ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިއުލާން ކުރެއްވި ނިޒާމަކީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ މަސްހުނި ކޮށްލައްވައިގެން އުފެއްދެވި ގަޑުބަޑު ނިޒާމެކެވެ. މިއީ ފައްޔާޒަށް ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަޤާމް ހޯދައިދޭން، އަދި ރައީސް ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމް ހޯދައިދޭން، ދެ ބޭފުޅުން ވެގެން ފެއްސެވި "ކޯޓެކެވެ."
"ބޮޑު ބަދަލު"ގެ ނަމުގައި އެ ދެ ބޭފުޅުން ބޭއްވެވި ޕްރެސް ބްރީފިންގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެކެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ގެންނަން އުޅުއްވާ ބަދަލަކީ މިހާރު އޮތް ރައީސްގެ މަގާމަކީ ސަރުކާރުގެ ވެރިޔާ ކަމަށް ބޭއްވުމަށް ފަހު، ދައުލަތުގެ ވެރިއަކަށް އެހެން ބޭފުޅަކު އިންތިހާބު ކުރުމެވެ. ސަރުކާރުގެ ވެރިޔާގެ މަގާމުގެ ނަމަކަށް ރައީސްގެ ބަދަލުގައި އެހެން ނަމެއް ކީދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އެންމެ މަތީ ވެރިޔާ އަށް ކިޔަންވީ، ރަންނަބަނޑޭރިކިލެގެފާނޭ ނުވަތަ ދޮށިމޭނާ އޭ ވެސް ކިއިދާނެ، ޗާންސެލާއޭ ވެސް ކިއިދާނެ، ޕްރައިމިނިސްޓަރޭ ވެސް ކިއިދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ އަބަދުވެސް އެހެން މީހަކު ނުވަތަ އެހެން ބަޔަކު ކުރާކަމަކުން ކްރެޑިޓް ނެންގެވުމުގެ ލާމަސީލު ބޭފުޅެކެވެ. މިގޮތުން 2003 ވަނަ އަހަރު، ރައީސް އުމޫނުގެ ވެރިކަމުގައި، މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުމަށް ފަހު އިނގިރޭސި ވިލާތަށް ނަޝީދު ހިޖުރަ ކުރެއްވިއެވެ. އަދި 2005 ވަނަ އަހަރު، ރާއްޖެ އަށް ޕާޓީ ނިޒާމް ތައާރަފްވުމުން އެ އަހަރު، މަރްހޫމް މުހައްމަދު (ގޯގޯ) ލަތީފް ފަދަ ބޭފުޅުންގެ ބުރަ މަސައްކަތުން އެމްޑީޕީ ރަޖިސްޓްރީ ވުމާއެކު 2005 ވަނަ އަހަރު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެމްޑީޕީ އަކީ އެމަނިކުފާނުގެ މަސައްކަތުން އުފެއްދެވި ޕާޓީއެއް ކަމަށް ރައްޔިތުންނަށް ދައްކަވައި، އަމިއްލަފުޅަށް އެމްޑީޕީގެ ބާނީއަކަށް ވެވަޑައިގަތެވެ. ގޯގޯ ލަތީފްމެން މަޑުމަޑުން ޕާޓިއާ ފެޔަށް ޖެހިވަޑައިގަތީ ރައީސް ނަޝީދުގެ ހުދުމުހުތާރު ކަމުންނެވެ.
