
ލަޠީފީ ޠާއިފްގެ އަޖައިބުވަނިވި ފަރި ފިނިފެންމަލާއެވެ!
ރޯސާ ދަމަސްކޭނާއެވެ!
ތިބާއަށް ސަލާމެވެ!
ޠާއިފުގެ ރީތިކަމާއެވެ!
ފަރުބަދަތަކުގެ މަތީން ގުދުގުދުލީ ރިވެތިނަލަ މަގުތަކުގެ ހިތްގައިމުކަމާއެވެ!
ބައެއް މަގުތަކުގެ ދެފަރާތްމެ ފެހިވެފައިވަނީ ދިގުދިގު އަޝޯކާގަސްތަކުގެ ނަލަފެހީންނެވެ.
އަނެއްބައިމަގުތައް ޒީނަތެރިވެފައިވަނީ ސަހަރާމާގަސްތަކުގެ ފެހީންނެވެ.
ޠާއިފްގެ ފިނިފެންމަލުގެ ބަގީޗާތައް ފަރިއެވެ.
ފެހީގެ އާލަމެއްގެ މަތީ މަޑުފިޔާތޮށި ކުލަޔައާއި ގަދަފިޔާތޮށި ކުލައިގެ ދޫލަތައް ފެތުރިފައިވާ ފަދައެވެ.
މީރުވަހުން ހިތްފުރެއެވެ.
މޭ ތާޒާވެ އުތުރި އަރައެވެ.
ކޮންފަދަ އަޖައިބެއްބާވައޭ ހިތަށް އަރައެވެ!
ކުލަތައް ރީއެއްޗެވެ!
ފިޔަތައް ފުރިހަމައެވެ.
ކޮންމެ މަލެއްގައިމެ ތިރީސް ފިޔައެވެ.
ބަނޑުވައްއަކުރާއި ފިލިކޯޅިޔާއި ކާފިޔާތައް ފުރިހަމަ ޅެމެއް ފަދައެވެ.
ރޯސާ ދަމަސްކޭނާއެވެ!
ތިބާ ތިޔަ ފޮޅެނީ ހާދަ އުހުގައެވެ!
ހާދަ މަތިވެރި މަގާމުތަކުގައެވެ!
ބަހުރުގެ ސަތަހައިން ދެހާސް މީޓަރުގެ މަތީގައެވެ.
ފިނީގައެވެ.
ކޮންފަދަ ނަލަކަމެއް ހެއްޔެވެ!
އޭ ޠާއިފްގެ ރީތި ފިނިފެންމަލާއެވެ!
ތިބާގެ ޒީނަތްތެރިކަން ބަހާރެއް ފަދައެވެ.
ތިބާގެ ރީތިކަމާއި ނަލަކަން ޖަންނަތެއް ފަދައެވެ.
ކޮންފަދަ ފަޚުރުވެރިކަމެއް ހެއްޔެވެ!
ބަރަކާތްތެރި ކައުބާ ފެންވަރުވަނީ ތިބާގެ ޠާހިރު، ވަސްމީރު ފެނުންނެވެ.
އެ ކައުބާގެ މުގައްދަސް އުރަކޮޅުގެ ހުވަނދު ދާއިމްކުރަނީ ތިބާގެ ތެލުންނެވެ.
އޭ ލަޠީފީ ޠާއިފްގެ ޢަބީރު އުތުރޭ ރީތި ފިނިފެންމަލާއެވެ!
ރޯސާ ދަމަސްކޭނާއެވެ!
ތިބާއަށް ސަލާމެވެ! ސަލާމެވެ! ފަށްފަށުން ސަލާމެވެ!
