ދުނިޔޭގެ ވަރުގަދަ އެއާލައިނެއްގެ މަރުކަޒަކަށް ނުވަތަ ހަބަކަށް ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއް ހެދުމަށް ސަރުކާރުން މަސައްކަތް ފައްޓާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ކޮމެޓީން މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހަނގުރާމަ ފަދަ ކަންކަން ކުރިމަތިވުމުން އެންމެ ބޮޑު ޝޮކެއް ލިބެނީ ފަތުރުވެރިން އުފުލާ އެއާލައިންތަކުގެ ދަތުރުތަކަށް ކަމަށާއި، މިހާރު މިއޮންނަ ގޮތަށް ވަކި ސަރަހައްދެއްގެ އެއާލައިން ހަބްތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ބޭރުގެ ބޮޑު އެއާލައިނެއްގެ ހަބެއް ރާއްޖޭގައި ޤާއިމް ކުރުމަކީ ކުރިމަގުގައި ދިމާވެދާނެ މިފަދަ އިގްތިސޯދީ ޝޮކްތަކުން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ލަންކާގެ މާތަލަ އެއާޕޯޓު ހަބަކަށް ހެދުމަށް ލަންކާއިން އެމިރޭޓްސް އާ ވާހަކަ ދައްކަނީ
އަމީންގެ މި ވާހަކައާ ގުޅިގެން ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ވައިގެ އުދުހުންތަކަށް ބުރޫ އަރައި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހިފައިވާ ދަނޑިވަޅުގައި، އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ ހަބެއްގެ ގޮތުގައި ޝްރީލަންކާގެ މާތަލަ އެއާޕޯޓު ވަގުތީ ގޮތުން ބޭނުންކުރަން އެޤައުމުގެ ސަރުކާރުން ހުށަހަޅާފައިވާ ކަމެވެ. ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނި ގޮތުގައި، ލަންކާގެ ދެކުނުގައި އޮންނަ މާތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު ޓްރާންސިޓް ހަބެއްގެ ގޮތުގައި ވަގުތީ ގޮތުން ބޭނުންކުރުމުގެ ޝައުގުވެރިކަން އެމިރޭޓްސް އާއި ގަތަރު އެއާވޭސްއިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަންކާ ސަރުކާރުން މިހާރު އިސްވެ ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.
އެމިރޭޓްސް ފަދަ އެއާލައިނެއްގެ ދާއިމީ ހަބެއް ރާއްޖޭގައި ހަދަން މަޝްވަރާ ފަށަންޖެހޭ
ސްރީލަނކާ އަކީ އަބަދުވެސް ރާއްޖެއާއި އިގްތިސޯދީ ގޮތުން ވާދަވެރި ޤައުމެކެވެ. އެ ޤައުމުގެ ޤައުމީ އެއާލައިން ސްރީލަންކަން އަކީ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން އަށް ވުރެ ބޮޑު، މާ ކާމިޔާބު އެއާލައިނެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވުރެ މަޝްހޫރު ސިނާއަތަކަށް ވެފައި، ރާއްޖެ އޮތް ސަރަހައްދަށް ބަލާއިރު ދުނިޔޭގެ ބޮޑު އެއާލައިނެއްގެ ދެވަނަ ހަބެއް ރާއްޖޭގައި ހަދަން އެފަދަ ފަރާތްތަކުން މާބޮޑަށް ޝައުގުވެރި ވެދާނެއެވެ. ލަންކާގެ މިހުށަހެޅުމަކީ ވަގުތީ ހުށަހެޅުމަކަށް ވާއިރު، ރާއްޖެއިން ފުރުސަތުގެ ބޭނުން ހިފައި، އެމިރޭޓްސް، ގަތަރު އެއާވޭސް ނުވަތަ އިއްތިހާދު ފަދަ އެއާލައިނެއްގެ ދާއިމީ ހަބެއް ރާއްޖޭގައި ހަދަން މަޝްވަރާ ފަށަން ޖެހެއެވެ.