އެތައް ބައެއްގެ ބުރަ މަސައްކަތާއި ޤުރުބާނީން އެމްޑީޕީ ވުޖޫދުކޮށް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެ ޕާޓީގެ ކެންޑިޑޭޓް ނަޝީދަށް ރައީސްކަން ލިބިވަޑައިގަތުމުން، ފުރަތަމަ ވެސް ކުރެއްވި ކަމަކީ ދިވެހިރާއްޖެއާއި އިޒްރޭލާ ސިޔާސީ ގުޅުން ޤާއިމް ކުރައްވަން މަސައްކަތް ކުރެއްވުމާއި، ފަލަސްތީނާ ދެކޮޅަށް، އިޒްރޭލާ އެއްކޮޅަށް އ.ދގައި ވޯޓް ދެއްވަން ފެއްޓެވުމާއި، ނަޝީދުގެ ހާރިޖީ ވަޒީރު ކެރަފާ އަހުމަދު ނަސީމް އިޒްރޭލަށް ޒިޔާރަތް ކުރެއްވުމާއި، ފްރެނެޑްސް އޮފް މޯލްޑިވްސްގެ ނަމުގައި ނަސާރާ ފާދިރީއެއް ކަމުގައިވާ، ނަޝީދުގެ އެކުވެރި ޑޭވިޑް ހާޑިންގހަމް ރާއްޖެ ގެންނަވައި ރާއްޖޭގައި އިސްލާމް ދީނަށް ކުޑައިމީސްކަން ލިބޭ ފަދަ އަމަލުތައް ހިންގަން މަގުފަހިކޮށްދެއްވުމެވެ.
"ބޮވޭނެއޭ، ބޯން ޖެހޭނެއޭ، އެންމެނަކު އަބަދަކު ހަމައިގައި ތިބޭކަށް ނުޖެހޭނެއޭ" ވިދާޅުވެ، ރައީސަކަށް ހުންނަވައިގެން ފާޅުގައި ނަޝީދު ދިވެހި ރައްޔިތުންނަށް މަސްތުވާތަކެތި ބޭނުން ކުރަން ހިއްވަރު ދެއްވިއެވެ. "ބިރަކާ ނުލައި މަޖާ ކުރެވޭނެއޭ، ނުވަތަ އަދަބެއް ލިބިދާނެ ކަމަށް ޖެހިލުން ނުވެ ޕާޓީ ކުރެވޭނެ" ކަމަށް ވިދާޅުވެ، ދީނުގައި ނަހީ ކުރައްވާފައިވާ ފާހީޝް އަމަލުތަކަށް އަރައިގަތުމަށް ނަޝީދު ފާޅުގައި ހިއްވަރު ދެއްވިއެވެ. ނަޝީދުގެ ވެރިކަމުގައި، އާޓިފިޝަލް ބީޗުގައި އޮތް ބައްދަލުވުމެއްގައި، ތިމަންނާމެންނަކީ ނުވަ އަހަރުގެ ކުޑަ އަންހެން ކުދިން މީހުންނާ ދެވަން އުޅޭ ބައެއް ނޫނޭ ވިދާޅުވެ، މުހައްމަދުގެ ފާނަށާއި އެކަލޭގެފާނުންގެ އަނބިކަނބަލުން އާއިޝަތުގެފާނަށް ބަދު ބަސް ވިދާޅުވިއެވެ. ނަޝީދު މިފަދައިން ވިދާޅުވި އިރު، އެމަނިކުފާނު އެންމެ ލޯބިފުޅުވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ރިޗަރޑް-2، 1396 ވަނަ އަހަރު އިސަބެލާ އޮފް ވެލޯއިސް އާއި ކައިވެނި ކުރެއްވި އިރު އިސަބެލާގެ އުމުރަކީ އެންމެ ހަ އަހަރެވެ. ޔޫރަޕްގެ ޤައުމުތަކުގައި އެ ދުވަސްވަރު މިފަދައިން 10 އަހަރުން ދަށުގެ އަންހެން ކުދިންނާ ކައިވެނި ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް ނަޝީދު ފާޑުވިދާޅުވީ ނުސީދާކޮށް، ރަސޫލުﷲ އާއި އާއިޝަތުގެ ފާނުގެ ކައިވެނިފުޅަށް ނިސްބަތް ކުރައްވައެވެ.
