއްޔާ އުވާލަން ޖެހުނީ މަޖުބޫރުވެގެންނެވެ. ސަރުކާރުން ބޭނުންވެގެންނެއް ނޫނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި، ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ބުދު ބެހެއްޓި މައްސަލައާއި، ދީނުގެ ދިފާއުގައި "23 ޑިސެމްބަރު އިއްތިހާދު"ގެ ނަމުގައި ދިވެހި ތާރީޚުގައި ވެސް ބޭއްވި އެންމެ ބޮޑު މުޒާހަރާ ބާއްވަން ޖެހުނީ ނަޝީދުގެ ދީނާ ދުރު ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ އަގީދާގެ އެންމެ މައިގަނޑު އަސާސްތަކަށް ގޮންޖަހައި، ހަޖޫޖަހައި، އެމްޑީއެން ރިޕޯޓު ނެރެ، ކަނޑު ވިއްކާލައި، ފޯޅަވަހި ދޫކޮށްލައި، އިގްތިސޯދީ އަދި ޤާނޫނީ އެތަކެއް ޖަރީމާއެއް ހިންގި ބަޔަކު އަލުން އަނބުރާ ވެރިކަމަށް ގެނައުމަކީ ހަމަހޭގައި ތިބި ދިވެހި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އަދި، މި ސަރުކާރަކީ އިސްލާމީ އަސާސްތައް ކުރިއަރުވައި، ބޭރުގެ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރިޔަސް ގައުމީ އަދި ދީނީ ސިޔާސަތު އިސްކުރާނެ ސަރުކާރެއް ކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ.
ތާރީޚީ ހަގީގަތްތަކުގެ ލޯގަނޑުން ބަލާއިރު:
މި ހުރިހާ ވާހަކަތަކެއް އެއްކޮށްލުމުން، އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއެވެ: މި ތިން ރައީސުންނަށް މިއަދު ޑިމޮކްރަސީއާއި މީޑިއާގެ މިނިވަންކަމުގެ ދިފާއުގައި ވާހަކަދެއްކުމުގެ އަޚުލާޤީ އެއްވެސް ހައްގެއް އެބަ އޮތް ހެއްޔެވެ؟ ޖަވާބަކީ ސާފުކޮށް ނޫނެކޭ އެވެ. ރައްޔިތުންގެ ފާޑުކިޔުންތައް ހުރީ ސީދާ މި ދެންނެވި ނުކުތާއަށެވެ. މިއީ "ދުޝްމަނެއްގެ ދުޝްމަނަކީ އެކުވެރިއެއް" ކަމަށް ބުނާ އުސޫލުން، ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސޯދީ އަދި ސިޔާސީ ސިޔާސަތުތަކުގެ ކުރިމަތީގައި އިދިކޮޅު ފަރާތްތައް ފޭލިވަމުންދާތީ، ސިޔާސީ ގޮތުން ސަލާމަތްވާން އުފެއްދި މަޖުބޫރީ އިއްތިހާދެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ބާރުތައް ކޮންސޮލިޑޭޓް ކުރަމުންދާ ދިއުމުގައި، މި ތިން ރައީސުންގެ ސިޔާސީ މުސްތަޤްބަލް ދަނީ އަނދަވަޅަކަށް ވެއްޓެމުންނެވެ. ވުމާއެކު، އަމިއްލަ ނުފޫޒު ދެމެހެއްޓުމަށް ޓަކައި، ކުރީގެ ހުރިހާ ޖަރީމާތަކާއި، އަނިޔާވެރިކަމާއި ވައްކަންތައް ހަނދާން ނައްތާލައި، އެއްގަލަކަށް އެރުން ނޫން ގޮތެއް އެ ތިން ބޭފުޅުންނަކަށް މިއަދަކު ނެތެވެ.

ނިންމުން: ރައްޔިތުން ނިންމާނީ ކިހިނެއް؟
މި ސިޔާސީ ހަނގުރާމައިގައި މިހާރު އޮތީ ދެ ފަރާތެކެވެ. އެއް ފަރާތުން ކުރީގެ ތިން ރައީސުން ވިދާޅުވަނީ، އެ ބޭފުޅުންގެ މާޒީ ފުރިހަމަ ނޫނަސް، މިއަދު ރައީސް މުއިއްޒުގެ ސަރުކާރުން ގައުމު ވައްޓައިލައިފައިވާ އަނދަވަޅު މާ ފުން ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުން ގަބޫލުކުރާނެ ހަމައެއް ނޫނެވެ. ރައްޔިތުންނަށް ފެންނަން އޮތީ މިހާރުގެ ސަރުކާރުން އިސްލާމްދީން ކުރިއަރުވައި، ގައުމީ ސިޔާސަތުތައް ވަރުގަދަކޮށް، ބޭރު މީހުންގެ މައްސަލަ ހައްލުކުރައް ގިނަ ކަންތައްތަކެއް ކޮށް، ދުންފަތާއި ޑްރަގާ ދެކޮޅު މަސައްކަތްތައް ވަރުގަދަކޮށް، ކުރީގެ ސަރުކާރުތަކުން ޤައުމު ވައްޓާލި ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކުރަން ކުރާ މަސައްކަތެވެ. ތިން ރައީސުންގެ އިއްތިހާދާ މެދު މިހާރުގެ ސަރުކާރުން ބުނަނީ، މިއީ ވެރިކަމުގެ ދަހިވެތިކަމުގައި އެއްވި، ދީނާއި ގައުމަށް ޣައްދާރުވެފައިވާ، އަދި އަމިއްލަ ކޯޓުތަކުން ކުށްވެރިވެފައިވާ "ފޭލިއަރުން" ތަކެއްގެ އިއްތިހާދެއް ކަމަށެވެ.
އެންމެ ފަހުގެ ނިންމުން އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ. ރައްޔިތުންނަށް މިއަދު މަޖުބޫރުވެފައި ވަނީ މާޒީގެ އަނިޔާވެރިކަމާއި ކޮރަޕްޝަނުގެ ހަނދާންތަކާއި، މިއަދުގެ އިސްލާމީ އަދި ގައުމީ ސިޔާސަތުތަކާ އަޅާކިޔާށެވެ. ހަމަހޭގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު މި ތިން ރައީސުންގެ "އަމިއްލަ އެދުމުގެ" މަޅީގައި ޖެހި، ގައުމު އަލުން އަނދަވަޅަކަށް ވައްޓައެއް ނުލާނެއެވެ.