ދިޔަދޮވީގެ ދެކޮޅު ކީއްކުރަންތޯ، ތިން ކޮޅުން ވެސް މިހާރު ފެން ވެހޭ
ރައިސް މައުމޫންގެ ވެރިކަމުގައި މީގެ ތިރީހަކަށް އަހަރު ކުރިން އައްޑޫ ގަން އެއާޕޯޓްގައި މިފަދަ ހަބެއް ހަދަން އެމިރޭޓްސް އިން ހުށަހެޅިއެވެ. ނަމަވެސް އެއިރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ބޭފުޅުން ބޭނުންވީ އިގްތިސޯދީ ހުރިހާ ކަމެއް މާލެއަށް ޖަމާކޮށްފައި ބޭއްވުމަށެވެ. އެއިރުގެ ވަރަށް އިސް އެއް މިނިސްޓަރަކު މިކަމާ ގުޅިގެން ވިދާޅުވިކަމަށް ވަނީ: "ދިޔަ ދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށެވެ. ނަމަވެސް މިއަދުގެ އިމާރާތްތައް ބޮޑުވެ، ދިޔަދޮވީގެ ދެކޮޅު ކީއްކުރަންތޯ، ތިން ކޮޅުން ވެސް ފެން ވެހެއެވެ. މިއަދު މިވަނީ ރާއްޖޭގެ އިގްތިސޯދު ލާމަރުކަޒީކޮށް، ސަރަހައްދީ ތަރައްޤީގައި މުޅި ޤައުމު ޝާމިލް ކުރަން ޖެހިފައެވެ.
އޮސްޓްރޭލިއާ، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިލަދޭ ރޫޓެއްގެ ގޮތުގައި ގަން ތަރައްޤީކުރުން
ބޭރުގެ އެއާލައިނެއްގެ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރަން ބަލާއިރު އެންމެ ރަނގަޅު އެއް އެއާޕޯޓެއް ކަމަށް ފެންނަނީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. ގަމުގެ 3،600 މީޓަރު ދިގު ރަންވޭ އަކީ ރާއްޖޭގެ އެންމެ ދިގު ރަންވޭ އެވެ. ގަމުގެ ރަންވޭ އަކީ ދެވަނަ ބޮޑު ހަނގުރާމާގައި އިގިރޭސި ރޯޔަލް އެއާރފޯސްގެ އަސްކަރީ ބިޔަ ބޯޓުތައް ޖެއްސޭ ފެންވަރަށް ހަދައިފައި އޮތް ރަންވޭއަކަށް ވުމުން އެ ރަންވޭ އަކީ ބިޔަ ބޯޓްފަހަރުގެ ހަބަކަށް ވަރަށް ކަމުދާނެ ރަންވޭ އެކެވެ. ގަމަކީ ބޮޑު ރަށަކަށް ވުމުން މިފަދަ ހަބަކަށް ބޭނުންވާ އެހެން ބިން ހޯދަންވެސް ފަސޭހަވާނެއެވެ. ގަން އެއާޕޯޓް އޮތީ ރާއްޖޭގެ އެންމެ ދެކުނުގައި ކަމަށް ވުމުން އެ ލޮކޭޝަނަކީ އޮސްޓްރޭލިއާ، އޭޝިއާ، އެފްރީކާ އަދި މެދުއިރުމަތި ގުޅުވާލަދޭ ރޫޓެއްގެ ގޮތުގައި ތަރައްޤީ ކުރެވިދާނެ ލޮކޭޝަނެކެވެ.
އެއިރޯ ބްރިޖް ހިމެނޭ ގޮތަށް، އެންމެ ޒަމާނީ މެޝިނަރީ ގެނެސްގެން ގަން އެއާޕޯޓްގެ ޕްރޮޖެކްޓް ފުޅާކުރުން
އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން 29 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގަމުގެ އެއާޕޯޓް، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެނަވަރަށް ބޮޑުކޮށް، ތަރައްޤީކުރަން 2023 ވަނަ އަހަރު ވަނީ ފަށައިފައެވެ. މި މަސައްކަތް 2027 ވަނަ އަހަރު ނިންމުމަށް ވަނީ ތާވަލް ކުރެވިފައެވެ. ޖުމްލަ 29 މިލިއަން ޑޮލަރު ހަރަދުކޮށްގެން މިވަރުގެ ބޮޑު ޕްރޮޖެކްޓެއް އެކުލަވައިލިއިރު މަތިންދާބޯޓަށް އަރާ އެއިރޯ ބްރިޖާއި، ޒަމާނީ އެކްސްރޭ މެޝިން ފަދަ މުހިއްމު މެޝިނަރީ ނުހިމެނޭ ގޮތަށް މި މަޝްރޫއި އެކުލަވައިލުމަކީ އެމްޑީޕީ ސަރުކާރުން ކުރި ވަރަށް މޮޔަ ކަމަކެވެ. ގަމުގައި މިފަދަ އެއާލައިން ހަބެއް ހަދާނަމަ އެއިރޯ ބްރިޖް ހިމެނޭ ގޮތަށް، އެންމެ ޒަމާނީ މެޝިނަރީ ގެނެސްގެން ގަން އެއާޕޯޓްގެ ޕްރޮޖެކްޓް ފުޅާކުރަން ޖެހެއެވެ.