ނަޝީދަކީ ޔަހޫދީ މަހުޖަނު އާއިލާއެއް ކަމުގައިވާ ރޮތުސްޗައިލްޑާ ގުޅުން ބާއްވަވާ، ހުޅަނގުގެ ޒައަނިސްޓް ލޮބީތަކާ ގުޅުން ބާއްވަވާ، ރާއްޖެއަށް ސެކިއުލަރ ފިކުރު ތައާރަފް ކުރަން ހިއްވަރު ދެއްވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެމަނިކުފާނުގެ ބައެއް ބަސްފުޅުތަކާއި އަމަލުފުޅުތަކުން މިކަމަށް ހެކިދެއެވެ. އަދި 2018 ވަނަ އަހަރު ވެރިކަން ލިބިވަޑައިނުގަތުމުން، އެކަމުގެ ކޯފާ ނަޝީދު ބޭލުއްވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަޝީދަށް ވެރިކަން ލިބިވަޑައިނުގެން، ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުގެ ބަދަލެއްގެ ގޮތުން 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބުން ރައީސް ސޯލިހު ފެއިލި ކޮށްލެއްވީ ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ މެދުވެރިކޮށެވެ. ދެ ރައީސުންގެ ކޯޅުން މި މަހު ކުރީކޮޅު ބޮޑުވެ، ފަހުން އެއްގަލަކަށް އެރުއްވި ކަމަށް އިއުލާން ކުރެއްވިއަސް، އެމްޑީޕީގެ ޗެއާޕާސަނާއި ޕާޓީގެ ރައީސް ހޮވުމަށް އަންނަ ޖޫން މަހު ބާއްވާ އިންތިހާބުގައި، ނަޝީދާއި ސޯލިހު ތިއްބެވީ ވަކި ދެ ފެކްޝަނެއްގައެވެ. ޕާޓީގެ ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވާ އިރު، ރައީސް ސޯލިހުގެ ތާއީދު އޮތީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމަށެވެ.
ކެމްޕެއިން ލޯންޗް ކުރައްވަން ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ނަޝީދާއި ފައްޔާޒު، "ބޮޑު ބަދަލު"ގެ ނަމުގައި އިއުލާން ކުރެއްވި ޕްލޭނަކީ ޕާޓީގެ އެއްވެސް ގުނަވަނަކާ ނުވަތަ އާއްމު މެމްބަރުންނާވެސް މަޝްވަރާ ކުރެއްވުމެއް ނެތި ސީދާ ނަޝީދާއި ފައްޔާޒު އަމިއްލަފުޅަށް އިއުލާން ކުރެއްވި އެއްޗެއް ކަމަށެވެ. މިއީ ހުދުމުހުތާރުކަމުގެ ލާމަސީލު މިސާލެކެވެ. މިއީ ނަޝީދު އަބަދުވެސް ކަން ކުރައްވާ ގޮތެވެ. ނަމުން ދިވެހި ޑިމޮކްރެސީގެ ބައްޕަ އެވެ. އަމަލުން ހުދުމުހުތާރުކަމުގެ މަންމައެވެ.
ދަ ޑިމޮކްރެޓްސް އިން ވަކިނުވެ މިހާތަނަށް ތިބި މެމްބަރުން އެމްޑީޕީ އަށް ވައްދައިގެން، ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ނަޝީދަށް ވޯޓު ހޯއްދަވަން އުޅުއްވާއިރު ނަޝީދު މިހާރުވެސް ހުންނެވީ ވަކި ބޭފުޅަކަށް (ފައްޔާޒަށް) އެމްޑީޕީގެ 2028 ގެ ރިއާސީ ޓިކެޓް ދެއްވަން ނިންމަވައިގެންނެވެ. އެހެންކަމުން ޗެއާޕާސަނަކަށް ނަޝީދު ހޮވިވަޑައިގެންފިނަމަ އެމްޑީޕީ އަނެއްކާ ވެސް ބައިބައިވެ ބަލިކަށިވެގެން ދިއުން ނޫން ކަމެއް ނުވާނެއެވެ. ނަޝީދާއި ފައްޔާޒު މި އިއުލާން ކުރެއްވި "ބޮޑު" ބަދަލަކީ އެއްވެސް ޑިމޮކްރެޓިކް ހަމައެއް ލަމައެއް ނެތި، ދެ ބޭފުޅުންނަށް ދައުލަތުގެ އެންމެ އިސް ދެ މަޤާމް ލިބިވަޑައިގަންނަވާ ގޮތަށް އަމިއްލަފުޅަށް ފެއްސެވި ކޯޓެކެވެ.
ނަޝީދު މީގެ ކުރިން މަސައްކަތް ކުރެއްވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަވާށެވެ. އެކަމަށް ރައްޔިތުންގެ ތާއީދު ނެތްކަން އެނގިވަޑައިގަތުމުން މިހާރު، ފައްޔާޒާ ދެބޭފުޅުން ސައްލާ ކުރައްވައި، ރިއާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް މޮޑެލައްވައިގެން އުފެއްދެވި މަސްހުނި ނިޒާމެއްގެ ތެރެއިން ވިއަސް ނަޝީދަށް ދައުލަތުގެ ވެރިކަން ލިބިވަޑައިގަންނަވާ ގޮތަށް ރޭވުމެއް ރޭއްވެވީ އެވެ. މި ޕްލޭނަށް މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވަންދެން މަގުމަތީގައި އިހްތިޖާޖް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ އެމްޑީޕީގެ މެމްބަރުންނާއި، ރައީސް ޔާމީނު ޕާޓީ، ޕީއެންއެފްގެ ދޮޅަހަކަށް މެމްބަރުން މަގުމަތީގައި ކޮންމެ ރައަކު އިހުތިޖާޖް ކުރަމުން އެބަދެއެވެ. ނަމަވެސް މިއީ މުޅި އެމްޑީޕީގެ ފިކުރެއް ނޫނެވެ. މިއީ ހަމައެކަނި ނަޝީދާއި ފައްޔާޒާއި އެ ދެބޭފުޅުންނަށް ތާއީދު ކުރާ މެމްބަރުންގެ ފިކުރެވެ.
ނަޝީދަށް މިކަމުގައި އެންމެ ބޮޑަށް ހިއްވަރު ދެއްވަނީ ރައީސް ޔާމީނެވެ. ޔާމީނާއި މުއިއްޒާ ދެމެދު އޮތް ހިޔާލްތަފާތުވުމާ ހެދި ރައީސް މުއިއްޒުގެ ވެރިކަން ބަލިކަށިކުރެއްވުމުގެ ނިޔަތުގައި ރައީސް ޔާމީން، ނަޝީދަށް ހިއްވަރު ދެއްވުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެކެވެ. ނަޝީދަކީ، 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތުމުން ފްރެންޑްސް އޮފް މޯލްޑިވްސް ގެނަމުގައި ނަސޯރާ ދީނުގެ ޖަމާއަތެއް ރާއްޖެ ގެންނެވި، އަދި އިޒްރޭލާ ދިވެހި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރައްވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ބިރަކާ ނުލާ މަޖާކޮށް ބައެއް ވަގުތުތަކުގައި ހަމައިން ނެއްޓި މަސްތުވުމަށް ދިވެހީންނަށް ހިއްވަރު ދެއްވި ބޭފުޅެކެވެ. ފައްޔާޒަކީ އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް މުއިއްޒުގެ ސަރުކާރުން މަނާކުރި ވޭޕް އަލުން ހުއްދަ ކުރައްވާނެ ކަމަށާއި، ދުންފަތުން ބޮޑު ކުރި ޑިއުޓީ އަލުން ކުޑަ ކުރައްވާނެ ކަމަށް ވިދާޅުވި ބޭފުޅެކެވެ.