ހަނިމާދޫ އެއާޕޯޓް ދެކުނު އޭޝިއާ ސަރަހައްދުގެ މިނީ ހަބަކަށް ހެދުން
ރާއްޖޭގެ އުތުރަށް ބަލާއިރު 2700 މީޓަރުގެ ދިގު ރަންވޭ އަކާއި، އެއިރޯ ބްރިޖް ވެސް ހިމޭނޭ ގޮތަށް، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭގޮތަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އެއާޕޯޓަކީ، ޝްރީލަންކާއާއި އިންޑިއާ އާ ވެސް ވަރަށް ކައިރީގައި އޮތް އެއާޕޯޓަކަށް ވުމުން އެތަނަކީ ދެކުނު އޭޝިއާ ސަރަހައްދުގެ މިނީ ހަބަކަށް ހަދަން ވަރަށް ކަމުދާ އެއާޕޯޓެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ ބޮޑު ހަބެއްގެ ގޮތުގައި އޮސްޓްރޭލިއާ، އޭޝިޢާ، އެފްރިކާ އަދި މެދުއިރުމަތިން ގޮސް ޔޫރަޕާއި ގުޅައިލަދޭ ހަބަކަށް ތަރައްޤީ ކުރަން އެންމެ ރަނގަޅު ކަމަށް ފެންނަނީ ގަން އެއާޕޯޓެވެ.
ލަންކާއިން މިފުރުސަތުގެ ބޭނުން ނުހިފަނީސް ރާއްޖެއިން އިސްނަގައިގެން އައްޑޫ ގަމުގައި މިފަދަ ހަބެއް ހެދުން
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ލިބުނު ފިލާވަޅުގެ ބޭނުން ހިފައި، މިފަދަ ހަނގުރާމައެއްގެ ނުރަނގަޅު އަސަރުން ކުރިމަގުގައި ސަލާމަތް ވުމަށްޓަކައި އެމިރޭޓްސް ފަދަ އެއާލައިން ތަކުން ދުނިޔޭގެ އެހެން ސަރަހައްދެއްގައި ދެވަނަ ހަބެއް ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ފޯބްސްއިން އެކުލަވައިލި ދުނިޔޭގެ އެންމެ އިގްތިސޯދީ ހަރަކާތް މަދު، "ފަޅު" އެއާޕޯޓުތަކުގެ ލިސްޓުގައި ހިމެނޭ މާތަލަ އެއާޕޯޓު މިފަދަ ހަބަކަށް ހަދަން ސޤރީލަންކާ ސަރުކާރުން މަސައްކަތް ފަށާފައިވާ އިރު ލަންކާ އަކީ ބިމުގެ ގޮތުން ރާއްޖެއަށް ވުރެ ބޮޑު، އިންސާނީ ވަސީލަތްތައް ރާއްޖެ އަށް ވުރެ ގިނަ، އިންސާނީ ވަސީލަތުގެ އަގު މާ ހެޔޮ ޤައުމެކެވެ. އެހެން ކަމުން ލަންކާއިން މިފުރުސަތުގެ ބޭނުން ނުހިފަނީސް ރާއްޖެއިން އިސްނަގައިގެން އައްޑޫ ގަން ފަދަ ދިވެހި އެއާޕޯޓެއްގައި މިފަދަ ހަބެއް ހެދުމުގެ މަސައްކަތް އަވަސް ކުރަން ޖެހެއެވެ. މިއީ ކުރިމަގުގައި ރައްޖޭގެ ފަތުރުވެރިކަމަށް ދިމާވެދާނެ ޝޮކަކުން ސަލާމަތް ވުމަށް ކޮންމެހެން ހިންގަން ޖެހިފައިވާ އިގްތިސޯދީ ބޮޑު ޕްރޮޖެކްޓެކެވެ.