މި ބޭފުޅުންނަށް ވެރިކަން އަލުން ލިބިވަޑައިގެންފި ނަމަ ސްކޫލް އަންހެން ކުދިންގެ ޔުނިފޯމުގައި ރައީސް މުއިއްޒު ހިމެނުއްވި ހަރުވާޅުގެ ބައި ވަކިކޮށް، ސްކޫލް އަންހެން ކުދިން ކުރު ސްކާޓް ލާ ގޮތަށް އަލުން ހައްދަވައި، ވޭޕް ހުއްދަ ކުރައްވައި، ދުންފަތުގެ ޑިއުޓީ އަލުން ކުޑަކޮށް، ބިދޭސީ މަސައަކަތު މީހުން މަދުކުރުމުގެ ޕްރޮގްރާމް ހުއްޓާލައްވާނެ އެވެ. އެމްޑީޕީގެ، ހާއްސަކޮށް ރައީސް ނަޝީދާއި ފައްޔާޒުގެ މި ހީލަތްތެރި ރޭވުމާމެދު ސަމާލުވެ، މި މަޅީގައި ދިވެހި ޤައުމު ނުޖައްސައި ސަލާމަތްވުމުމަށް ދިވެހި ރައްޔިތުން ވިސްނަން ޖެހެއެވެ. ނަޝީދުމެންގެ ބަސްތައް ރީތިވެފައި ފަށުއިވާނެއެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާކު ފެންނާނީ އެއްކަލަ އަގުބޮޑު ވެލާނާ އެއާޕޯޓް އިންޑިއާއަށް ވިއްކާލައްވައި، އައްޑޫ ގަން އިންޑިއާ ސިފައިންގެ މަރުކަޒެއް ހަދަން ދެއްވައި، ދިވެހި މުޖުތަމައު ސެކިއުލަރ ފިކުރަށް އަނބުރާލައްވައި، އިޒްރޭލާ ގުޅުން ބަދަހި ކުރައްވާތަނެވެ. ރައީސް ނަޝީދަށް ދައުލަތުގެ އެންމެ އިސް ވެރިޔާކަން ދިނުމަކީ މައްކާގެ ހަރަމްފުޅުގެ އިމާމްކަން ޕޯޕް ފްރާންސިސް އަށް ދިނުން ފަދަ ކަމެކެވެ. ފައްޔާޒަށް ދިވެހި ޤައުމުގެ ރަންނަ ބަނޑޭރިކަން ނުވަތަ ބޮޑުވަޒީރުކަން ދިނުމަކީ ސެންޓްރަލް ބޭންކުގެ ވެރިކަން އަލީ ބާބާ އާއި އޭނާގެ އެކުވެރި 40 ޗޯރުންނަށް ދިނުން ކަހަލަ ކަމެކެވެ. ރައްޔިތުން ސަމާލުވެތިއްބަވާށެވެ.

One Response
ވަރަށް އޮމާންކޮށް އަދި އެހާމެ ތިލަ ބަހުރުވައިން މި މަޒްމޫނުގައި ހިމަނުއްވާ ހާމަކުރައްވާފައި ތިޔަވާ ޚިޔާލުތަކާއި އަދި ވެދިޔަ ތަނުގައި ހާމަވެފައިވާ ކަންކަމަކީ ފާހަގަ ކުރައްވާފައި ވާ ފަދައިން ރައްޔަތުން އެކަންކަމާއި މެދު ވިސްނަން ޖެހޭނެ ކަންކަމެވެ. ޚާއްސަކޮށް އެއްވެސް އިލެކްޝަނަކާއި ހަމަޔަށް މިއިން ބޭފުޅެއްގެ ނަން ވޯޓު ކަރުދާހުގައި އޮވެގެން ގޮސްފި ނަމަ އެ ވޯޓުލުމުގައި ބައިވެރިވާ އެންމެންވެސް އެކަން ކަމާއި މެދު ވިސްނަންޖެހޭނެ ކަމުގައި ގަބޫލުކުރެވެއެވެ. އެފަދަ ހާލަތެއްގައި ވޯޓުގައި ބަްިވެރިވާނެ ބޭފުޅުން ވިސްނަމާނެ ކަމަށްވެސް ގަބޫލުކުރަމެވެ. ށަބަބަކީ މަޒްމޫނުގައި ހާމަކޮށްފައިވާ ކަންކަމަކީ ރައްޔަތުންގެ ތެރެއިން މަދު ބަޔަކު މެނުވީ ތާއީދު ކުރާނެ ކަންކަމެއް ނޫނެވެ.